މާލޭގެ މާފަންނުގެ ގެއެއްގައި އަލިފާން ރޯވެ, ހަތަރު މީހަކު ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ މާފަންނު، ކާނިމާގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދުގެ 16:50 ހާއިރު ކަމަށާއި އެއާއެކު މާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އަލިފާން ނިއްވުމަށް ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ފަޔާފައިޓަރުންގެ މަސައްކަތުން 17:27 ހާއިރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.
އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ އެޕާޓްމެންޓްގައި އޮތް ގޮދަޑިއެއްގައި ކަމަށާއި އެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފްއިން ހިއްސާކޮށްފައިވާ ފޮޓޯތަކުން އެ ކޮޓަރީގެ ތެރޭގައި ދެ ބަންކް ބެޑް ހުރިއިރު، އެނދުތައް އެއްކޮށް އަނދައި، ކޮޓަރިއަށް ބޮޑެތި ގެއްލުންތައް ވެފައިވާ މަންޒަރު ފެނެއެވެ.
އޭގެ އިތުރުން އެ އެޕާޓްމެންޓްގެ ބަދިގެއަށް ވެސް ދުމުގެ އަަސަރުކޮށް، ކަޅު ދިލަ ހިފާފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.
އެ އެޕާޓްމެންޓްގައި ރޯވާން މެދުވެރިވި ސަބަބެއް ސިފައިން ހާމަކޮށްފައިނުވެއެވެ.