ސިނގިރޭޓް ވައްކަން: އާއްޓޭއާއި ދިގަލީގެ ޝަރީއަތް މާދަމާ ފަށަނީ

(ވ) ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި): އެ ދެމީހުންގެ ޝަރީއަތް މާދަމާ ފަށަނީ --

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި، މަޝްހޫރު ދެ ވިޔަފާރިވެރިން ކަމަށްވާ އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދު ހިމެނޭގޮތަށް ޖުމްލަ 10 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފައިވާއިރު، މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ކުރެވިފައިވަނީ ވައްކަން ކުރުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. މީގެ ތެރެއިން ބައެއް ފަރާތްތަކުގެ މައްޗަށް ކުށުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ހެކި ނެތުމުން، ޝަރުތުތަކަކާއެކު ބަންދުން ވަނީ ދޫކޮށްލާފައެވެ.

  • މައްސަލައިގައި ދައުވާ އުފުލާފައިވަނީ ލޮޓަސް ފިހާރައިގެ ވެރިޔާ އަޙްމަދު ޢާރިފް އަދި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުޙައްމަދު ވަޙީދު ހިމެނޭހެން ޖުމްލަ 10 މީހެއްގެ މައްޗަށެވެ.
  • ކަސްޓަމްސްއިން ހިފަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވަނީ ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރެއްގެ ސިނގިރޭޓެވެ.
  • ދައުވާލިބޭ ފަރާތްތަކުގެ މައްޗަށް އުފުލާފައިވަނީ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި، ވައްކަން ކުރުމަށް ރޭވުމުގެ އިތުރުން ވައްކަންކުރުމުގެ ކުށުގެ ދައުވާއެވެ.
  • ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ލިބިފައި ނުވާތީ، ޕީޖީ އޮފީހުގެ އެދުމުގެ މަތިން ކޯޓުން ވަނީ އަޙްމަދު ޢާރިފް އާއި މުޙައްމަދު ވަޙީދުގެ އިތުރުން ޙަސަން ޢަބްދުއްރަޙްމާން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައެވެ.
  • މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި ހެނދުނު 11:00 އަށެވެ.
  • 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށުން.
  • މައްސަލައިގައި 10 ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުން.
  • އަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ނެތް 3 ފަރާތެއް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުން.
  • ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މުދަލެއް ވަގަށް ނެގުމުގެ ސީރިއަސް މައްސަލައަކަށް ވުން.

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި, ދެ ވިޔަފާރިވެރިން ކަމަށްވާ, ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނޭހެން އެ މައްސަލައިގައި ދައުވާ އުފުލާފައިވާ 10 މީހުންގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ތާވަލުގައިވާ ގޮތުން ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ، މާދަމާގެ ހެނދުނު 11:00 އަށެވެ.

ކަސްޓަމްސްއިން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް، ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި، ވަގަށް ނަގައިފައިވާ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހެވެ.

https://sun.mv/215355

އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި އާއްޓޭއާއި ދިގަލި ހިމެނެއެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ދެ މީހުން ހައްޔަރުކޮށްފައި ވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.އެއަށް ފަހު ކޯޓުން ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައެވެ. އެ ދެ މީހުންނަށް ތުހުމަތު ކުރަނީ ވައްކަމަށް ފަންޑު ކުރި ކަމަށެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ، އެ ކުށުގެ އަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ދިގަލި ވަޙީދާއި، އާއްޓޭގެ އިތުރުން ކޮންޓެއިނަރު ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށާއި އެއާއެކު އެ މީހުން ދޫކޮށްލާފައިވާ ކަމަށް ބުނެފައެވެ.

ޕީޖީއިން ބުނީ ދިގަލި ވަހީދާއި އާއްޓޭ, ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައި ވަނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ އޭނާއަކީ މި ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީއިން ބުންޏެވެ.

13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި 4 މީހެއްގެ ވަނަވަރު -- ފޮޓޯ/ ފުލުހުން

މި މައްސަލައިގައި ދައުވާކޮށްފައިވާ 10 މީހުންނަކީ:

  • ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދު
  • މއ. އެވަގްލޯރީ، އަޙްމަދު ޢާރިފް
  • ހ. ނިއުހެޕިނަސް، މުޢާޒު ޢަލީ
  • ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލް
  • ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމް
  • ހ. ރުމޭނިޔާ، އަޙްމަދު ފިރުސާން
  • ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙު
  • ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދު
  • ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން
  • ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ

އެ މީހުންގެ މައްޗަށް ދައުވާ ކުރަން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަން ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ވައްކަންކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

comment ކޮމެންޓް