ތިން ރައީސުންގެ އިޝާރާތަކަށް ޕީއެންސީ ދޫކޮށްލަން ތިއްބެވި މެމްބަރުން މިހާރުވެސް އެބަތިބި ކަމަށް ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ޢަބްދުالله ޞާދިގްގެ ކެމްޕެއިނަށް އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޞާލިޙް އިޝާރާތް ކުރެއްވީ، އެ މަނިކުފާނާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށެވެ. އެގޮތުން އެ ތިން ބޭފުޅުން ވަނީ، މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަންނަ ކަމަށް ވިދާޅުވެ އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމަކަށް ވަޑައިގަތްކަން މިދިޔަ މަހު އިއުލާންކުރައްވައިފައެވެ.
އައްޑޫގައި ބޭއްވި ޖަލްސާގައި ޞާލިޙް ވިދާޅުވީ މި ރާއްޖޭގައި މިހާރު ހަމައިން ނެއްޓިފައިނުވާ އެއްވެސް ކަމެއް ވެސް އިސްލާހުކުރަން ޖެހިފައިނުވާ އެއްވެސް ކަމެއް ވެސް ނެތް ކަމަށެވެ. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކެނީ ރައްޔިތުންގެ މަޖިލީސް ސަލާމަތްކޮށް މަޖިލީހަކީ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ހެދުމަށް ކުރަންޖެހިފައިވާ މަސައްކަތް ކަމަށް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ޞާލިޙް ވިދާޅުވީ މިއަދުގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ތިއްބެވި ހާލަށް ބަލާއިރު މަޖިލީހަކީ ރައްޔިތުންގެ ތަނެއްގެ ގޮތުގައި ހެދުމަށް ކުރަންޖެހިފައިވާ މަސައްކަތް ކުރެވޭތަން ނުފެންނަކަަމަށެވެ. އެ މަސައްކަތް ކުރެވޭނީ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް މަޖިލީހުގައި މަސައްކަތްކުރުމުގެ ފުރުސަތު ދީގެންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު މިރޭ ވިދާޅުވީ ތިން ރައީސުންގެ އިޝާރާތަކަށް ޕީއެންސީ ދޫކޮށްލަށް މިހާރުވެސް މަޖިލީހުގައި މެމްބަރުންތަކެއް ތިއްބެވި ކަމަށެވެ.
އަޅުގަނޑަށް މީގެ ދެ ދުވަސް ކުރިން ގުޅި ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު. ތިބޭފުޅުން މަސައްކަތްތަކެއް ފައްޓަވާފީމެންނުންހޭ، ތި މަންނަމެން ޕާޓީ ދޫކޮށްފަ ނިކުތީމަ، ގޮނޑި ގެއްލުނީމަ އެ ގޮނޑި ހޯދައިދޭން އަޅުގަނޑުމެން ތިން މީހުން މިއަދު އެއްބަސްވިޔަސް ތިމަންނަމެން މިތިބީ މި ސަރުކާރު ޖަވާބުދާރީ ކުރަން ނިކުންނަން ތައްޔާރަށޭ. އެތައް ބަދަލުތަކެއް ރައްޔިތުންގެ މަޖިލީހަށް އެބަ އާދޭ. ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް
ޞާލިޙް ވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރަކުން ބިލެއް ފޮނުވި ނަމަވެސް އެ ބިލަކީ އޮތްގޮތަށް ފާސްކުރަންޖެހޭނެ ބިލެއް ނޫންކަމަށް ވިދާޅުވަފައެވެ. އެ ބިލާމެދު އެއީ ކިހިނެއް ކޮށްފައިވާ ދިރާސާއެއްތޯއާއި އޭގެމައްޗަށް ބިނާވެފައިވަނީ ކޮން ކަމެއްތޯއާއި އޭގައިން ނިކުންނާނެ ނަތީޖާއަކީ ކޮބައިތޯ ބެލުމަށްފަހު ނޫނީ މަޖިލީހުން ކަމެއް ކޮށްގެން ނުވާނެ ކަމަށް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއިނ ްމިރޭ އައްޑޫގައި ކުރިއަށްގެންދިޔަ ޢަބްދުالله ޞާދިޤްގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: އެމްޑީޕީގެ ލީޑާޝިޕް --- ފޮޓޯ އެމްޑީޕީ
އަޅުގަނޑު މި ދެންނެވިހެން މިއަދުގެ ހާލަތަކީ، އަޅުގަނޑުމެންގެ ޕާޓީގެ ރައީސް ވިދާޅުވިހެން ރިމޯޓު އޮތީ ރައީސްގެ އަތްޕުޅުގައި. ޕީއެންސީގެ ސުޕަ މެޖޯރެޓީގެ ރިމޯޓު އޮތީ ރައީސްގެ އަތްޕުޅުގައި. އެހެންވީމަ ރައްޔިތުނެގެ މަޖިލީހަކަށެެއް ރައްޔިތުންގެ ވިސްނުމާ އެއްގޮތަކަށް މި ގައުމު ބޭނުންވާގޮތަށް ކަމެއް ކުރެވޭކަށްނެތް. މި ސަބަބުތަކާހުރެ ރައްޔިތުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަން މި ޖެހެނީ. ކުރީގެ ރައީސް އިންރާޙިމް މުޙައްމަދު ޞާލިޙް
ޞާލިޙް ވަނީ މިއަދުގެ މަޖިލީހުގައި މެމްބަރުންނަށް މިނިވަންކަމާއެކު އަޑުއުފުލެން ނެތް ކަމަށް ވިދާޅުވެފައެވެ. މެމްބަރުން ތަމްސީލުކުރާ ޕާޓީއަށް އެ މެމްބަރަކު ވަކިކުރުމުގެ ބާރު މިހާރު ލިބިފައި އޮންނަކަމަށް ވިދާޅުވެ ޞާލިޙް ވަނީ މެމްބަރުން ފަސް އަހަރު ދުވަހު ތަޅު އެޅުވިގެން ހުންނަން ނުޖެހޭނެ ކަމަށާއި ޕާޓީ ދޫކޮށް ދިއުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ވިދާޅުވެފައެވެ.
ޞާލިޙް ވިދާޅުވީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރުގައި ގެނެސްފައިވަނީ ވަރަށް ދެކޮޅުނުޖެހޭ އިސްލާހެއް ކަމަށާއި އެކަންތައްތައް ބަދަލުކުރަންޖެހޭ ކަމަށެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ އެމްޑީޕީއަށް އޮންނަ ތާއިދު އިތުރުވެ މިހާރު އަންނަނީ ''ތިލަފަށް ބަރުވަމުން'' ކަމަށާއި އަންނަ ހޮނިހިރު ދުވަހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓް ހޮވޭނެ ކަމަށެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހަށް އެތައް ބަދަލުތަކެއް އަންނާނެ ޞާލިޙް ވިދާޅުވިއެވެ.
މަޖިލީހުގައި މިހާރު ޕީއެންސީގެ 74 މެންބަރުން ތިއްބަވާއިރު، އެމްޑީޕީއަށް ނިސްބަތްވަނީ 12 މެންބަރުންނެވެ.