ޕީއެންސީން އުޅެނީ "އަނގައިން" ބަލި ނުވާން, ރައީސް މުއިއްޒު އެ ހުންނެވީ ރަނގަޅަށް ބަލިވެފައި: ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ވެރިކަންކުރާ ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނުއިރު، އުޅެނީ "އަނގައިން ބަލިނުވާން" ކަމަށް --- ސަން ފޮޓޯ: ޝަމްޢޫން މުޙައްމަދު

ވެރިކަންކުރާ ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު ނަމަވެސް އުޅެނީ "އަނގައިން ބަލިނުވާން" ކަމަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަ ރަނގަޅަށް ވެސް ބަލިވެވަޑައިގެންފި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އައު މެންބަރަކު އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަން އިއްޔެ ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ)އެވެ. ސޯބެއަށް 1،375 ވޯޓު ލިބުނުއިރު، ޕީއެންސީގެ ފަރާތުން އޭނާއާ ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ)އަށް ލިބުނީ 1،313 ވޯޓެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު، ސޯބެ އިންތިޚާބު ކާމިޔާބުކުރެއްވީ 62 ވޯޓުގެ ކުޑަ ތަފާތަކުންނެވެ.

މި އިންތިޚާބުގެ ނަތީޖާއާ އެކު، ވެރިކަންކުރާ ޕީއެންސީގެ ބައެއް އެކްޓިވިސްޓުންނާއި ސަރުކާރުގެ ބައެއް ވަޒީރުން ވަނީ ސަރުކާރަށް ލިބުނު ކާމިޔާބެއް ގޮތަށް ސިފަކޮށް، މީސްމީޑިއާއަށް އެކި ޕޯސްޓުތައް ދޫކޮށްލައިފައެވެ.

https://sun.mv/222953

އެ ޕޯސްޓުތަކާ ގުޅިގެން ނަޝީދު 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަކީ 2024ވަނަ އަހަރުގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީއަށް ބޮޑު އަޣުލަބިއްޔަތަކުން ލިބިފައިވާ ގޮނޑިއެއްކަން ފާހަގަކުރައްވައިފައެވެ

"ބައެއް ފަހަރު ތަޅާ ފޮޅާއިރު ވާގޮތެއް އޮވޭ، ގަދަ މީހާ ޖަހާއިރަށް އަނގައިން ބަލިނުވާ މީހާ ބުނާނެ، 'ދެން ޖަހައިބަލަ'.. އެންމެ ފަހުން ހެސް ކިޔާފައި ކަންކަށީގައި ޖަހާ ވެއްޓުނީމާ ބުނާނެ، އައްދެ ކިރިޔާ ޖެހުނުކަމޭ،" އެ މަނިކުފާނު ލިޔުއްވައިފައިވެއެވެ.

އިދިކޮޅު އެމްޑީޕީން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ލިބުނުކަން ފާހަގަކުރައްވައި، ނަޝީދު ލިޔުއްވައިފައިވަނީ ރައީސް މުއިއްޒު ހަމަ ރަނގަޅަށް ވެސް ބަލިވެވަޑައިގެންފައިވާ ކަމަށެވެ.

ރޭ ގދ. ގައްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ، ރައީސް މިހާރު އެ ހުންނެވީ "ތިންފަށް ވެފައި" ކަމަށާއި ދެން ރައީސަށް އޮތް ގޮތަކީ އަލުން ފެއްޓެވުން ކަމަށެވެ. ޖައްސަޖައްސައިގެން ތިން އިންތިޚާބުން ބަލިވުމުގެ ސަބަބުން ރައީސް މުޢިއްޒު މަގާމުގައި ހުންނެވުމުގެ އެއްވެސް ހައްގެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގައި ބަލިވެގެންދިޔައީ އިންތިހާއަށް، ފެންނަ ނުފެންނަ ވޯޓު ނެގުމަށް، ބަލިވެގެންދިޔައީ އިންތިހާއަށް. އަނެއްކާ ބައި-އިލެކްޝަނެއް ހަމަ ބޭއްވީ، ބަލިވެގެން އެ ދިޔައީ، އެ މަނިކުފާނު މިހާރު އެހެރީ ތިންފަށްވެފައި،" ނަޝީދު ވިދާޅުވިއެވެ.

ރައީސަށް އޮތް މަގުބޫލުކަމާއި އިތުބާރު ގެއްލިއްޖެ ކަމަށް ވިދާޅުވެ، ނަޝީދު ވިދާޅުވީ ރައީސް މުޢިއްޒު ތިންފަށް ބައްޔަކުން ބަލިވެވަޑައިގަތީ އެކަނި ނޫން ކަމަށާއި އެމްޑީޕީން ތިން ފަހަރު ޖައްސަޖައްސައިގެން އިންތިޚާބުތައް ކާމިޔާބުކުރީ ކަމަށެވެ. އެމްޑީޕީގެ ޖޯޝާއި ރޫހު އަނެއްކާ ވެސް ފެންނަން ފަށައިފި ކަމަށާއި އަމާޒު މިހާރު އޮތީ 2028އަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިއްޔެގެ އިންތިޚާބާ ގުޅިގެން މި ސަރުކާރުގެ އާޓްސް މިނިސްޓަރު ހީނާ ވަލީދު ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައިވަނީ އައްޑޫގައި ބަހައްޓާފައި ހުރި ފޮށިތަކުން ސަޢީދަށް ކުރި ލިބުނުކަން ފާހަގަކުރައްވާފައެވެ.

"ތިން ރައީސުންގެ ތާއީދާ އެކު 62 ވޯޓުގެ ތަފާތަކީ އުއްމީދީ ނަތީޖާއެއް،" ސޯބެއަށް ވެސް މަރުހަބާ ދަންނަވައި، ހީނާ ކުރެއްވި އެ ޕޯސްޓުގައިވެއެވެ.

ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ލިޔުއްވައިފައިވަނީ ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުން ޕީއެންސީއަށް އަޣުލަބިއްޔަތު ލިބުމުން ދޭހަވަނީ ޕީއެންސީއަށް ދާއިރާގެ ރައްޔިތުން ކުރާ އިތުބާރު އޮތްކަން ކަމަށެވެ.

މީގެ އިތުރުން، ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ނައިބު ރައީސް ޙުސައިން ރަޝީދު 'ފޭސްބުކް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އައްޑޫ ހިތަދޫ އުތުރުގެ ބައި-އިލެކްޝަންގެ ނަތީޖާއަކީ ކުރީގެ ތިން ރައީސުންނާ ވާދަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދެވި "ތާރީޚީ" ކާމިޔާބެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙް 'އެކްސް'ގައި ލިޔުއްވި ޕޯސްޓެއްގައި ވެސް ވަނީ އިންތިޚާބުން ލިބުނު ނަތީޖާއަކީ އައްޑޫ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

"އެމްޑީޕީގެ ރިޔާސީ ހުރިހާ ކެންޑިޑޭޓުން، އިބޫ، އަންނި، ފައްޔާޒް، ޝާހިދު، ޢާޒިމް އަދި އަދި މުޅި އުމުރުގައި އެ ދާއިރާގެ މެންބަރުކަންކުރި އަސްލަމާއި ދެން ވެސް އެމްޑީޕީގެ ގައުމީ މަޖިލީސް އެކުގައި ހިތަދޫއަށް އަރައިގެންނާއި އެމްޑީޕީއާ އެކު ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ބުނެއުޅުނު ޔާމީން ތާއީދުކޮށްގެން ވެސް, މިއަދު އޮތް އިންތިޚާބުގައި ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އައްޑޫ ރައްޔިތުން ވަނީ ތިން ދައުރަކު އައްޑޫގެ މޭޔަރުކަން ކުރި ޞާދިގު ލަދުވެތި ގޮތަކަށް ބަލިކޮށްލާފައި،" ކުރީގެ ތިން ރައީސުންނަށް ވެސް ފާޑުވިދާޅުވެ، ފަލާޙް ކުރެއްވި ޕޯސްޓުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން، ސޯބެއަށް ތާއީދުކުރައްވާކަން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވައިފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ގޮނޑި ފުރުއްވަމުން ގެންދެވި ކުރީގެ މެންބަރު މުޙައްމަދު ސިނާން (ސިނާ)އާއި އިތުރު ބަޔަކު އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ 12ވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެންނެވެ.

ފާހަގަކުރެވޭ ގޮތުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ސަރުކާރުން ކުރިމަތިލީ މިދިޔަ އޭޕްރިލް މަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއަށް ފަހެވެ.

ސޯބެ ހިތަދޫ އުތުރުގެ ގޮނޑި ކާމިޔާބުކުރެއްވުމުން، ދެން މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ 13 މެންބަރުން ތިއްބަވާނެއެވެ. އަދި، މަޖިލީހުގައި ޕީއެންސީ ތަމުސީލުކުރައްވާނީ 74 މެންބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 62 ވޯޓުގެ ކުޑަ ތަފާތަކުން އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޢަބްދުالله ޞާދިޤް ކާމިޔާބުކުރައްވައިފިއެވެ. މި ނަތީޖާއާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސަރުކާރަށާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ މަނިކުފާނު ސިފަކުރެއްވި ގޮތުގައި މިއީ ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއެކެވެ. ނަމަވެސް، ސަރުކާރުގެ ވަޒީރުންނާއި ވެރިކަންކުރާ ޕީއެންސީގެ އިސް ބޭފުޅުން ވަނީ، ކުރީގެ ތިން ރައީސުންގެ ތާއީދާއެކު ވެސް އެމްޑީޕީއަށް ލިބުނު ހަނި ކާމިޔާބީއަކީ ޕީއެންސީއަށް އޮތް ތާއީދު އަންގައިދޭ އުއްމީދީ ނަތީޖާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

  • އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ޢަބްދުالله ޞާދިޤަށް 1375 ވޯޓު ލިބިވަޑައިގެންނެވިއިރު، ޕީއެންސީގެ އަޙްމަދު ސަޢީދަށް ލިބިވަޑައިގަތީ 1313 ވޯޓެވެ.
  • ރައީސް ނަޝީދު ވިދާޅުވީ ވިދިވިދިގެން ތިން އިންތިޚާބުން ސަރުކާރު ބަލިވެފައިވާ ކަމަށާއި، ރައީސް މުޢިއްޒަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
  • ޕީއެންސީގެ އޮފިޝަލުން ދެކެވަޑައިގަންނަވާ ގޮތުގައި، ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތްކޮށް، ކުޑަ ތަފާތަކުން މޮޅުވުމަކީ ޕީއެންސީގެ މަގުބޫލުކަން ދައްކުވައިދޭ ކަމެކެވެ.
  • މި ގޮނޑި ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މެންބަރުގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައަކާ ގުޅިގެންނެވެ.
  • މި ކާމިޔާބީއާއެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 13 އަށް އަރާފައިވާއިރު، ޕީއެންސީގައި ތިއްބަވަނީ 74 މެންބަރުންނެވެ.
comment ކޮމެންޓް