އުފާވެރިކަމުގެ ވައްޓަފާޅި

އުފާވެރިކަމުގެ އެއް ބިންގަލަކީ ހާޒިރީއާއި ސަމާލުކަން

ފޮޓޯތަކަށްޓަކައި އަޅުގަނޑުމެން ހިނިތުންވެލަމެވެ. ކާމިޔާބީތައް ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަކުރަމެވެ. މީރު ކެއުންތަކާއި ޗުއްޓީތަކާއި ރައްޓެހިންނާއި އާއިލާއާ އެކު ހޭދަކުރާ އުފާވެރި ވަގުތުތަކުގެ ވާހަކަ މީސްމީޑިއާގައި ހިއްސާކުރަމެވެ. ހިތަށް ނުތަނަވަސްކަމެއް ލިބިފައިވާ ވަގުތުތަކުގައި ވެސް، ބޭރުފުށުން އުފާވެރިކަން ދައްކަން އަޅުގަނޑުމެން ދަސްކޮށްފީމެވެ.

އުފާވެރި ވަގުތުތައް އެހެން މީހުންނާ ހިއްސާކުރުމަކީ ގޯސް ކަމެއް ނޫނެވެ. ނަމަވެސް މައްސަލައަކަށް ވަނީ، އުފާވެރިކަން އިހުސާސްކުރުމަށްވުރެ، އުފާވެރިކަން ދެއްކުން މުހިންމުވާ ހިސާބުންނެވެ. އަޅުގަނޑުމެން އުޅެނީ އުފާވެރި ދިރިއުޅުމެއް އުޅޭކަމުގެ ހެކިތައް ދެއްކުމާއިގެން މާ ބޮޑަށް މަޝްޢޫލުވެގެން ކަމަށްވާނަމަ، ހަގީގީ ދިރިއުޅުމުގެ ތެރޭގައި ހިނގާ ކަންކަމުން އުފާ ހޯދަން އަޅުގަނޑުމެން ހަނދާން ނެތިދެއެވެ.

https://sun.mv/224729

މިސާލަކަށް، އަޅުގަނޑުމެން ރީތި މަންޒިލަކަށް ގޮސް އެތަނުގެ ހިތްގައިމުކަން އިހުސާސްކުރުމުގެ ބަދަލުގައި، އެތަނުން ނަގާނެ ފޮޓޯއަކާމެދު މާ ގިނައިރު ވިސްނަފާނެއެވެ. ލޯބިވާ މީހަކާ އެކު ވަގުތުހޭދަކުރާއިރު އަޅުގަނޑުމެންގެ ސަމާލުކަން އެހެން ކަމަކަށް ހުއްޓިފައި ހުރެދާނެއެވެ. އެހެންވުމުން، އުފާ ލިބިގަތުމަކަށް އަޅުގަނޑުމެން ސަމާލުކަމެއް ނުދެވެއެވެ.

މިއީ 'ހެޕިޓިއުޑް' ގެ ޕްރަވީންއާ އެކު ކުރިއަށްދިޔަ އުފާވެރިކަމުގެ ޕްރޮގްރާމެއްގައި އަޅުގަނޑުގެ ހިތުގައި އުފެދުނު ޝުއޫރެކެވެ. އުފާވެރިކަމަކީ އަޅުގަނޑުމެން އޭގެ ފަހަތުން އަބަދު ދުވާ ބޮޑު ކަންތައްގަނޑަކަށް ނުހެދުމެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދައިގެ ކަންތްތަކުގެ ތެރެއިން ސަމާލުކަން ދޭގޮތުގެ މައްޗަށް ހާސިލުކުރެވޭ އެއްޗަކަށް ވާތީއެވެ.

ހިތަށް ގެންނަވާށެވެ. ހެނދުނު ބެލްކަންޏަށް ނުކުތްއިރު، ވަރަށް ލޯބިން ބަލަހައްޓަމުން އައި ގަހެއްގައި މަލެއް ފޮޅިފައި އިންތަން ފެނުނީއެވެ. އެއީ ކުޑަ ކަމެކެވެ. އެކަމުގެ ސަބަބުން ތިމާގެ މާލީ ހާލަތަކަށް ބަދަލެއް ނާންނާނެއެވެ. މައްސަލަތަކަށް ހައްލެއް ނުލިބޭނެއެވެ. އަދި ގިނަބައެއްގެ ސަމާލުކަމާއި ތަރުހީބެއް ވެސް ނުލިބޭނެއެވެ. ފަހަރުގައި އެހެން މީހަކަށް އެކަން ފާހަގަވެސް ނުވެދާނެއެވެ.

ނަމަވެސް، ތިބޭފުޅާއަށް އެކަން ފާހަގަވުމުން، މަޑުކޮށްލާ، މަލުގެ ކުލަޔަށް ބަލާލާ، އެގަސް އިންދި ދުވަހުގެ މަތިން ހަނދާން ކޮށްލެވިދާނެއެވެ. ތިމާގެ އަތުން ކުރި މަސައްކަތުން ފޮޅުނު މަލުގެ ތާޒާކަންފެނި އޭގެ އުފާ އިހުސާސްކުރެވިދާނެއެވެ.

https://sun.mv/219558

އާދައިގެ އުފާވެރިކަމަކީ އެއީއެވެ. އެއީ އެންމެ ފަޅިސިކުންތަކަށް ދެމިގެންދާ ކަމަކަށް ވެސް ވެދާނެއެވެ. އެހެނަސް، އެ މަދު ސިކުންތުކޮޅަކީ ހަގީގީ އުފާވެރިކަމެވެ. އެ އުފާވެރިކަން އުފެއްދީ އެ މަލެއް ނޫނެވެ. އެކަން އިހުސާސްކުރެވުނީ، އެ ވަގުތު އެކަމަށް ސަމާލުކަން ދެވުމުންނެވެ.

އުފާވެރިކަން ފެށެނީ ސަމާލުކަމުން

ދިރިއުޅުމުގެ އަސާސީ ކަންކަމަށް އަޅުގަނޑުމެން ސަމާލުކަން ނުދޭހާ ހިނދަކު، މާފޮޅުމުން އެލިބުނު ފަދަ، އާދައިގެ އުފާވެރިކަން ހޯދަން ދަތިވާނެއެވެ. މިގޮތުން، އަޅުގަނޑުމެންގެ ތަނެއްގައި ތިބޭއިރު، ސިކުނޑި އޮންނަނީ މުޅިން އެހެން ތަނެއްގައެވެ. ކާން އިށީނދެ ތިބޭއިރު، ވިސްނެނީ އޮފީހުގެ މަސައްކަތާ މެދުގައެވެ. ހިނގާފައި ދާއިރު، މާދަމާ ކުރަންޖެހޭ ކަންކަމާ މެދު ކަންބޮޑުވެއެވެ. ދަރިންނާ އެކު ތިބޭއިރު، ފޯނަށް ބެލުމުގައި މަޝްޣޫލުވެއެވެ.

މެތިއު ކިލިންގްސްވޯތް އަދި ޑެނިއަލް ގިލްބާޓް 2010 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ހޭލައި ތިބޭ ވަގުތުގެ ގާތްގަނޑަކަށް %46.9 ގައި މީހުންގެ ސަމާލުކަން ހުންނަނީ އެ ވަގުތު ކުރާ ކަމަކަށް ނޫނެވެ. އަދި މިގޮތަށް ސަމާލުކަން އެހެން ދިމާލަކަށް ހުރުމަކީ އުފާވެރިކަން ކުޑަވާ ސަބަބެއް ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ދެބައިކުޅަ އެއްބައި އަޅުގަނޑުމެންނަށް ގެއްލިގެން އެދަނީ، އެ ވަގުތުތަކަށް ދޭންޖެހޭ ސަމާލުކަން އަޅުގަނޑުމެންގެ ކިބައިގައި ނެތުމުންނެވެ.

ދެމީހުން އެކަނިވެސް ފުދޭ

އާދައިގެ އުފާވެރިކަން ހޯދުމަށްޓަކައި އެތައް ފައިސާއަކާއި ބޮޑެތި ކަންތައްތަކެއް ބޭނުމެއް ނުވެއެވެ. ބައެއް ފަހަރު، ތިމާއާއި އެހެންމީހަކާ އެކަނިވެސް ފުދެއެވެ. އެއީ އަވަސްއަރުވާނުލައި ދައްކާ ވާހަކައަކަށް ވެދާނެއެވެ. ފޯނަށް ނުބަލައި އެކުގައި ބޯލެވޭ ސައިތަށްޓެއް، ނުވަތަ ލޯބިވާ މީހަކާއެކީ ހިނގާލަން ދިއުންކަމުގައި ވެދާނެއެވެ. ނުވަތަ މަންމަގެ ކައިރީގައި އިށީނދެލައިގެން އިނުންކަމަށް ވެސް ވެދާނެއެވެ.

https://sun.mv/222935

ބޭރުފުށުން ބަލާއިރު މިއީ މާ މުހިންމު ކަންތައްތަކަކަށް ނުވެދާނެއެވެ. ނަމަވެސް، މާނަހުރި ދިރިއުޅުމެއް ބިނާވަނީ މިފަދަ ވަގުތުތަކުގެ މައްޗަށެވެ. އަޅުގަނޑުމެން އެ ވަގުތެއްގައި ފުރިހަމައަށް ހާޒިރުވެ ނެތްނަމަ، އުފާ ހޯދުމަށްޓަކައި މާ ބޮޑެތި ކަންކަން އަބަދުވެސް ކުރަންޖެހޭނެއެވެ. ނަމަވެސް، އަޅުގަނޑުމެންގެ ސަމާލުކަން އެ ވަގުތުތަކަށް ދީފިނަމަ، ދިރިއުޅުމުގައި މިހާރުވެސް ކިހާގިނަ އުފާވެރިކަމެއް އެއްވެސް އަގަކާނުލާ ލިބެންހުރިކަން އިހުސާސްވާން ފަށާނެއެވެ.

އުފާވެރިކަމަށް އެނބުރި ރުޖޫޢަވުން

ސަމާލުކަން ދިނުމުގެ މާނައަކީ، އަލުން އެނބުރި އަންނަން ދަސްކުރުމެވެ. ވާހަކަދައްކާ މީހާއަށް ސަމާލުކަން ދިނުމަށް ދަސްކުރުމެވެ. ކާ އެއްޗެތީގެ ރަހަ އިހުސާސްކުރުމަށް ވަގުތު ދިނުމެވެ. ނޭވާލާ ގޮތަށް ސަމާލުކަން ދިނުމަށް ސަމާލުކަން ދިނުމެވެ. ކުރިމަތިން ފެންނަ ކުދިކުދި ރީތި މަންޒަރުތައް ބަލާ އެއަށް އިންސާފުކޮށްލުމަށް ވަގުތދިނުމެވެ. ސަމާލުކަން ދިނުމާއެކު "ހާޒިރުވެ" ހުރުމެވެ.

ކޮންމެ އުފާވެރި ވަގުތެއް އެހެން މީހުންނަށް ދައްކާކަށް ނުޖެހެއެވެ. އަޅުގަނޑުމެންނަކީ އުފާވެރި ބައެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދޭކަށް ވެސް ނުޖެހެއެވެ. އުފާވެރިކަން ހޯދުމަށްޓަކައި އިތުރު ވަސީލަތްތަކަކަށް ބޭނުމެއް ނުވެއެވެ. އެކަމަށް ބޭނުންވަނީ ހަމައެކަނި އަޅުގަނޑުމެންގެ ފުރިހަމަ ސަމާލުކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް