އެމްޑީޕީ ނޫން ޕާޓީއެއް ހައްގު ހޯދުމަށް މަސައްކަތްކުރާ މަންޒަރެއް ނުފެނޭ، ގުޅިގެން މަސައްކަތް މި ކުރަނީ ރައްޔިތުންގެ ހައްގުގައި: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ގެއްލިގެން އުޅޭއިރު، އެ ހައްގު ހޯދުމަށްޓަކައި އެމްޑީޕީއާ އެކީ މި މަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި ކަމަށް -- ފޮޓޯ/ ޕީއެންއެފް

ކުރީގެ ރައީސް ޢަބްދުالله ޔާމީން ވިދާޅުވި ގޮތުގައި، އެމްޑީޕީއާއެކު މިހާރު ކުރައްވާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް ކުރެވޭ ގައުމީ މަސައްކަތެކެވެ. ޚާއްޞަކޮށް، އަދަދު ނޫހުގެ ނޫސްވެރިންނަށް އަމާޒުކޮށް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ސަބަބުން، ކުރީގެ ތިން ރައީސުން ކަމަށްވާ ޔާމީނާއި، މުޙައްމަދު ނަޝީދު އަދި އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެކުގައި މަސައްކަތްކުރައްވަން ނިންމަވާފައެވެ. މި އިއްތިހާދުގެ މައިގަނޑު މަގުސަދަކީ މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމާއި، މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ކަށަވަރުކުރުމެވެ. ސިޔާސީ ގޮތުން ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް، ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމަށްޓަކައި މިވަގުތު ގުޅިގެން މަސައްކަތްކުރުން މުހިންމުކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

  • ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ ހައްގު ހޯދުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގުޅިފައެވެ.
  • ނޫސްވެރިން ބަންދުކޮށް، ދައުވާކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
  • ކުރީގެ ތިން ރައީސުން ގޮވާލައްވަނީ ނޫސްވެރިން މިނިވަންކޮށް ޝަރީއަތްތައް ހުއްޓާލުމަށެވެ.
  • ސަރުކާރު ޖަވާބުދާރީކުރުވައި، މުއައްސަސާތަކުގެ މިނިވަންކަން އިއާދަކުރުމަކީ މައިގަނޑު އަމާޒެވެ.
  • ސިޔާސީ ޚިޔާލުތަފާތުވުންތަކަށްވުރެ ގައުމީ މަސްލަހަތު އިސްކުރުމަށް ވަނީ ނިންމަވާފައެވެ.

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި މަގުމައްޗަށް މިއަދު މައި އިދިކޮޅު ޕާޓީ އެމްޑީޕީނޫން އެހެން ޕާޓީއެއް ނުނިކުންނަ ކަމަށާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ގެއްލިގެން އުޅޭއިރު، އެ ހައްގު ހޯދުމަށްޓަކައި އެމްޑީޕީއާ އެކީ މި މަސައްކަތްކުރަނީ ރައްޔިތުންގެ ހައްގުގައި ކަމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

"އަދަދު" ނޫހުން ނެރުނު ކޮންޓެންޓަކާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒް މޫސާއަށާއި މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.

އޭގެ އިތުރުން ރައީސް އޮފީހުގައި ކުރި ސުވާލަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހްޒާން 15 ދުވަހަށް ބަންދުކޮށް، ނޫސްވެރިޔާ ލީވާން ޢަލީ ނާޞިރު ލިޔުނު ޚަބަރަކާ ގުޅިގެން 10 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.

ކަން އެހެން އޮއްވައި، ކުރީގެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޔާމީނާއި އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، ހުކުރު ދުވަހުގެރޭ ބައްދަލުކުރައްވައިފައެވެ. ތިން ރައީސުންވެސް ގޮވައިލެއްވީ ޝަހްޛާނާއި ލީވާން މިނިވަންކޮށް، އަދަދު ނޫހުގެ ނޫސްވެރިންގެ މައްޗަށް ހިންގަމުންދާ ޝަރީއަތްތައް ހުއްޓައިލުމަށާއި، ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރު ބާތިލުކުރުމަށެވެ.

އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ރޭ ބޭއްވި ޓައުންހޯލް ޖަލްސާގައި ޔާމީން ވަނީ، އެމްޑީޕީން ގެންގުޅޭ ބައެއް އުސޫލުތަކާއި ހަމަތަކާ ޚިލާފުތަކެއް އުޅޭކަން އަދިވެސް ފާހަގަކުރައްވައިފައެވެ. ނަމަވެސް، އެމްޑީޕީއާ މިއަދު ގުޅިގެން މަސައްކަތް މި ކުރައްވަނީ ރައްޔިތުންގެ ހައްގުގައި ކަމަށް، ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

"އެކަމަކު ރައްޔިތުންނަށް ހައްގުތަކެއް ހޯދައިދޭން ނިކުމެ އުޅެނީ އެމްޑީޕީއޭ، އެހެން ބަޔަކު ނޫޅެޔޭ،" ޔާމީން ވިދާޅުވިއެވެ.

ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، މިއަދު މި އުޅެނީ ދިވެހީންގެ އެންމެ ބޮޑު އެއް ހައްގު ގެއްލިގެން ކަމަށެވެ. އެހެންކަމުން އެ ހައްގު އަނބުރާ ހޯދުމަށް އެމްޑީޕީއާ އެކީ މަސައްކަތް ނުކުރެވެންވީ ކީއްވެތޯ އެއްސެވިއެވެ.

ތިން ރައީސުންގެވެސް ހުރި ޚިޔާލުތަފާތުވުންތައް އެއްފަރާތްކުރުމަށް ފަހު އިއްތިހާދުވެ ކުރިއަށް ދާން ނިންމެވީ، ރާއްޖޭގެ ކަންތައްތައް ގޯހުން ގޯހަށް ދާތީ ކަމަށް، ޔާމީން ވިދާޅުވިއެވެ. ބައެއް ކަންކަމުގައި ތިން ރައީސުންގެ ވެސް ޚިޔާލު ތަފާތުވާކަމަކީ އެންމެން ދަންނަ ހަގީގަތެއްކަން ޔާމީން މިރޭވެސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް، އަދިވެސް އަޅުގަނޑު މިހިރީ އެގޮތުގައި، އެހެން ނަމަވެސް ދަންނަވައިލަން ބޭނުންވަނީ މި ހުރިހާ ކަމަކާއެކީވެސް އަޅުގަނޑު މި ތެދުވީ މިއަށްވުރެ މާ ބޮޑު ނުބައިތަކެއް މި ހިނގަނީ މިހާރު މިހިރަ ވެރިކަމުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީންގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލިޙް އެކުގައި ބައްދަލުކުރެއްވުން -- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުالله

ޔާމީން ވިދާޅުވީ، މި ސަރުކާރު ޖަވާބުދާރީކުރުވޭނެ އިތުރު ގޮތެއް ނެތް ކަމަށާއި، ފުރަތަމަ އޮތީ އެ މަސައްކަތްކުރުން ކަމަށެވެ. ތިން ރައީސުންގެވެސް ޚިޔާލު ތަފާތުވާ ކަންކަމާމެދު މަޝްވަރާކުރުން އޮތީ އޭގެ ފަހުން ކަމަށް، ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ އަޅުގަނޑަށް ތާއީދުކުރައްވާ ބޭފުޅުންނަށް ހަމަ، ސާބިތުކަމާއެކީ ތިއްބަވާށޭ، އަޅުގަނޑު އެ ބޭފުޅުންނެއް ލެޓް ޑައުނެއް ނުކުރާނަމޭ އިނގޭތޯ،" ޔާމީން ވިދާޅުވިއެވެ.

https://sun.mv/222039

ތިން ރައީސުން މިއަދު މި ކުރައްވާ މަސައްކަތަކީ ގައުމީ ވަރުގަދަ މަސައްކަތެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ. މި މަސައްކަތް އެކުގައި ކުރައްވާ ސަބަބެއް ކަމަށް ޔާމީން ވިދާޅުވީ، ވަކިވަކި ފަރުދުންނަށްވުރެ ދިވެހި ރައްޔިތުންނާއި ރާއްޖެއާއި މި ގައުމުގެ ޑިމޮކްރަސީ ހިމާޔަތްކުރުން މުހިންމުވުމުން ކަމަށެވެ.

ކިތަންމެ ގޯސްކޮށް ގައުމުގެ ހާލަތު އޮތް ނަމަވެސް، ކުޑަކުޑަ މަސައްކަތަކުންވެސް ގައުމު ހަމައަކަށް އެޅުވޭނެ ކަމަށް، ޔާމީން ވިދާޅުވިއެވެ.

"ބަހެއް ބުނެވޭކަށެއް ނެތް، ކާޓޫނެއް ކުރަހައިލެވޭކަށް ނެތް، އެއްޗެއް އުފުލޭކަށް ނެތް، ގެއަކަށް ސޯފާ ސެޓެއް ގެންދެވޭކަށް ނެތް، މިހާހިސާބަށް ދިވެހިރާއްޖޭގެ ކަންތައްތައް ދިޔައީ، މި ދެންނެވީ މިހާ ހާލަތަށް ދެން ދިވެހިރާއްޖެ ދިޔައީމަ އަނެއްކާވެސް ދެން ތިބި ބަޔަކު އެކުގަ ނިކުމެ މަސައްކަތްކުރަން އެބަޖެހޭ،"

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީންގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލިޙް އެކުގައި ބައްދަލުކުރެއްވުން -- ސަން ފޮޓޯ: މުޙައްމަދު ޝާޠިޢު ޢަބްދުالله

މިދިޔަ ހުކުރު ދުވަހުގެރޭ ތިން ރައީސުންގެ ބައްދަލުކުރެއްވުމަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް އަމާޒުކޮށް 'ގެގް އޯޑަރެއް' ނެރެފައިވާކަން ފާހަގަކުރައްވައި، އެ އޯޑަރުގެ ދަށުން މިހާރުވެސް ދެ ނޫސްވެރިއަކު ޖަލަށްލާފައިވާ ކަމަށާއި، އިތުރު ދެ ނޫސްވެރިއެއްގެ މައްޗަށް ޝަރީއަތް ހިންގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/222040

ޔާމީން އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވި ތިން ބޭފުޅުންގެ ހައިސިއްޔަތުން، ގައުމުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ޒިންމާއެއް އެބައޮތް ކަމަށެވެ.

ކުރީގެ ތިން ރައީސުން މަޝްވަރާކޮށް އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި އެއްބަސްވުމަކަށް އައީ މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަނެ، ޝަރުއީ ދާއިރާއަށާއި ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ގައުމުގެ މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލި، ޑިމޮކްރަސީގެ ހަމަތައް ފޮހެވުމުންދާތީ ގައުމު އަލުން ހަމަމަގަށް އެޅުން ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ތެރޭ ހުރި ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް