"އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ!"

ބައްޕަޔާއި ދަރިފުޅު

ކޮންމެ އަހަރެއްގެވެސް ބައްޕަމެންގެ ދުވަހު، އަޅުގަނޑުމެން ބައްޕަމެންވާ ގުރުބާނީތަކާއި ބުރަ މަސައްކަތާއި އާއިލާއަށްޓަކައި އޮންނަ ވަފާތެރިކަން ފާހަގަކޮށް އުފާފާޅުކޮށް، އެތައްބަޔަކު އެކަން ފާހަގަކުރެއެވެ. އާއިލާގެ ކަންކަން ބެލެހެއްޓުމާއި ރައްކާތެރިކަން ފޯރުދިނުމާއި މަގުދައްކައިދިނުމުގައި އެބޭފުޅުން ކުރާ ބުރަ އަދި ދިގު ދަތުރުގެ އަގުވަޒަންކޮށް ޝުކުރު އަދާކުރެއެވެ.

ނަމަވެސް، ބަފާވަންތަކަމާ ބެހޭ އެންމެ މުހިންމު ފިލާވަޅަކީ ބައްޕަމެން ކުރާ ކަންތައްތަކުން އެކަނި ލިބޭ އެއްޗެއް ނޫނެވެ. އެއީ ބައްޕަމެން ލޯބިދޭ ގޮތުގެ މައްޗަށް ބިނާވާ ކަމެކެވެ. މިއަހަރު ބައްޕަމެންގެ ދުވަހާ މެދު މިކަމާމެދު ފިކުރު ހިންގާލިއިރު، ކީރިތި ޤުރުއާނުގައި ތަކުރާރުކޮށް އައިސްފައިވާ އިބާރާތަކަށް އަޅުގަނޑުގެ ސަމާލުކަން ހުއްޓުނެވެ.

"ޔާ ބުނައްޔަ" (يَا بُنَيَّ) – މީގެ މާނައަކީ: "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ!"

މި އިބާރާތް ކީރިތި ޤުރުއާނުގައި ހަތް ފަހަރު އައިސްފައިވެއެވެ. އެއް ފަހަރަކު ނޫނެވެ. ދެ ފަހަރަކުވެސް ނޫނެވެ. ހަތް ފަހަރުއެވެ. އަދި މި އިބާރާތް އައިސްފައިވާ ކޮންމެ ފަހަރަކު، މައިންބަފައިންނާއި ދަރިންގެ ދެމެދުގައި އޮންނަންޖެހޭ ގުޅުމާ ބެހޭ ފުން ފިލާވަޅެއް ލިއްބައިދެއެވެ.

ނަބީބޭކަލުން ދެއްވި ނަޞޭޙަތްތައް ޤުރުއާނުގައި ރައްކާތެރިކުރެވިފައި އޮތުމުން އެކަނި މިކަން ނިމުނީއެއް ނޫނެވެ. އެހެނީ، މާތްﷲ އެގޮތަށް މިންވަރުކުރެއްވިނަމަ، ހަމައެކަނި އެކަލާންގެ ހަޒުރަތުން އައި އިރުޝާދެއް ނުވަތަ އިންޒާރެއް ނުވަތަ އަމުރުފުޅެއްގެ ގޮތުގައި ވެސް އެކަން ބަޔާންކުރެއްވުނީހެވެ.

އޭގެ ބަދަލުގައި، ﷲ އިސްކުރެއްވީ އޯގާތެރިކަމާއި ލޯތްބެވެ. މަގުދެއްކުމުގެ ކުރިން އަންނަނީ ލޯތްބެވެ. ކުށް އިޞްލާޙުކުރުމުގެ ކުރިން އަންނަނީ ގުޅުމެވެ. ފިލާވަޅުގެ ކުރިން އަންނަނީ އަޅާލުމެވެ. އަޅުގަނޑު ދެކޭގޮތުގައި، މިއީ މުޅި ޤުރުއާނުން މައިންބަފައިންނަށް ލިބިދޭ އެންމެ ބޮޑު އެއް ފިލާވަޅެވެ.

ލޯބިން ކުރެވުނު ހަތް މުޢާމަލާތް

އެންމެ ފުރަތަމަ މި އިބާރާތް އައިސްފައިވަނީ ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި އަޖައިބުކުރުވަނި ހުވަފެންފުޅެއްގެ ވާހަކަ ހިއްސާކުރެއްވުމުން، އެކަލޭގެފާނުގެ ބައްޕާފުޅު ޔަޢުޤޫބުގެފާނު ދެއްކެވި ވާހަކަފުޅުގައެވެ. "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ! ކަލޭގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ވާހަކަ ކަލޭގެފާނުގެ އަޚުންނަށް ކިޔައިނުދެއްވާށެވެ..." މިއީ ހަމައެކަނި ދީނީ ޢަޤީދާގެ ފިލާވަޅެއް ނޫނެވެ. މިއީ ރައްކާތެރިކަން ދިނުމުގެ ވަގުތުކޮޅެކެވެ. ބައްޕައަކު އޭނާގެ ދަރިފުޅު ސަލާމަތުން ބަހައްޓަން ކުރާ މަސައްކަތެކެވެ.

ދެވަނަ ފަހަރަށް މި އިބާރާތް އަންނަނީ އިންސާނީ ތާރީޚުގެ އެންމެ ބިރުވެރި، ނުރައްކާތެރި އެއް ވަގުތުގައެވެ. ތޫފާނުގެ ފެންގަނޑު ބޮޑުވާން ފެށުމުން، ނޫޙުގެފާނު (ޢަލައިހިއްސަލާމް) އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ: "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ! އަހަރެމެންނާއެކު ނަވަށް އަރާށެވެ..."މިއީ ބައްޕައެއްގެ އާދޭހެވެ. ދަރިފުޅު ސަލާމަތްކުރަން ބައްޕައަކު ކުރާ އާދޭހެކެވެ.

ތިންވަނަ ފަހަރަކީ ކީރިތި ޤުރުއާނުގައިވާ އެންމެ އަސަރުގަދަ އެއް މުޢާމަލާތެވެ. އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނަށް، ދަރިކަލުން ޤުރުބާން ކުރެއްވުމަށް އަމުރުކުރެއްވި ހުވަފެންފުޅުގެ ވާހަކަ ވިދާޅުވެދެއްވައެވެ. ނަމަވެސް، އެކަލޭގެފާނު ހަމައެކަނި އަމުރެއް ނުކުރައްވައެވެ. ކިޔަމަންތެރިވުމަށް މަޖުބޫރެއްވެސް ނުކުރައްވައެވެ.

އޭގެ ބަދަލުގައި ވިދާޅުވީ: "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަލޭގެފާނު ޤުރުބާން ކުރައްވާތީ ހުވަފެނުގައި ދެކެވަޑައިގެންފީމެވެ. ފަހެ، ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ ކިހިނެއްތޯ ވިސްނަވައި ބައްލަވާށެވެ." އެފަދަ ނާޒުކު ވަގުތެއްގައިވެސް، އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުންނާ މުޚާޠަބު ކުރެއްވީ ލޯތްބާއި އިޙްތިރާމާއެކުގައެވެ.

ބާކީ ހަތަރު ފަހަރު މި އިބާރާތް އަންނަނީ ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިފުޅަށް ދެއްވި ނަޞޭޙަތްތަކުގައެވެ. "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ! ﷲ އަށް ޝަރީކު ނުކުރާށެވެ." އަދި "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ! އެއީ ޚަރުދަލު އޮށެއްގެ ބަރުދަން ހުރި އެއްޗެއް ކަމުގައި ވިޔަސް..." އަދި "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ! ނަމާދު ޤާއިމުކުރާށެވެ..." އަދި "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ! މީސްތަކުންނަށް ފުރަގަސްދީ މޫނު އަނބުރާނުލާށެވެ..."

މިއީ އީމާންކަމާއި، ޒިންމާދާރުކަމާއި، އަޚްލާޤާއި، ހިތްތިރިކަމާއި، އަދި ސީރަތާ ބެހޭ ފިލާވަޅުތަކެކެވެ. ނަމަވެސް ކޮންމެ ފިލާވަޅެއްމެ ފެށެނީ އެއް އިބާރާތަކުންނެވެ: "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ!" ރައްކާތެރިކަން، ސަލާމަތްކުރުން، މަގުދެއްކުން، އަޚްލާޤު ބިނާކުރުން، ރޫޙާނީ ބިންގާ އަދި ދިރިއުޅުމުގެ ފިލާވަޅުތައް – ބައްޕައިން، ތަފާތު ޙާލަތްތަކުގައި ބޭނުންފުޅު ކުރެއްވީ އެއް އަސާސެވެ. އާދެ، ލޯތްބެވެ!

ޒަމާނީ ސައިންސުން ހޯދާފައިވާ ހޯދުންތައް

މީގެ ސާދަ ސައްތައަށްވުރެ ގިނަ އަހަރު ކުރިން މި އާޔަތްތަކުން ދަސްކޮށްދިން ފިލާވަޅުތައް، މިއަދުގެ ޒަމާނީ ސައިންސުންވެސް ކަށަވަރުކޮށްދެއެވެ. ކީރިތި ޤުރުއާނުން ދައްކައިދެނީ ވަރަށް ސާދާ ނަމޫނާއެކެވެ: ފުރަތަމަ ގުޅުން ބަދަހިކުރުން، އެއަށްފަހު ދިޞްލާޙުކުރުމަށާއި، ނަޞޭޙަތް ދިނުމުގެ ކުރިން ގާތްގުޅުމެއް އުފެއްދުމަށެވެ. ދަރިން ބަލާބޮޑުކުރުމާބެހޭ ނަފްސާނީ ސައިންސް ވެސް ބުނަނީ ހަމަ މިފަދައިންނެވެ.

ނަޞޭޙަތުގެ ކުރިން ލޯބި: ޖޯން ބޯލްބީ އާއި މޭރީ އޭންސްވޯތު ގެ އެޓޭޗްމަންޓް ތިއަރީގައި ބުނަނީ، ކުދިންނަށް އެންމެރަނގަޅު ތަރުބިއްޔަތެއް ލިބެނީ އެކުދިން ބަލާބޮޑުކުރާ މީހުންނާއެކު އޮންނަ ނަފްސާނީ ގޮތުން ބަދަހި، ރައްކާތެރި ގުޅުމުގެ ތެރެއިންކަމެވެ.

ނަފްސާނީ ގޮތުން ރައްކާތެރިކަން އިޙްސާސްކުރެވޭ ކުދިންނަކީ ހިތްވަރުގަދަ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަދި މައިންބަފައިންގެ ލަފަޔާއި އިރުޝާދު ހޯދަން ބޭނުންވާ ކުދިންނެވެ. މި ފަހަކަށް އައިސް، ކުދިންގެ ހެދިބޮޑުވުމާ ބެހޭ ދިރާސާވެރިން ކަމަށްވާ ޑެނިއަލް ސީގަލް އަދި ޓީނާ ޕޭން ބްރައިސަން ވަނީ މުދައްރިސުންނާއި މައިންބަފައިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި އުޞޫލެއް ތަޢާރަފުކޮށްފައެވެ. – އެއީ "އިޞްލާޙުކުރުމުގެ ކުރިން ގުޅުން ބަދަހިކުރާށެވެ."

މިކަމާ މެދު ފިކުރު ހިންގާލާއިރު، ހަމަ މި ނަމޫނާ ކީރިތި ޤުރުއާނުން ތަކުރާރުކޮށް ފެނެއެވެ. ޔަޢުޤޫބުގެފާނު ޔޫސުފްގެފާނަށް އިންޒާރު ދެއްވުމުގެ ކުރިން، ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް އާދޭސްކުރެއްވުމުގެ ކުރިން، އިބްރާހީމްގެފާނު ޤުރުބާނީގެ ވާހަކަ ދެއްކެވުމުގެ ކުރިން، ލުޤުމާނުގެފާނު އީމާންކަމާއި އަޚްލާޤުގެ ފިލާވަޅުތައް ދަސްކޮށްދެއްވުމުގެ ކުރިން – އެބޭކަލުންގެ ދަރިންނަށް ފުރަތަމަވެސް އިވެނީ "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ!" މިއިބާރާތެވެ.

ލޯބިން ރައްކާތެރިކަން އުފައްދައިދޭ: މިޒަމާނުގެ ދިރާސާތަކުން ލިބޭ ދެވަނަ ފިލާވަޅަކީ ނަފްސާނީ ރައްކާތެރިކަމުގެ މުހިންމުކަމެވެ. ނަފްސާނީ ރައްކާތެރިކަމަކީ ބިރެއް ނެތި ވާހަކަދެއްކުމަށާއި، ސުވާލުކުރުމަށާއި، ކުށްތައް ކުރެވުމުން އެކަން ހާމަކުރުމަށާއި، އަދި އަމިއްލަ އިޙްސާސްތައް ފާޅުކުރުމަށް ރައްކާތެރިކަން އޮންނާނެކަމުގެ އިޙްސާސް ކުރެވުމެވެ.

އޭމީ އެޑްމަންޑްސަން ކުރެއްވި ދިރާސާއަކުން ދައްކާ ގޮތުގައި، މީހުންނަށް އެންމެ އެދެވޭ ގޮތެއްގައި ކަންކަން ދަސްވެ، އެހީތެރިވެދެވެނީ އެމީހުންނަށް ނަފްސާނީ ގޮތުން ރައްކާތެރިކަން އިޙްސާސްކުރެވޭ ހާލަތްތަކުގައެވެ. އޭނާގެ މަސައްކަތް ބޮޑަށް އަމާޒުކުރީ މަސައްކަތުގެ މާޙައުލަށާއި ޓީމުތަކަށް ކަމަށްވިޔަސް، މި އުޞޫލު އާއިލާތަކަށްވެސް ހަމަ އެހާ ބާރުގަދަކޮށް ހިނގައެވެ.

މައިންބަފައިންގެ ފަރާތުން ނަފްސާނީ ރައްކާތެރިކަން އިހުސާސްކުރެވޭ ކުދިންގެ ފަރާތުން ފެންނަ ކަންތައްތަކުގެ ތެރޭގައި – ތެދުވެރިކަމާއެކު ވާހަކަދެއްކުން، ލަފަޔާއި އިރުޝާދު ހޯދުން، ކުށްތަކަށް އިއުތިރާފުވުން، އިޙްސާސްތައް ފާޅުކުރުން، އެހީތެރިކަމަށް އެދުން، ދިމާވާ އުނދަގޫތައް ހިއްސާކުރުން، ހިމެނެއެވެ.

ދަރިން އެކުދިންގެ މައްސަލަތަކާއިގެން އަޅުގަނޑުމެންގެ ގާތަށް އަންނާނެކަން ޔަގީންކުރެވޭނެ ގޮތަކީ، އަޅުގަނޑުމެންގެ ހާޒިރުގައި އެކުދިންނަށް އިޙްސާސްކުރެވޭ ރައްކާތެރިކަމެވެ. ކީރިތުޤުރުއާނުގައި ބަޔާންވެގެންވާ ބައްޕަމެންނަށް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. "ޔާ ބުނައްޔަ" މި އިބާރާތް ތަކުރާރުކޮށް ބޭނުންކުރެއްވުމުން، އުނދަގޫ ވާހަކަތައް ފެށުމުގެ ކުރިން ނަފްސާނީ ރައްކާތެރިކަން އުފެދިގެންދެއެވެ.

މެސެޖަކީ ސާފު މެސެޖެކެވެ: ކުދިން ވާހަކަދައްކާނީ އެކުދިންނަށް ރައްކާތެރިކަން އިޙްސާސްވުމުންނެވެ. އަދި އެކުދިންނަށް ރައްކާތެރިކަން އިޙްސާސްވާނީ އެކުދިންދެކެ ލޯބިވާކަން އެނގުމުންނެވެ.

ލޯބިން އަމިއްލަވަންތަކަން ބައްޓަންކޮށްދޭ: އަޅުގަނޑުމެންގެ ތެރޭގައި، ގިނަ ކުދިން ބޮޑެތިވަނީ އެކުދިންނަށް ލޯބިލިބޭނީ ހަމައެކަނި ކަންކަން ރަނގަޅަށް ކުރުމުން ނުވަތަ ކާމިޔާބީ ހޯދުމުން ކަމަށް ގަބޫލުކުރެވޭ މާހައުލުތަކުގައެވެ. ކީރިތި ޤުރުއާނުން ދައްކައިދެނީ ތަފާތު ހަގީގަތެކެވެ. އޭގައިވާ ކޮންމެ މުޢާމަލާތެއްގައިވެސް ކާމިޔާބީގެ ކުރިން ލޯބި އިސްވެއެވެ.

ޒަމާނީ ނަފްސާނީ ސައިންސްގައި، ކާލް ރޮޖާސްގެ "އަންކޮންޑިޝަނަލް ޕޮޒިޓިވް ރިގާޑް" މި ކޮންސެޕްޓުން ސިފަކޮށްދެނީ ހަމަ މިފަދަ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި، ކާމިޔާބީއަށް ބެލުމެއްނެތި، ކުދިން ބަލައިގަނެ އެކުދިންނަށް ލޯބިދިނުމުން އެކުދިންގެ ކިބައިގައި ހުންނަ ގާބިލިއްޔަތު ދިރިގެންދެއެވެ.

މީގެ އިތުރުން، އެޑްވަރޑް ޑެސީ އަދި ރިޗަރޑް ރަޔަން ތަރައްޤީކުރި ސެލްފް-ޑިޓަރމިނޭޝަން ތިއަރީގައި ބުނަނީ، ލޯތްބާއި ގުޅުން އިޙްސާސްވުމަކީ ކޮންމެ އިންސާނެއްގެ ނަފްސާނީ އަސާސީ ބޭނުމެކެވެ. ގުޅުމެއް ނެތި ހެދިބޮޑުވުން އުނދަގޫވެއެވެ. ލޯތްބެއް ނެތި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެއެވެ. ކީރިތި ޤުރުއާނުން އިންސާނީ ތަބީޢަތުގެ މި ފުން ހަގީގަތް ވަނީ ހާމަކޮށްދީފައެވެ.

އަޅުގަނޑުމެންނަށް ބޭނުންވާ ބައްޕަމެންގެ ދުވަހުގެ ހަނދާންކޮށްދިނުން

ބައްޕަމެންގެ ދުވަހު ގިނައިން ވިސްނުން ހުންނަނީ ބައްޕަމެން ދޭ ތަކެއްޗާއި ކޮށްދޭ ކަންކަމަށެވެ. ގެދޮރާއި ތަޢުލީމާއި ފުރުޞަތުތަކާއި ވާގުރުބާނީތަކަށެވެ. މި ކަންކަމަކީ މުހިންމު ކަންކަމެވެ. ނަމަވެސް ކީރިތި ޤުރުއާނުން އަޅުގަނޑުމެންނަށް ދައުވަތު ދެނީ ތަފާތު ސުވާލެއް ކުރުމަށެވެ: އަޅުގަނޑުމެންގެ ދަރިންނަށް އެކުދިންދެކެ ލޯބިވާކަން އެނގޭ ހެއްޔެވެ؟

އެއީ އެކުދިން މޮޅު ނަތީޖާއެއް ހޯދައިގެންނެއް ނޫނެވެ. މުބާރާތަކުން މޮޅުވެގެންނެއްވެސް ނޫނެވެ. އަޅުގަނޑުމެން އުންމީދުކުރި ގޮތަށް ކަންތައް ކޮށްގެންނެއްވެސް ނޫނެވެ. ހަމައެކަނި އެއީ އަޅުގަނޑުމެންގެ ދަރިންނަށް ވީތީއެވެ.

ގިނަ ބައްޕަމެން ދަރިންނަށް ބޭނުންވާ ތަކެތި ހޯދައިދިނުމުގައި ދެވަނައެއް ނެތް ފަދަ ނަމަވެސް، ލޯބި ފާޅުކުރުން އެހާ ފަސޭހައެއްނޫނެވެ. ބުރަކޮށް މަސައްކަތް ކުރިނަމަވެސް، ދަރިންނާއެކު ނަފްސާނީ ގޮތުން ގުޅުން ބަދަހިކުރަން ވަގުތު ހޭދަކުރެވޭ މިންވަރު ކުޑައެވެ. ނަމަވެސް، ކީރިތި ޤުރުއާނުގައި ބައްޕަމެން ދަރިންނަށް ބަހައްޓާ ލޯތްބާއި އޯގާތެރިކަން ތަކުރާރުކޮށް ބަޔާންކުރައްވާފައިވެއެވެ. އެއީ އޯގާތެރިކަން އިސްކޮށްގެންނެވެ. ލޯބި ދީގެންނެވެ. ގާތް ގުޅުމުގެއްގެ ތެރެއިންނެވެ. ހާޒިރުވެ ހުރެގެންނެވެ.

ކުދިންގެ ހަނދާނުގައި އެންމެ ބޮޑަށް ހުންނަނީ އަޅުގަނޑުމެން ދަސްކޮށްދޭ ފިލާވަޅުތަކެއް ނޫނެވެ. އެކުދިންނަށް ކުރެވޭ އިޙްސާސްތަކެވެ. އަޅުގަނޑުމެންގެ ބަސްތައް ހަނދާން ނެތޭތާ އެތައް ދުވަހެއް ފަހުންވެސް، އެކުދިން އަޅުގަނޑުމެންގެ ގާތުގައި ރައްކާތެރިކަން އިޙްސާސްކުރެވުނުތޯ ހަނދާން ހުންނާނެއެވެ. އެކުދިންގެ އަޑު އެހިތޯއާއި ބަލައިގަތްތޯއާއި އަދި ލޯބިވިތޯ ހަނދާން ހުންނާނެއެވެ.

މާތް ﷲ ، "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ!" މިއިބާރާތް ހަތް ފަހަރު ބަޔާންކުރެއްވީ، އަޅުގަނޑު ދެކޭގޮތުގައި އެހެންވެގެންނެވެ. އެއީ ހަމައެކަނި އެ އިބާރާތް ޚާއްޞަވެގެންނެއް ނޫނެވެ. ނަމަވެސް އެ އިބާރާތުން ރަމްޒުކޮށްދޭ ކަންކަމަކީ ކޮންމެހެން ބޭނުންތެރި ކަންކަމަށް ވާތީއެވެ. ލޯބިވާކަން އެނގޭ ކުއްޖާ ކަނުލާ އަޑުއަހާނެއެވެ. ރައްކާތެރިކަން އިޙްސާސްކުރެވޭ ކުއްޖާ ފޮރުވުމެއްނެތި ވާހަކަދައްކާނެއެވެ. ތިމާގެ ބަލައިގަންނަކަމަށް ދެކޭ ކުއްޖާ ހެޔޮގޮތުގައި ހެދިބޮޑުވާނެއެވެ.

މިއަހަރުގެ ބައްޕައިންގެ ދުވަހު، އަޅުގަނޑުމެންގެ ދަރިންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ އާ ނަޞޭޙަތެއް ނޫނެވެ. ނުވަތަ އާ އިރުޝާދެއް ނޫނެވެ. ނުވަތަ އާކަމެއް އިޞްލާޙުކުރުމެއްވެސް ނޫނެވެ. އެއީ ހަނދާންކޮށްދިނުމެކެވެ. އެކުދިންދެކެ އިންތިހާއަށް ލޯބިވާކަމުގެ ހަނދާންކޮށްދިނުމެކެވެ. ޝަރުޠެއް ނެތް ލޯތްބެވެ. އެއްވެސް ކަމެއް ކޮށްގެން ހޯދަންޖެހޭ ލޯތްބެއް ނޫނެވެ.

ކީރިތި ޤުރުއާނުގައި އެހަނދާންކޮށްދިނުން ހަތް ފަހަރު ތަކުރާރު ކުރައްވާފައިވެއެވެ. ހަތަރު ބައްޕައެއްގެ ދުލުންނެވެ. ތަފާތު ޙާލަތްތަކުގައެވެ. ޖީލުތަކަށް ދެމިގެންދާ ގޮތަށެވެ. އެތައް ޤަރުނެއް ފާއިތުވެގެންދާއިރުވެސް އެ ސާދާ އިބާރާތުގެ އަޑު ގުގުމަމުން ދާގޮތަށެވެ. "ޔާ ބުނައްޔަ" (يَا بُنَيَّ) – "އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ!" މުޅި ޢުމުރަށްވެސް ލޯތްބާއި، ރައްކާތެރިކަމާއި، އަދި ބަލައިގަންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދެމުންނެވެ.

ބައްޕަމެންގެ ދުވަހު އާންމުކޮށް ފާހަގަކުރަނީ ބައްޕައިން އާއިލާއަށްޓަކައި ވާ ގުރުބާނީއާއި ކޮށްދޭ ބުރަ މަސައްކަތްތަކެވެ. ނަމަވެސް، ކީރިތި ޤުރުއާނުގައި ނަބީބޭކަލުން އެބޭކަލުންގެ ދަރިދަރިކަލުންނާ މުޚާޠަބުކުރައްވައި ހަތް ފަހަރު ބޭނުންކުރައްވާފައިވާ يَا بُنَيَّ (އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ!) މި ޢިބާރާތުން، ތަރުބިއްޔަތުގައި ލޯތްބާއި އޯގާތެރިކަން އިސްކުރުމުގެ ފުން ފިލާވަޅެއް އުނގަންނައިދެއެވެ. ކުށެއް އިޞްލާޙުކުރުމުގެ ކުރިންނާއި ނަޞޭޙަތް ދިނުމުގެ ކުރިން ދަރިންނާ މެދު ގާތްގުޅުމެއް އުފައްދައި، ނަފްސާނީ ގޮތުން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެންމެ މުހިންމު އެއް އަސާސެވެ. މިއީ މީގެ ސާދަ ސައްތައަށްވުރެ ގިނަ އަހަރު ކުރިން ޤުރުއާނުން ދަސްކޮށްދީފައިވާ އުޞޫލަކަށް ވާއިރު، ޒަމާނީ ނަފްސާނީ އިލްމުވެރިންގެ ހޯދުންތަކުންވެސް މިކަން ވަރަށް ފުރިހަމައަށް ކަށަވަރުކޮށްދެއެވެ. ޝަރުޠެއްނެތް ލޯބި ލިބި، ރައްކާތެރިކަން އިޙްސާސްކުރެވޭ ކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ކަންކަމުގައި އިސްނަގާ އަދި މައިންބަފައިންގެ ލަފާ ހޯދަން ފަސްނުޖެހޭ ކުދިންނެވެ. އެހެންކަމުން ބައްޕައިންގެ އެންމެ ބޮޑު ޒިންމާއަކީ ހަމައެކަނި މާއްދީ ބޭނުންތައް ފުއްދައިދިނުމުގެ ބަދަލުގައި، ދަރިންނަށް އެކުދިންދެކެ ލޯބިވާކަން އިޙްސާސްކޮށްދިނުމެވެ.

  • ކީރިތި ޤުރުއާނުގައި ތަފާތު ޙާލަތްތަކުގައި ބައްޕައިން ދަރިންނަށް މަގުދެއްކެވުމުގެ ފެށުމެއްގެ ގޮތުން ލޯތްބާއި އޯގާތެރިކަން އިސްކުރައްވާފައިވެއެވެ.
  • ނަޞޭޙަތް ދިނުމާއި ކުށް އިޞްލާޙުކުރުމުގެ ކުރިން ދަރިންނަށް ނަފްސާނީ ރައްކާތެރިކަން އިޙްސާސްކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
  • ޒަމާނީ ނަފްސާނީ ސައިންސުންނާއި ތަރުބިއްޔަތާބެހޭ ދިރާސާތަކުންވެސް ބާރުއަޅަނީ އިޞްލާޙުކުރުމުގެ ކުރިން ގުޅުން ބަދަހިކުރުމަށެވެ.
  • ގުޅުމެއް ނެތި ހެދިބޮޑުވުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އުނދަގޫ ކަމަކަށްވާއިރު، ލޯބި ލިބިގެން ބޮޑުވާ ކުދިންގެ ކިބައިގައި ހުންނަ ގާބިލިއްޔަތުތައް ދިރިގެންދެއެވެ.
  • ބައްޕަމެންގެ ދުވަހު ދަރިންނަށް ދެވޭނެ އެންމެ ބޮޑު އަދި އެންމެ މުހިންމު ހަދިޔާއަކީ އެކުދިންނާމެދު އޮންނަ ޝަރުޠެއްނެތް ލޯބި ކަށަވަރުކޮށްދިނުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް