ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައެއްގެ ތެރޭގައި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަން ނިންމާލައި، ތަހުގީގަށް ބޭނުންވާ ހެކިތަކާއި ބޭނުންކުރި ސާމާނުތައް ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.
ޑޭން ޔޫރަޕުން ބުނި ގޮތުގައި، މި އޮޕަރޭޝަން ނިންމާލުމުގެ ގޮތުން އިއްޔެ ވަނީ އެންމެ ފަހު ޑައިވް ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަންގެ އެންމެ ފަހު މަރުހަލާގައި މޫސުން ގޯސްވެ، ވައި ގަދަވުމާއި އޮއި ބާރުވުމުގެ ސަބަބުން މަސައްކަތް ފެށުން ގަޑިއެއްހާއިރު ލަސްވި ނަމަވެސް، ޖުމްލަ ތިން ގަޑިއިރުގެ ޑައިވްއެއް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

ކަނޑު ހޮހަޅައިގެ ތެރޭގައި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން.. ފޮޓޯ/ ދޭން
މީގެ ތެރެއިން 50 މިނެޓު ހޭދަކުރީ ހޮހަޅައިގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތަކަށެވެ. މިއީ ބެސްޓް ޕްރެކްޓިސްގެ ދަށުން ކަނޑުގެ މާހައުލަށް ލިބޭ ގެއްލުން ކުޑަކޮށް، އޮޕަރޭޝަންގެ އެއްވެސް ނިޝާނެއް ނުބަހައްޓައި ސާފުކުރުމަށް ކުރި މަސައްކަތެއް ކަމަށް ޑޭން އިން ބުންޏެވެ.
ޑޭން ޔޫރަޕްގެ ސީއީއޯ ލައުރާ މަރޯނީ އިޓަލީގެ ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޑައިވަރުންނަށް މަގު އޮޅުނީ ހޮހަޅައިގެ ތެރޭގައި އުފެދިފައިވާ ވެލި ފުންޏެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
"ކަނޑުއަޑިން މައްޗަށް ނެގި ހުރިހާ އެއްޗެއް، އޭގެ ތެރޭގައި މަރުވި މީހުންގެ ހަށިގަނޑުތަކާއި ރެސްކިއު ޓީމުގެ ސާމާނު ހިމެނޭހެން، މިހާރު ވަނީ ތަހުގީގަށް ދިވެހި ފުލުހުންނާ ހަވާލުކޮށްފައި،" ބަޔާނުގައި ބުނެފައިވެ އެވެ.

ކަނޑު ހޮހަޅައިގެ ތެރޭގައި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާއާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން.. ފޮޓޯ/ ދޭން
މި ހާދިސާގައި އިޓަލީގެ ފަސް ފަތުރުވެރިންގެ އިތުރުން، އެ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު އެމްއެންޑީއެފްގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.
މި އޮޕަރޭޝަންގައި ފިންލޭންޑްގެ މާހިރުންގެ ޓީމާއި، އެމްއެންޑީއެފް ކޯސްޓްގާޑާއި، ފުލުހުންގެ ޑައިވިން ޔުނިޓްތަކުން ބައިވެރިވެފައިވެއެވެ. އަދި މި އޮޕަރޭޝަންގައި ޑައިވަރުން ބޭނުންކޮށްފައިވަނީ ކްލޯޒްޑް-ސާކިޓް ރީބްރީތާ (ސީސީއާރް) އާއި ޑީޕީވީ ފަދަ ޒަމާނީ ވަސީލަތްތަކެވެ.
މި މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް އިޓަލީ ސަރުކާރުން ވެސް ވަނީ ފަށާފައެވެ.
ޑޭން އިން ވަނީ މި މިޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ.