3 ރައީސުން: އިނަފް އިޒް އިނަފް، ދުލެއް ނުދޭނަން

3 ރައީސުން ދެއްވި ނޫސްވެރިންގެ ބައްދަލުވުން: ވިދާޅުވީ ދެން ދުލެއް ނުދެއްވާނެ ކަމަށް -- ސަން ފޮޓޯ/ އަހުމަދު އިޔާދު

ދިވެހިރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، އަދި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު، އެބޭފުޅުންގެ މެދުގައި ހުރި ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރެއްވުމަށްފަހު، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުމަށް ގުޅިގެން މަސައްކަތްކުރެއްވުމަށް ނިންމަވައިފިއެވެ. މި ތިން ބޭފުޅުން ވަނީ މި މަސައްކަތުގައި އެއްވެސް ދޫދިނުމެއް ނެތި ކުރިއަށް ވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ.

  • ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތްކުރައްވަން ނިންމެވުން
  • ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތްކުރެއްވުން
  • އަމާޒަކީ ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރުން
  • މި މަސައްކަތުގައި އެއްވެސް ދޫދިނުމެއް ނެތްކަން ހާމަކުރެއްވުން

ޚިޔާލުތަފާތުވުންތައް އެއްފަރާތް ކުރައްވައި، ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަކުރަން ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވާނީ އެއްވެސް ދޫ ދިނުމެއް ނެތި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރާ ދެކޮޅަށް ތިން ރައީސުން އެއް މޭޒެއް ދޮށަށް ވަޑައިގެން ބެއްވެވި ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ތިން ރައީސުން ވެސް ވަނީ އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންކަން އިއުލާނު ކުރައްވައިފައެވެ. އަދި އެއީ ވަކި 'ޓައިމްލައިން'އެއް ކަނޑައަޅައިގެން ކުރައްވާނެ މަސައްކަތްޕުޅެއް ނޫން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަޑުއައްސަވަންދެން ކުރައްވާނެ މަސައްކަތްޕުޅެއް ކަމަށް ތިން ރައީސުން ވެސް ވިދާޅުވިއެވެ.

ހަމައެއާއެކު އެންމެ ފުރަތަމަ ކަމަކަށް ހައްޔަރުކުރި ނޫސްވެރިން 'މިހާރުން މިހާރަށް' ދޫކޮށްލައި، ޝަރީއަތް ހުއްޓާލަން ތޮން ރައީސުން ވެސް ވަނީ ޑިމާންޑުކުރައްވައިފައެވެ.

3 ރައީސުން ދެއްވި ނޫސްވެރިންގެ ބައްދަލުވުގައި ޔާމީން ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެއްވެސް ދޫ ދިނުމެއް ނެތި، އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަމާޒަކީ އެއްވެސް ވަރަކަށް ދޫ ނުދީ މިކަން ކުރާނަން، [ރައީސް] މުއިއްޒު މިކަން އަޑު އަހައިގެން ކަން ކުރައްވަންދެން މި މަސައްކަތް ކުރަމުން ގެންދާނަން،" ޔާމީން ވިދާޅުވިއެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ، ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މުހިންމުކަން ފާހަގަކުރައްވައި, ޔާމީން ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުން އިންތިހާއަށް ތަދުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރު ހަމަމަގަށް އެޅުވުމަކީ ސިޔާސީ ފަރާތްތަކުގެ އިތުރުން ނޫސްވެރިންގެވެސް ގައުމީ ވާޖިބެއް ކަމަށެވެ. ހަމައެއާއެކު ޝަރުއީ ނިޒާމު މެދުވެރިކޮށް މީޑިއާއަށް ބިރުދެއްކުމާއި، ނޫސްވެރިންގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތްތަކަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ ދައުލަތް ހަމަމަގުން ހިނގާތޯ ބެލުމަށް އޮތް އެންމެ ބޮޑު ރައްކާތެރިކަން ކަމަށާއި، އެ ފުރުސަތު ހަނިކުރުމަކީ ގައުމުގެ ކުރިމަގަށް އޮތް ނުރައްކަލެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ އެމްޑީޕީގެ ކުރީގެ ދެ ރައީސުންނާ އެކު ޔާމީން މަޝްވަރާކުރައްވާ ފުރަތަމަ ފަހަރެވެ. އެއީ، މި ވަގުތު ސިޔާސީ މައިދާނުގައި ތިއްބެވި އެންމެ ނުފޫޒު ގަދަ ތިން ރައީސުން ކަމަށްވުމުން މިއީ ތާރީޚީ ކަމެކެވެ.

އެކަމަކު، މީގެ ކުރިން ވެސް ކުރީގެ ރައީސުންނާއި ސިޔާސީ ލީޑަރުން އެކިއެކި ސަރުކާރުތަކާ ދެކޮޅަށް އެއްގަލަކަށް އަރާފައިވެއެވެ. އެ ގޮތުން، ކުރީގެ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން އެއް ގަލަކަށް އެރުއްވިއެވެ. އަދި، ޔާމީންގެ ވެރިކަމާ ދެކޮޅަށް ވެސް އެ މަނިކުފާނުގެ އެއްބަފައި ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭހެން އޭރުގެ ހުރިހާ އިދިކޮޅު ލީޑަރުން އެއް ގަލަކަށް އެރުއްވިއެވެ.

comment ކޮމެންޓް