އާއްމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅުނު އަންހެނަކު 15 ދުވަހަށް ބަންދުކޮށްފި

ފުލުހުން ޓޭޕްދަމައި ސަރަހައްދެއް ބަންދުކޮށްފަ: އާއްމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅުނު 35 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފަ-- ފޮޓޯ/ އޭޕީ

އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅުނު ދިވެހި އަންހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

ކޯޓު އަމުރުގައި ވާގޮތުން އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރުމުގެ ތުހުމަތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ އަންހެނެކެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ އާންމު ތަނެއްގައި ގާބުރިއެއް ހިފައިގެން އުޅެނިކޮށެވެ. އަދި އޭނާއާ ދެކޮޅަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓް ހިމެނޭ ކަމަށް ކޯޓު އަމުރުގައި ވެއެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަ ކަމަށެވެ. އަދި އެގޮތަށް ނިންމީ ކުށުގެ ބާވަތަށާއި، އޭނާގެ ކުށުގެ ރެކޯޑަށް ބަލާއިރު ކުށް ތަކުރާރުކޮށް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށްވެސް ކޯޓު އަމުރުގައި ފާހަގަކުރައްވާފައިވެއެވެ.

މި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓުން ކަނޑައަޅައި، ބަންދުގެ މުއްދަތު ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

comment ކޮމެންޓް