ޢަރަފާތް ދުވަހަކީ އެންމެ މާތް ދުވަހެވެ. އެއީ ދުނިޔެއަށް އިރުއެރި ހުރިހާ ދުވަހެއްގެ ތެރެއިން ވެސް އެންމެ މާތް ދުވަހެވެ.

ޢަރަފާތް ދުވަހަކީ އަޅުގަނޑުމެންނަށް ޓަކައި އަޅުގަނޑުމެންގެ ދީން ފުރިހަމަކޮށްދެއްވި ދުވަހެވެ. ޢަރަފާތް ދުވަހަކީ އެ ދުވަސް ގަންދެއްވައި މާތް ﷲ ހުވާ ވަޙީކުރެއްވި ދުވަހެކެވެ. އެ ދުވަހު ހިފާ ރޯދަ މަތިވެރިވެގެން ވެއެވެ. އެ ރޯދައިގެ ސަވާބާއި ދަރުމަ އިތުރުވެގެން ވެއެވެ. ޢަރަފާތް ދުވަހަކީ އަޅުތަކުން ކުރެ އެންމެ ގިނަ މީހުން ނަރަކައިން މުއްތިކުރައްވާ ދުވަހެވެ.

ޢަރަފާތް ދުވަހުގެ މާތްކަން ބަޔާންކުރައްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «وَمَا مِنْ يَوْمٍ أَفْضَل عِنْدَ اللهِ مِنْ يَوْمِ عَرَفَة» (ابن حبان: 3853) މާނައީ: "އަދި މާތް ﷲގެ ޙަޟްރަތުގައި ޢަރަފާތް ދުވަހަށްވުރެ މާތް ދުވަހެއް ނުވެއެވެ."

އިސްލާމްދީން ފުރިހަމަ ކުރެއްވިކަމުގެ ޚަބަރު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمއަށް ދެއްވީ، ޢަރަފާތް ދުވަހުގައެވެ. އިތުރު އެކަލޭގެފާނު ޢަރަފާތުގެ މާތް ބިމުގައި ހުންނަވަނިކޮށެވެ. ﷲ تعالى ވަޙީކުރެއްވިއެވެ. ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًاۚ فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِّإِثْمٍۙ فَإِنَّ اللَّهَ غَفُورٌ رَّحِيمٌ﴾ (المائدة: ‎٣) މާނައީ: "ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."

މި ދީނަށް އެންމެ މަތީ ޝަރަފު ލިބުނު ދުވަހަކީ ޢަރަފާތް ދުވަހެވެ. ﷲގެ ނިޢުމަތް ފުރިހަމަކުރެއްވި ކަން އެންގެވުމާއި އެއިލާހު ބާވައިލައްވާ ދީން ވެސް ފުރިހަމަ ކުރައްވައިފި ކަމުގެ އިޢުލާނަކީ ކިހާ އުފާވެރި ކަމެއްތޯއެވެ؟ އަދި އެއިލާހުގެ ޙަޟްތަރުގައި ރުހިޤަބޫލުވެގެންވާ ދީނަކީ ވެސް މި ދީން ކަން އަންގަވައި އިޢުލާނު ކުރެއްވުމުން އެއަށްވުރެ ވަކީން ބޮޑު ޝަރަފެއް އޮންނާނެތޯއެވެ؟ މިއަދު ދުނިޔޭގައި ތިބި އެތައް ބިލިއަން އިންސާނުންގެ ތެރެއިން، ﷲ، އެ ދީނަކަށް ރުއްސަވައިފައި އޮތް ދީނުގެ އަހުލުވެރިންގެ ތެރެއިން އަޅުގަނޑާއި ތިބާ ހިމެނުމީ ކިހައި ބޮޑު ޝަރަފެއްތޯއެވެ؟

ޢަރަފާތް ދުވަސް ގަންދެއްވައި ހުވާގެ ބަސްފުޅު ﷲ ވަޙީކުރެއްވީ އަންނަނިވި ފަދައިންނެވެ. ﴿وَشَاهِدٍ وَمَشْهُودٍ﴾ (البروج: ٣) މާނައީ: "އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ." އަބޫ ހުރައިރާ رضي الله عنهގެ އަރިހުން އިމާމް ތިރިމިޒީ ނެރުއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. "الْيَوْمَ الْمَشْهُوْد އަކީ ޢަރަފާތް ދުވަހެވެ."

ޢަރަފާތް ދުވަހުގެ މާތްކަމާއި ޝަރަފަށް ޓަކައި އެ ދުވަހުގެ ރޯދައަށް ޚާއްޞަ އަހަންމިއްޔަތެއް ވަނީ ދެވިފައެވެ. އެ ދުވަހު ރޯދަހިފުން ސުންނަތްކަން ގަދަވެގެން ވެއެވެ. އެ ދުވަހުގެ ރޯދަޔާ ބެހޭ ގޮތުން ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވައިފައި ވެއެވެ. «صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ» (مسلم: 1162) މާނައީ: "ޢަރަފާތް ދުވަހުގެ ރޯދައިން ފާއިތުވެދިޔަ އަހަރާއި ކުރިޔަށް އޮތް އަހަރުގެ ފާފަ ފުއްސެވުމަށް، ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." މިއީ މުސްލިމުންނަށް ކިހާ އުފާވެރި ޚަބަރެއްތޯއެވެ؟ މުސްލިމުންގެ އެންމެ ބޮޑު އުންމީދަކީ އެ މީހުންނަށް ކުރެވޭ ފާފަތަކަށް މާފުލިބުމެވެ. ﷲ ޢަފޫކޮށްދެއްވުމެވެ. އެ ފާފައިގެ ސަބަބުން އޭނާ ސުވަރުގެއިން މަހުރޫމުވެދާނެތީ ބިރުވެތި ވެއެވެ. ނަރަކައަށް ވަންނަން ޖެހިދާނެތީ ޖެހިލުން ވެއެވެ. އެހެންކަމުން ފާފަފުއްސަވައިދެއްވާނެ ކަމުގެ ޚަބަރަކީ ކިހާ އުފާވެރި ޚަބަރެއްތޯއެވެ؟

އެންމެ ގިނައިން މީހުން ނަރަކައިން މުއްތިކުރައްވަނީ ވެސް ޢަރަފާތް ދުވަހުއެވެ. އެ ކަން ބަޔާންކުރައްވައި މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޢަރަފާތް ދުވަހަށްވުރެ ގިނައިން، މާތް ﷲ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެއް ނުވެއެވެ." (مسلم: 1348)

ޢަރަފާތް ދުވަސް މި ވަނީ އަޅުގަނޑުމެންނާ ބައްދަލުވެފައެވެ. މި ދުވަހު އަޅުގަނޑުމެން ކުރަނވީ ވަރަށް މަތިވެރި ދުޢާއެއް އޮވެއެވެ. ޢަރަފާތް ދުވަހު ކުރައްވާނީ ކޮން ދުޢާއެއްތޯ، މުއުމިނުތަކުންގެ މައިކަމަނާ ޢާއިޝާ رضي الله عنها މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އާ ސުވާލު ކުރެއްވި ހިނދު، އެކަމަނާއަށް އުނގަންނަވައިދެއްވީ އަންނަނިވި ދުޢާއެވެ. «لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ» އެވެ. (الترمذي: 3585)

ޢަރަފާތް ދުވަހަކީ އިރުއެރި އެންމެ މާތް ދުވަހެވެ. މާތް الله މި ދުވަހު އިސްލާމްދީން ފުރިހަމަކުރައްވައި، އެކަލާނގެ ނިޢުމަތްތައް މުސްލިމުންނަށް ފުރިހަމަކޮށްދެއްވިއެވެ. އަދި ކީރިތި ޤުރުއާނުގައި މި ދުވަސް ގަންދެއްވައި ހުވާކުރައްވާފައިވެއެވެ. މިއީ މާތް الله އެންމެ ގިނަ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަސް ކަމުގައިވާއިރު، މި ދުވަހުގެ ރޯދައަކީ ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވާނެ ކަމެކެވެ. ދުވަހުގެ އެންމެ މުހިންމު އެއް ޢަމަލަކީ މާތް ނަބިއްޔާ ﷺ އުނގަންނަވައިދެއްވި ޚާއްޞަ ދުޢާ ކިޔުމެވެ.

  • ޢަރަފާތް ދުވަހަކީ ދުނިޔެމައްޗަށް އިރުއެރި އެންމެ މާތް އަދި ބަރަކާތްތެރި ދުވަހެވެ.
  • މިއީ މުސްލިމުންނަށް ޓަކައި އިސްލާމްދީން އެންމެ ފުރިހަމަކޮށްދެއްވި ތާރީޚީ ދުވަހެވެ.
  • މި ދުވަހު ރޯދަހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވާނެ މަތިވެރި ސުންނަތެކެވެ.
  • އެހެން އެއްވެސް ދުވަހަކާ ޚިލާފަށް، މި ދުވަހަކީ އެންމެ ގިނަ މީހުން ނަރަކައިން ސަލާމަތްކުރައްވާ ދުވަހެވެ.
  • މި ދުވަހު ކިޔުމަށް މާތް ނަބިއްޔާ ﷺ އުނގަންނަވައިދެއްވި ޚާއްޞަ ދުޢާއަކީ: لا إله إلا الله وحده لا شريك له، له الملك وله الحمد وهو على كل شيء قدير މިއެވެ.
comment ކޮމެންޓް