ދުނިޔޭގެ ދުވަސްތައް ގިންތިކުރުމުގައި ރޭދުވާ ތަކުރާރުވާ ގޮތް ލައްވަވައި، މައްސަރުތަކެއްގެ ގޮތުގައި ދުވަސްތައް ލެއްވެވީ މާތް ﷲއެވެ.

ދުނިޔޭގެ ދުވަސްތައް ބާރަ މައްސަރު ކަމުގައި ލައްވައި، އޭގެތެރެއިން ހަތަރު މަހެއް، ﷲ ވަނީ މާތްކުރައްވައިފައެވެ. މާތްކުރެއްވި ހަތަރު މަހުގެ ތެރެއިން އެއް މަހަކީ މުޙައްރަމްމަހެވެ. އެހެންކަމުން މުޙައްރަމްމަހާ ބެހޭ ގޮތުން އެންމެ ފުރަތަމަ އެނގެންވީ ކަމަކީ، މާތް ﷲ، އެ މަސް ޙުރުމަތްތެރިކުރައްވައި މާތްކުރައްވައިފައިވާ ކަމެވެ. ރަމަޟާންމަހުގެ ރޯދައަށްފަހު އެންމެ މާތް ރޯދަ ކަމުގައި އެ މަހުގެ ރޯދަ ލެއްވެވުން ވެސް އެ މަހުގެ މާތްކަން ކިޔައިދެއެވެ. ޢާޝޫރާ ދުވަސް ވެސް ވަނީ އެ މަހުގައެވެ. މި ހުރިހާ ކަމެއްގެ މައްޗަށް އެ މަސް މާތްވެ އިތުރުވާ އެންމެ ބޮޑު އެއް ސަބަބަކީ، ﷲ تعالى އެއިލާހުގެ ޒާތުފުޅަށް އެ މަސް ނިސްބަތްކުރައްވައިފައި ވާވުމެވެ.

މުޙައްރަމްމަހަކީ ހިޖުރީ ސަނަތުގެ ފުރަތަމަ މަހެވެ. އަދި ޙުރުމަތްތެރިވެގެންވާ މައްސަރުތަކުގެ ތެރެއިން ވެސް ފުރަތަމަ މަހެވެ. ޙުރުމަތްތެރިވެގެންވާ ހަތަރު މަސް ބުނެދެއްވައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަހަރެއްގައި ވަނީ ބާރަ މަހެވެ. އެއިން ހަތަރު މަސް ވަނީ ޙުރުމަތްތެރިވެގެންނެވެ. ތިން މަސް (އަންނަނީ) ވިދިވިދިގެންނެވެ. އެއީ، ޛުލްޤަޢިދާ އާއި ޛުލްޙިއްޖާ އާއި މުޙައްރަމެވެ. އަދި ޖުމާދާ އައްޘާނިޔާ އާއި ޝަޢްބާނާ ދެމެދުގައި ވާ މުޟަރު ޤަބީލާގެ ރަޖަބެވެ."

މުޙައްރަމްމަހުގެ ރޯދައިގެ މަތިވެރިކަން ބަޔާންކުރައްވައި މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ރަމަޟާންމަހުގެ ރޯދައަށްފަހު އެންމެ މަތިވެރިވެގެން ވަނީ، މާތް ﷲގެ މައްސަރު، އަލްމުޙައްރަމްގެ ރޯދައެވެ. އަދި ފަރުޟު ފަސް ނަމާދަށް ފަހު އެންމެ މަތިވެރިވެގެން ވަނީ ރޭގަނޑުގެ ނަމާދެވެ. (އެބަހީ: ދަމުނަމާދެވެ.)" (مسلم: 1163) މި ޙަދީޘްގައި މުޙައްރަމްމަހަށް ޚާއްޞަ ދެ ސިފައެއް ބަޔާން ކުރައްވައިފައި އެބަ އޮތެވެ. އެއީ، މާތް ﷲގެ ޒާތުފުޅަށް އެ މަސް ނިސްބަތްކުރައްވައިފައި އޮތްއޮތުމާއި، އެ މައްސަރުގައި ހިފާ ރޯދައިގެ މާތްކަމުގެ ވާހަކައެވެ.

މުޙައްރަމްމަހަށް ލިބިގެންވާ އިތުރު އަނެއް ޚާއްޞިއްޔަތަކީ ޢާޝޫރާ ދުވަސް އެ މަހުގައި ހިމެނިގެން ވުމެވެ. އެއީ މުޙައްރަމްމަހުގެ ދިހަވަނަ ދުވަހެވެ. އެއީ މޫސާ عليه السلامއާއި ބަނޫ އިސްރާއީލުން ފިރުޢައުނުގެ އަނިޔާވެރިކަމުން މިންޖުކުރެއްވި ދުވަހެވެ. އާޝޫރާ ދުވަހު ރޯދަހިފުން ސުންނަތްކަން ގަދަވެގެން ވެއެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ޢާޝޫރާ ދުވަހުގެ ރޯދައިން، ފާއިތުވެ ދިޔަ އަހަރުގެ ފާފަތައް ފުއްސަވައި ދެއްވާނެ ކަމަށް ތިމަން ކަލޭގެފާނު ﷲގެ ޙަޟްރަތުން އުންމީދު ކުރައްވަމެވެ." (الترمذي: 752)

މާތް ﷲ އަހަރެއްގެ ތެރޭގައި ލައްވައިފައިވާ ބާރަ މަހުގެ ތެރެއިން ހަތަރު މަހަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެކެވެ. އެއީ ޛުލްޤަޢިދާ، ޛުލްޙިއްޖާ، މުޙައްރަމް އަދި ރަޖަބު މަހެވެ. މީގެ ތެރެއިން ހިޖުރީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ މުޙައްރަމް މަހަކީ މާތް ﷲ ގެ ޒާތުފުޅަށް ނިސްބަތްކުރައްވައިފައިވާ ވަރަށް މަތިވެރި މަހެކެވެ. ފަރުޟު ފަސް ނަމާދަށް ފަހު އެންމެ މާތްކަން ބޮޑީ ދަމުނަމާދުކަމާއި، ރަމަޟާން މަހަށް ފަހު އެންމެ ސަވާބު ބޮޑު ރޯދައަކީ މި މަހު ހިފާ ރޯދަކަމުގައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ވަނީ ބަޔާންކުރައްވައިފައެވެ. މި މަހަށް ލިބިފައިވާ އަނެއް ޚާއްޞަކަމަކީ، މި މަހުގެ ދިހަވަނަ ދުވަސް ކަމުގައިވާ ޢާޝޫރާ ދުވަހެވެ. މިއީ މޫސާގެފާނާއި ބަނޫ އިސްރާއީލްގެ މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްކުރެއްވި ދުވަހެވެ. މި ދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި އެއީ ފާއިތުވެދިޔަ އަހަރުގެ ފާފަތައް ފުއްސަވާނެ ކަމެއްކަމުގައި ޙަދީޘްތަކުން ސާބިތުވެއެވެ.

  • މުޙައްރަމް މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރެއިން އެއް މަހެވެ.
  • ރަމަޟާން މަހަށް ފަހު އެންމެ މާތްކަން ބޮޑީ މުޙައްރަމް މަހުގެ ރޯދައެވެ.
  • މިއީ މާތް ﷲ ގެ ޒާތުފުޅަށް ނިސްބަތްކުރައްވައިފައިވާ މާތް މައްސަރެކެވެ.
  • މި މަހުގެ ދިހަވަނަ ދުވަހަކީ ޢާޝޫރާ ދުވަހެވެ.
  • ޢާޝޫރާ ދުވަހު ރޯދަހިފުމުން އިސްވެދިޔަ އަހަރުގެ ފާފަތައް ފުއްސަވައިދެއްވައެވެ.
  • މުޙައްރަމް މަހުގެ މާތްކަން ދެނެގަނެ، އެ މަހަށް އިޙްތިރާމްކުރުން.
  • ރަމަޟާން މަހަށް ފަހު ލިބޭ އެންމެ މަތިވެރި ރޯދައިގެ ސަވާބު ހޯދުމަށް މަސައްކަތްކުރުން.
  • ޢާޝޫރާ ދުވަހުގެ ރޯދަހިފައި، ފާފަތައް ފުއްސެވުމަށް އެދި ދުޢާކުރުން.
comment ކޮމެންޓް