ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭގޮތަށް މަޢުލޫމާތާއި ފޮޓޯ ހާމަނުކުރަން އެދެފި

ކުޑަކުދިންނާ ގުޅޭ ޕޯސްޓަރުތަކެއް ކައިރިން ބަޔަކު ހިނގައިފައި ދަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެ ކުދިންގެ މަޢުލޫމާތާއި ފޮޓޯ އަދި ވަނަވަރު ހާމަނުކުރުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައި ވަނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، އަނިޔާ ލިބުނު ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ފަދަ މަޢުލޫމާތު މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް ޢާއިލާއާއި ޖަމާޢަތާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭކަން އެ ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއާ ޙަވާލާދީ އެ ވުޒާރާއިން ބުނީ، ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވާ ކުދިންގެ އިތުރުން އެ ނޫން ވެސް ސަބަބަކާ ހުރެ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް ޒާތީ މަޢުލޫމާތެއް ހާމަކުރުމަކީ މަނާކަމެއް ކަމަށެވެ.

މީގެ ތެރޭގައި ކުއްޖާގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ، ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އެއީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މަޢުލޫމާތެއް ނުވަތަ ފޮޓޮއެއް މީޑިއާއެއްގައި ނުވަތަ އެހެން ވަސީލަތެއްގައި ޝާއިޢުކުރުން މަނާކޮށްފައި ވަނީ އެ ކުދިންގެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ކަމަށް ބަޔާނުގައި ވެއެވެ.

"ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ އެއްވެސް މަޢުލޫމާތެއް ހާމަކުރުމަކީ މަނާކަމެއް. މީގެ ތެރޭގައި ކުއްޖާގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ، ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އެއީ ކާކުކަން އެނގޭނެ މަޢުލޫމާތާއި ފޮޓޯ އެއްވެސް ވަސީލަތެއްގައި ޝާއިޢުކުރުން ގާނޫނުން މަނާކުރަނީ ކުދިންގެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި،" ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އާންމުން ދެކޭ ގޮތަށް ނުފޫޒުފޯރުވުމަށް ނުވަތަ އެހެން ބޭނުމަކަށްވިޔަސް، މީޑިއާގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަޢުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުން ކަމަށެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ މުޅި މުޖުތަމަޢުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާއަކަށްވާތީ، މިފަދަ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކުން އާންމުނުކުރުމަށް ވަނީ އަންގާފައެވެ.

"އާންމުން ދެކޭގޮތަށް ނުފޫޒުފޯރުވުމަށް ނުވަތަ އެހެން ބޭނުމަކަށްވިޔަސް، މީޑިއާގައި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މަޢުލޫމާތު ހާމަކުރުމަކީ ކުޑަކުދިންގެ ޙައްޤަކަށް އަރައިގަތުން،" ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖިންސީ އަނިޔާއާއި ގެވެށި އަނިޔާފަދަ އަނިޔާތަކުގެ ޝިކާރައަކަށްވާ ކުޑަކުދިންގެ މަޢުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރުމަކީ ގާނޫނީ ގޮތުން ކުށެއްގެ އިތުރުން، ކުއްޖާގެ ރައްކާތެރިކަމަށް އޮތް ނުރައްކަލެކެވެ.

މިފަދަ މަޢުލޫމާތު އާންމުކުރާ ފަރާތްތަކާމެދު ޖިނާއީ ދަޢުވާ އުފުލައި އަދަބު ކަނޑައެޅޭނެކަން ގާނޫނުގައި ބަޔާންކޮށްފައިވާއިރު، މިކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ އަސަރުތަކާއި އިޖުތިމާޢީ ގޮތުން ބާކީވުމާ ކުރިމަތިލާންޖެހޭ ކަމަށް ކަމާބެހޭ މާހިރުން ފާހަގަކުރެއެވެ.

comment ކޮމެންޓް