އަޅުގަނޑުމެންގެ ކުދީންނަށް އުޖާލާ ކުރިމަގެއް ހޯދައިދިނުން

ކޮންމެ ކުއްޖަކީވެސް މުޖުތަމައުގެ އުންމީދެކެވެ. އާއިލާގެ އުފަލެކެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ވަށައިގެން ފެންނަމުންދާ މަންޒަރުތަކުން ކުރެވެނީ ތަފާތު އިހުސާސެކެވެ.

ދިވެހިރާއްޖޭގައި ކޮންމެ ކުއްޖަކީ މުޅި މުޖުތަމައުގެ ހިއްސާއެއް ކަމުގައި ބެލެވުނު ޒަމާން މާޒީވެ ގޮސްފިއެވެ. އެ ދުވަސްވަރު، މައިންބަފައިންނަށް ކަމެއްގެ ޚަބަރު ލިބުމުގެ މާ ކުރިން، އަވަށްޓެރިން އެކަމެއް އިސްލާހުކޮށް މަގުދައްކައިދެއެވެ. ބަނދަރުމަތީގައި ތިބޭ ދުވަސްވީ މީހުންނަށް ރަށުގެ ކޮންމެ ކުއްޖަކީ ކާކުކަން އެނގެއެވެ. މުދައްރިސުންނަކީ ކުދިން ޖެހިލުންވާ، ހަމައެއާއެކު އިންތިހާއަށް ކުދިން އިހުތިރާމުކުރާ ބައެކެވެ.

ދިރިއުޅުމުގެ ފެންވަރު އާދައިގެ ގޮތަކަށް އޮތް ނަމަވެސް، އޭރުގެ ކުދިން ބޮޑެތިވަމުން އައީ އާއިލާއާއި މުޖުތަމައުގެ ތެރޭގައި އެކުދިންގެ އަގުވަޒަންކުރެވޭކަމުގެ ފުރިހަމަ އިހުސާސާ އެކުގައެވެ.

https://sun.mv/216784

ނަމަވެސް މިއަދު، މުޅި މަންޒަރު ބަދަލުވެއްޖެއެވެ. ކުޑަކުދިންގެ ހައްގުތަކާއި އަދުލުގެ ނިޒާމާ ގުޅޭ ފަހުގެ ތަފާސްހިސާބުތަކުން ބުނެދެނީ ކަންބޮޑުވާންޖެހޭ ފަދަ ހަގީގަތްތަކެކެވެ. އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ މިންވަރު އަންގައިދޭ އިންޒާރުގެ ރަނގަބީލެވެ.

ޔުނިސެފް އާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ އިދާރާތަކުގެ މިފަހުގެ ރިޕޯޓުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ކުދިންނަށް ކުރާ އަނިޔާއާއި، ނަފްސާނީ މައްސަލަތަކާއި، އިންޓަނެޓްގެ ޒަރީއާއިން ކުރިމަތިވާ ނުރައްކާތައް ދަނީ އިތުރުވަމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ފުލުހުން ތަހުގީގުކުރި ކުޑަކުދިންގެ މައްސަލަތައް 2023 ވަނަ އަހަރު 120 ގައި ހުރިއިރު، 2024 ވަނަ އަހަރު އެ އަދަދު ވަނީ 213 އަށް އުފުލިފައެވެ.

މި ތަފާސްހިސާބުތަކަށް ފުންކޮށް ފީނާލާއިރު، ބުނެދޭ އެންމެ މުހިންމު އެއް ވާހަކައަކީ، ކުއްޖަކު ކުއްލިއަކަށް "މައްސަލައަކަށް" ނުވާނެ ކަމެވެ. ގިނަ ފަހަރަށް އެކުދިންގެ އުޅުމަށް ބަދަލު އަންނަނީ، އެކުދިން ތަހައްމަލުކުރާ ނުތަނަވަސްކަން ޖަމާވަމުންގޮސް، ކެތްނުކުރެވޭ ހިސާބަށް ދިއުމުންނެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ހިތްދަތިކަމުގެ ތެރެއަށް ކުއްޖަކު ޣަރަގުވެގެންގޮސް، އެކުއްޖާގެ ކިބައިން ފެންނަ ނުރަނގަޅު އުޅުމަކީ ހަގީގަތުގައި އެހީއަށް އެދި ގޮވާ ގޮވުމެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ގާނޫނާ ޚިލާފުވާ ގިނަ ކުދިންނަކީ ނުރަނގަޅު މާހައުލުތަކަކަށް ހުށަހެޅިފައިވާ ކުދިންނެވެ. އޭގެ ތެރޭގައި އާއިލީ ނުތަނަވަސްކަމާއި އަޅާނުލުން، ލޯތްބާއި އޯގާތެރިކަމުން މަހުރޫމުވުން، ފަގީރުކަމާއި އަނިޔާވެރިކަމަށް ހުށަހެޅުން، އަދި ނަފްސާނީގޮތުން އުފުލަންޖެހޭ އަނިޔާވެ (ޓްރޯމާ) ހިމެނެއެވެ.

އަޅުގަނޑުމެން ގިނަ ފަހަރަށް ފާޑުކިޔަނީ ކުއްޖާގެ ފަރާތުން ފެންނަ ނޭދެވޭ ކަމަށެވެ. ނަމަވެސް އެހާދިސާއާ ހަމައަށް ކުއްޖާ ގެންގޮސްދިން ސަބަބުތަކަށް ފަރުވާ ނުދެވޭ ނަމަ، އަޅުގަނޑުމެންނަށް މި ސަމާލުކަން ދެވެނީ މައްސަލައިގެ އަލާމާތްތަކަށެވެ. އަސްލު މައްސަލައަކަށް ނޫނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގާނޫނާ ޚިލާފުވެގެން ރިޕޯޓުކުރެވޭ ކުދިންގެ 88 އިންސައްތައަކީ ފިރިހެން ކުދިންނެވެ. މިއީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ މުޖުތަމައުގައި ފިރިހެން ކުދިން ބޮޑެތިވަމުން އަންނަނީ "ވަރުގަދަވާށޭ" ބުނެ އިހުސާސްތައް ފޮރުވަން ދަސްކޮށްދިނުމުގެ ތެރެއިންނެވެ.

https://sun.mv/222064

ދެރަވުމާއި، ބިރުގަތުމާއި، އެކަނިވެރިކަން ފާޅުކުރުމަކީ ބަލިކަށިކަމެއްގެ ގޮތުގައި ބުނެދެވޭތީ، އެކުދިންނަށް ފާޅުކުރަން އެނގޭ ހަމައެކަނި އިހުސާސަކަށް "ރުޅިވެރިކަން" ވެގެންދެއެވެ. މިގޮތުން އެކުދިން އޮބަހައްޓާ އިހުސާސްތައް ފަހުން ބަދަލުވަނީ ހަރުކަމަށާއި، މަސްތުވާތަކެއްޗަށާއި، ކުށްކުރާ ގޭންގުތަކާއި ދިމާއަށް އެކުދިންދަމާ ބާރަކަށެވެ.

އުޖާލާ ކުރިމަގެއް ބިނާކޮށްދިނުން

ކޮންމެ ކުއްޖަކީވެސް އުޖާލާ މުސްތަޤުބަލަކަށް ފޮނި އުންމީދުތަކެއް ކުރާނެ ކުއްޖެކެވެ. ނަމަވެސް، އެކުދިން ދިރިއުޅޭ މާހައުލާއި ތަޢުލީމު ހާސިލުކުރާ ބިނާވެށިތަކަކީ ރައްކާތެރި ތަންތަނަށް ނުވާނަމަ، އެ ކުދިންގެ ހިތްތަކުގައިވާ އުންމީދުތައް ފަނޑުވެ، ނަފްސާނީ މާޔޫސްކަމެއްގެ ތެރެއަށް ވެއްޓުމުގެ ފުރުސަތު ބޮޑެވެ.

ކޮންމެ ކުއްޖަކީވެސް މުޖުތަމަޢުގެ ލޯތްބާއި، އާއިލީ ގަބޫލުކުރުން ބޭނުންވާނެ ފަރުދެކެވެ. އާއިލީ މާހައުލުން ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ނުލިބޭނަމަ، އެ މަދުވާ ބައި ފޫބެއްދުމަށްޓަކައި އެކުދިން ނޭދެވޭ ނުފޫޒުތަކާއި ނުރަނގަޅު މާހައުލުތަކަށް ލެނބިގެންދެއެވެ.

އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި އަމިއްލަ އަގު ވަޒަންކުރެވޭ ކުއްޖަކު، ނޭދެވޭ ޢަމަލުތަކަށް މަގުފަހިވާ ގްރޫޕުތަކާ ގުޅުމަކީ ދުރުކަމެކެވެ. އެހެންކަމުން، ކުދިން ތަރުބިއްޔަތުކުރުމުގެ ނިޒާމު ބައްޓަންކުރަންޖެހެނީ ހަމައެކަނި އަދަބު ދިނުމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެކުދިން އިޞްލާޙުކޮށް، ބޭނުންވާ ފަރުވާދީ، މުޖުތަމަޢަށް ބޭނުންތެރި ކުދިންތަކެއްގެ ގޮތުގައި އަނބުރާ ރުޖޫޢަކުރުމަށް އިސްކަންދޭ ނިޒާމަކަށް އެ ނިޒާމު ބަދަލުވާންޖެހެއެވެ.

ކުއްޖެއްގެ ދިރިއުޅުމުގައި އާއިލާއަކީ އެންމެ މުހިންމު ބިންގަލެވެ. ކީރިތި ގުރުއާނުގައި މާތް الله ވަނީ އަމިއްލަ ނަފްސާއި އަހުލުވެރިން ނަރަކައިގެ އަޒާބުން ސަލާމަތްކުރުމަށް އަމުރުކުރައްވާފައެވެ. އަޅުގަނޑުމެންގެ ދަރިންނަށް ރައްކާތެރިކަން ދިނުމަކީ ހަމައެކަނި ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމެއް ނޫނެވެ. އެއީ ނަފްސާނީގޮތުންނާއި ދީނީގޮތުންނާއި އަޚްލާގީގޮތުން އެކުދިން ހަރުދަނާ ބަޔަކަށް ހެދުންވެސް މެއެވެ.

ކުޑަކުދިން ރައްކާތެރިކުރުމަކީ ހަމައެކަނި ދައުލަތުގެ އިދާރާތަކަކުން ކުރަންޖެހޭ ކަމެއް ނޫނެވެ. މިއީ މައިންބަފައިންނާއި، މުދައްރިސުންނާއި، އަވަށްޓެރިންނާއި، މުޅި މުޖުތަމައު ގުޅިގެން އުފުލަންޖެހޭ ޒިންމާއެކެވެ. އަޅުގަނޑުމެން އުފައްދަންވީ ސުވާލަކީ "ކުއްޖަކު ކުށެއް ކުރުމުން އަދަބުދޭނީ ކިހިނެއް؟" ތޯއެއް ނޫނެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެން ކުރަންވީ ސުވާލަކީ "ކުދިން ނަފްސާނީ ގޮތުން ބަލިކަށިވެ ހަލާކުނުވާނެ ފަދަ އަމާން މުޖުތަމައެއް ބިނާކުރާނީ ކިހިނެއް؟" މިއެވެ.

އިސްލާމްދީން ބާރުއަޅަނީ އޯގާތެރިކަމާއި އިހުސާންތެރިކަމަށެވެ. ކަމެއް ދިމާވުމުން ރައްދުދިނުމުގެ ބަދަލުގައި، ކަމެއް ދިމާވުމުގެ ކުރިން ކުދިންނާއެކު ގާތްގުޅުމެއް ގާއިމުކޮށް، ކުދިންގެ ވާހަކަތައް އަޑުއަހާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ.

މުޖުތަމައިން "ވިޔާނުދާ" ކަމަށް ބުނާ ކުއްޖަކީ، ހަގީގަތުގައި އެންމެ ބޮޑަށް އަޅާލުމާއި ލޯތްބަށް ބޭނުންވެފައިވާ ކުއްޖާ ކަމަށް ވެދާނެއެވެ. އަޅުގަނޑުމެންގެ އަމާޒަކަށް ވާންވީ، އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސް ކުރަންޖެހޭ ކުދިން މަދު، އޯގާތެރި މުޖުތަމައެއް ބިނާކުރުމެވެ. އެއީ އަޅުގަނޑުމެންގެ ދަރިންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް އޮތް އެންމެ ސާފު މަގެވެ.

އެންމެން ގުޅިގެން ޚާއްޞަ މަސައްކަތެއް ފަށަންޖެހޭ

އަޅާލާ އޯގާތެރި މުޖުތަމައެއް ބިނާކުރެވޭނީ ހަމައެކަނި ވުޒާރާތަކާއި ކޯޓުތަކުގެ ތެރެއަކުން ނޫނެވެ.

އެއީ ގޭތެރެއާއި، ކްލާސްރޫމްތަކާއި، މިސްކިތްތަކާއި، ޕާކުތަކާއި، ކުޅިވަރު ކުޅޭ މައިދާންތަކާއި، އަޅުގަނޑުމެން ކުރާ މުއާމަލާތްތަކުގެ ތެރެއިން ބިނާކުރެވޭނެ އެއްޗެކެވެ. ބައްޕައިން ދަރީންނާއެކު ވަގުތުހޭދަކޮށް އެކުދިންގެ ވާހަކަ އަޑުއަހާ، މަންމައިންނަށް އެހީތެރިކަމުގެ އިހުސާސް ކުރެވޭ މާހައުލެއްް ބިނާކުރެވިގެންނެވެ.

އަދި މުދައްރިސުންނަށް އެކަނިވެރިކަމުގެ ތެރެއަށް ގެނބެމުންދާ ކުއްޖާ ފާހަގަވެ، ނާޒުކުހާލަތްތަކުގައި އުޅޭ އާއިލާތަކުގެ ހާލުބެލޭނެ ހަރުދަނާ އިންތިޒާމެއް ގާއިމުކުރެވި، މީހުން ބާކީނުކުރާ ތަނަކަށް މުޖުތަމައު ހެދިގެންނެވެ.

މިކަމުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ފުޅާކޮށް - މަދަނީ މުޖުތަމައުގެ އެހެން ބައިވެރިންނާއެކު ޚާއްޞަ މަސައްކަތެއް ކުރަންވީ ވަގުތު މިވަނީ ބޯމަތިވެފައެވެ.

ދިވެހިރާއްޖޭގައި ކުޑަކުދިންނާ ގުޅޭ މައްސަލަތައް ހަލުވިކަމާއެކު އިތުރުވަމުންދާތީ، އެކުދިންނަށް ރައްކާތެރި މާޙައުލެއް ބިނާކުރުމަކީ މުޅި މުޖުތަމަޢުގެ ވަރަށް ބޮޑު ޒިންމާއެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުށްކުރާ ކުދިންގެ ނިސްބަތް، ޚާއްޞަކޮށް ފިރިހެން ކުދިންގެ ނިސްބަތް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއީ އެކުދިންނަށް ކުރިމަތިވާ ނަފްސާނީ އަދި އިޖުތިމާޢީ ގޮންޖެހުންތަކުގެ ސަބަބުން ފެންނަ ނޭދެވޭ ނަތީޖާއެކެވެ. މާތް الله އަންގަވާފައިވާ ފަދައިން، ކުދިންނަށް އޯގާތެރިކަމާއެކު ރައްކާތެރިކަން ހޯދައިދިނުމަށް ދައުލަތާއި، ކައުންސިލްތަކާއި އަދި އާއިލާތަކުން ގުޅިގެން ވަގުތުން ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

  • ފުލުހުންނަށް ރިޕޯޓުކުރެވުނު ކުޑަކުދިންގެ މައްސަލަތައް 2023 ވަނަ އަހަރުގެ 120 އިން 2024 ވަނަ އަހަރު 213 އަށް ވަނީ އިތުރުވެފައެވެ.
  • ގާނޫނާ ޚިލާފުވެގެން ރިޕޯޓުކުރެވޭ ކުދިންގެ 88 އިންސައްތައަކީ ފިރިހެން ކުދިންނެވެ. މިއީ އިހުސާސްތައް ފޮރުވަން ޖެހުމުގެ ސަބަބުން ނުކުންނަ ނަތީޖާއެކެވެ.
  • ކުދިންނަށް ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި، އެކުދިން އިޞްލާޙުކޮށް ނަފްސާނީ ފަރުވާ ދިނުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން މުހިންމެވެ.
  • ކުޑަކުދިން ރައްކާތެރިކުރުމަކީ ހަމައެކަނި ދައުލަތުގެ ޒިންމާއެއް ނޫނެވެ؛ އާއިލާއާއި، މުދައްރިސުންނާއި، އަދި ކައުންސިލްތައް ގުޅިގެން އެކުގައި މަސައްކަތްކުރަން ޖެހެއެވެ.
  • ކުދިންނަށް އޯގާތެރިކަން ދިނުމަކީ އިސްލާމްދީނުގައި ބާރުއަޅާ ކަމަކަށްވާއިރު، ބާކީވުމުގެ އިހުސާސްކުރާ ކުދިންނަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ.
  • --
  • https://sun.mv/216784
  • https://sun.mv/222064
comment ކޮމެންޓް