ދަރިންނަށް އޯގާތެރިވާށެވެ! އެ ކުދިންނަށް ދީން ދަސްކޮށްދޭށެވެ!

ދަރިންނަކީ ކޮންމެ މީހެއްގެ ވެސް ލޮލުގެ ފިނިކަމެވެ. އެ ކަން އެ ގޮތަށް ވާނީ އެ ކުދިން ދީނުގެ މަތީ ބޮޑުކުރީމައެވެ.

ކޮންމެ މީހެއްގެ ދަރިއަކީ ވެސް މިއަދުގެ ކުޑަކުދިންނެވެ. ކުޑަކުދިންނަކީ މާދަމާގެ މުސްތަޤުބަލެވެ. އެ ކުދިންނަށް ހެޔޮ ރަނގަޅު މާދަމާއެއް ބައްޓަން ކޮށްދޭން ތިބި ބަޔަކީ އެ ކުދިންގެ މައިންބަފައިންނެވެ. ދުނިޔެ ދައްކަމުން މި ދާ ޙަޤީޤަތް އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދޭން ވާނެއެވެ. އެ ކުދިންގެ އުމުރާ ގޮޅޭ ގޮތުން ދުނިޔޭގެ އޮޔާއި ވަޔަށް އަންނަ ބަދަލުތައް ކިޔައިދޭށެވެ! ހެޔޮނުބައި ވަކިކުރަން ބުނެދޭށެވެ!

ލޮބުވެތި މައިންބަފައިންނެވެ. ހެވާއި ނުބައި ވަކިކުރަން ތިބާގެ ދަރިފުޅަށް އެނގުމަކީ އެ ކުއްޖާގެ މުސްތަޤުބަލަށް ޓަކައި ކޮށްދެވޭނެ އެންމެ ރަނގަޅުކަމެވެ. ދުނިޔޭގެ ޙަޔާތުގެ މިނުން މުސްތަޤުބަލު މިންކުރި ކަމުގައި ވިޔަސް، ހެޔޮލަފާކަމަކީ އެ ކުއްޖާއަށް، ޢުމުރުގެ ހުރިހާ ހިސާބެއްގައި ފައިދާ ކުރާނެ ކަމެކެވެ. އަދި އާޚިރަތުގެ މިނުން މިންކުރިކަމުގައި ވިޔަސް މި ކަން އޮތީ މި ދެންނެވި ގޮތަށެވެ.

ދުނިޔޭގެ ޖައްވަށް ކުއްޖަކު ނޭވާލަނީ ނުހަނު ޠާހިރުކަން މަތީގައެވެ. އުނިކަމެއް އެއްވެސް ކުށެއް ކުށްފާފައެއް ނެތް ގޮތުގައެވެ. އޭނާގެ ޙަޔާތުގެ ރާސްތާއަށް ބޭނުންވާ ހުރިހާ ކުލައެއް ޖެހެނީ އެ ކުއްޖާ ބަލަހައްޓާ މީހާ ގެންގުޅޭ ފިހިންނެވެ. އެ ދަރިފުޅަށް ފެންނާނީ އޭނާގެ ބެލެނިވެރިން ކުރަހާފައި ދެއްކި މަންޒަރެކެވެ. ބެލެނިވެރިކަމަކީ އާދައިގެ ޒިންމާއެއް ނޫނެވެ. އެއީ މުޅި އިންސާނީ މުޖުތަމަޢުގެ ވަކިވަކި ފަރުތުން އުފައްދާ ބިނާކޮށް ތަރައްޤިކުރާ ކާރުހާނާގެ މޭސްތިރިކަމެވެ. އެ ބެލެނިވެރިން އެ މީހުންގެ ދަރިން ބައްޓަންކުރާ ގޮތަކީ އެ ކުދިން މުސްތަޤުބަލުގައި މުޖުތަމަޢިން ފެންނާނެ ގޮތެވެ.

ރަސޫލު ﷲ صَلَى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގައި ވެއެވެ. "ކޮންމެ ކުއްޖަކު ވެސް ދުނިޔެ އަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. (އެބަހީ: އިސްލާމްކަމުގެ މަތީގައެވެ.) ފަހެ އެ ކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެ ކުއްޖާގެ މައިންބަފައިންނެވެ. (އެބަހީ: އެ ކުއްޖާ ބެލެހެއްޓުމާ ޙަވާލުވެފައިވާ ބައެކެވެ.)

ދަރިޔަކު އުފަންވާ ދުވަހު، މައިންބަފައިންނާ ޙަވާލު ކުރެވެނީ އަމާނާތެކެވެ. އެއީ ދެވޭ "ހިބައެއް" ނޫނެވެ. އެ ދަރިފުޅު ބަލައި ފޮނުއްވާނެތެވެ. އެ ކުއްޖާގެ ޙަޤީޤީ މުސްތަޤްބަލުގެ މަންޒިލަށް ގެންދިއުމަށް ޓަކައެވެ. އެ ދުވަހުން އެ ކުއްޖާއަށް ލިބޭ މެހެމާންދާރީ ބިނާވަނީ، އޭނާގެ ޢަމަލުތަކުގެ މައްޗަށެވެ. އޭނާގެ ޢަމަލުތައް ބިނާވަނީ، މައިންބަފައިން އޭނާ ބައްޓަންކުރި ގޮތެއްގެ މައްޗަށެވެ. ދާއިމީ އުފަލާއި، އަރާމާއި ހިތްހަމަޖެހުމެވެ. ނޫނީ ދާއިމީ ވޭނާއި، ތުރާލާއި އަނިޔާއެވެ.

އެ އަނިޔާއިން ދަރިން މިންޖު ކޮށްދޭން އެދޭނަމަ އާޚިރަތުގެ ހިސާބާއި ކިތާބަށް އެ ކުދިން ތައްޔާރު ކުރާށެވެ! ދުނިޔޭގެ ހެއްލުމާއި ގެއްލުމުން ސަލާމަތް ކުރާށެވެ! ފަލާޙާއި ކާމިޔާބުގެ މަގަށް، މަގު ދައްކާށެވެ! ތިބާގެ އަތްމަތީ މަޑުފުށްގަނޑެއް ފަދައިން އެ ދަރިފުޅު އޮތް ދުވަހު، ހެޔޮ ކަންކަމަށް ލޯބި ކުރާ ފުރާނައެއްގެ ގޮތުގައި އޭނާ ތަރުބިޔަތު ކުރާށެވެ! ނަމާދުތައް ޤާއިމު ކުރުވާށެވެ! ﷲގެ އެއްކައުވަންތަކަން އެ ކުއްޖާގެ ހިތުގައި ބިންވަޅު ނަގުވާށެވެ! ދަރިންނަށް އޯގާތެރިވާށެވެ! އެ ކުދިންނަށް ދީން ދަސްކޮށްދޭށެވެ!

ދަރިންނަކީ މައިންބަފައިންގެ ލޮލުގެ ފިނިކަން ކަމުގައިވާއިރު، އެ ކުދިންނަކީ މުޖުތަމަޢުގެ މާދަމާގެ އުންމީދެވެ. ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ އެއްވެސް ކުށެއްނެތް އެންމެ ސާފު ފިޠުރަތުގެ މަތީގައެވެ. އެ ކުދިންގެ ޙަޔާތުގެ މިސްރާބު ކަނޑައަޅައި، މުސްތަޤުބަލު ބިނާކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ މައިންބަފައިންނެވެ. އެހެންކަމުން، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކަށް ހޭލުންތެރިކުރުވައި، ހެޔޮނުބައި ވަކިކުރަން އެ ކުދިންނަށް ދަސްކޮށްދިނުމަކީ ބެލެނިވެރިންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. މިއީ މުޖުތަމަޢު ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލެވެ. މައިންބަފައިންނަށް ދަރިން ލިބުމަކީ ހަމައެކަނި ދުނިޔެވީ އުފަލެއް ނޫނެވެ. އެއީ الله ގެ ޙަޟްރަތުން ދެއްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ހޯދައިދިނުމަށްޓަކައި، ކުޑައިރުއްސުރެ އިސްލާމްދީނުގެ އުސޫލުތަކާއި، ނަމާދުކުރުން ފަދަ މަތިވެރި އަޅުކަންތަކަށް ކުދިން އާދަކުރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ހަމައެހެންމެ، الله ގެ އެއްކައުވަންތަކަން އެ ކުދިންގެ ހިތްތަކުގައި ބިންވަޅު ނަގައިދީ، ރަނގަޅު އަޚުލާޤެއްގެ މަތީގައި އޯގާތެރިކަމާއެކު ތަރުބިއްޔަތުކުރުމަށް މައިންބަފައިން ހިތްވަރާއެކު މަސައްކަތްކުރަން ވާނެއެވެ.

  • ކޮންމެ ކުއްޖަކުވެސް އުފަންވަނީ ކުށެއްނެތް ޠާހިރުކަންމަތީގައި ކަމަށާއި، ކުއްޖާގެ މިސްރާބު ކަނޑައަޅަނީ ބެލެނިވެރިންކަން ކަށަވަރުކުރުން.
  • މުޖުތަމަޢުގެ ކުރިމަގު ބައްޓަންކުރުމުގެ މައިގަނޑު މޭސްތިރިންނަކީ މައިންބަފައިން ކަމުގައި ޤަބޫލުކޮށް އެ ޒިންމާ އަދާކުރުން.
  • ރަސޫލު ﷲ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި ކުއްޖާގެ ދީނީ ޢަޤީދާ ބައްޓަންކުރުމުގެ ބާރު ލިބިގެންވަނީ އެ ކުއްޖެއްގެ މައިންބަފައިންނަށެވެ.
  • ދަރިންނަކީ ހަމައެކަނި ހިބައެއް ނޫންކަމާއި، އެއީ އާޚިރަތް ދުވަހު ސުވާލުވެވޭނެ މަތިވެރި އަމާނާތެއްކަން ހަނދާންކުރުން.
  • ނަމާދު ޤާއިމުކުރުމާއި الله ގެ އެއްކައުވަންތަކަން ހިތުގައި އަށަގަންނުވައި، ދީނީ ފުރިހަމަ ތަރުބިއްޔަތެއް ދިނުން.
  • ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމަކީ މައިންބަފައިންގެ އެންމެ އިސް މަސްއޫލިއްޔަތެވެ.
  • ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ ކުޑައިރު ދެވޭ ތަރުބިއްޔަތާއެވެ.
  • ދަރިންނަކީ الله ދެއްވާފައިވާ ބޮޑުވެގެންވާ އަމާނާތެކެވެ.
comment ކޮމެންޓް