އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޝައްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް ކުރުން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު 4:00 އަށެވެ.
އޭނާއަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެއީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާ ގުޅިގެން ގަވައިދާ ޚިލާފު އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންގެ ބަޔަކު ހައްޔަރުކޮށް އޭގެ ތެރެއިން އެކަކުގެ އަތުން 530،000 ރުފިޔާ ނެގި ކަމަށް ތުހުމަތު ކޮށެވެ.
އެކަމަކު އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ.
ނަމަވެސް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކުރީ ޝައްމާންގެ މައްޗަށް އެ ތިން ދައުވާ ވެސް ސާބިތުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެއީ:
- މަނީ ލޯންޑްރިންގެ ކުށަށް 15 އަހަރު
- ފޭރުމުގެ ކުށަށް 08 އަހަރު
- ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށަށް ދެ އަހަރު
ޝައްމާން ވިދާޅުވީ އެ މައްސަލައަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް، ވަކި ބަޔަކު ބޭނުންކޮށްގެން އޭނާ ފްރޭމްކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި އޭނާއަށް ޖަލު ހުކުމެއް ކުރާނެކަން ކަށަވަރުވާ ކަމަށާއި އެހެންވެ، މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުޑައިރުކޮޅެއް ކުރިން މައްސަލައާ ގުޅޭ ޓްވީޓްތަކެއް ކުރެއްވިކަން ޝައްމާން ފާހަގަކުރެއްވިއެވެ. އެ ޓުވީޓުތަކުގައި ވަނީ ރާއްޖޭގެ މައި ދޮރު، ބޯޑަ ކޮންޓްރޯލް ސިސްޓަމް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވަކި ބަޔަކަށް ވަނީ ވިއްކާލާފައި ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ޝައްމާން މަސައްކަތް ކުރުމުންނާއި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން އޭނާއަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގުޅުއްވި ކަމަށް ލިޔުއްވާފައިވެއެވެ.
ކަން އެހެން އޮއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކުރައްވައި، ޝައްމާން ދެއްކެވި ވާހަކަތައް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވަނީ ދޮގު ވެސް ކުރައްވައިފައެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ އޭނާގެ މައްޗަށް ޝައްމާން ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައިފައެވެ. ނަމަވެސް މިނިސްޓަރު އިހުސާންގެ ބަހެއް އަދި މިކަމާ ގުޅޭ ގޮތުން ލިބިފައެއް ނުވެއެވެ.
މި މައްސަލައިގައި ޝައްމާންގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝައްމާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށް އެ އާއިލާއިން ތުހުމަތު ކުރެއެވެ.