ސިނގިރޭޓް ވައްކަން: 10 މީހުންނަށް ދައުވާކޮށް، ޕީޖީން ބުނީ އެންމެ މަތީ އަދަބު ދޭން އެދޭނެ ކަމަށް

13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތަހުގީގަށް ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުން -- ފޮޓޯ/ ފުލުހުން

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ކަސްޓަމްސްއިން އެޕްރީލް މަހުގެ 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު މޯލްޑިވްސް ޕޯޓްސް، ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި، ވަގަށް ނަގައިފައިވާ މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހެވެ.

އެ މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެއެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހުގެ ރެއެވެ.

އެއަށް ފަހު ކޯޓުން ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރު ކޮށްފައެވެ. އެ ދެ މީހުންނަށް ތުހުމަތު ކުރަނީ ވައްކަމަށް ފަންޑު ކުރި ކަމަށެވެ.

https://sun.mv/215175

މިދިޔަ ބުރާސްފަތި ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ، އެ ކުށުގެ އަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ދިގަލި ވަޙީދާއި، އާއްޓޭގެ އިތުރުން ކޮންޓެއިނަރު ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާ ކަމަށާއި އެއާއެކު އެ މީހުން ދޫކޮށްލާފައިވާ ކަމަށް ބުނެފައެވެ.

ޕީޖީއިން ބުނީ ދިގަލި ވަހީދާއި އާއްޓޭ, ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވަނީ އޭނާއަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީއިން ބުންޏެވެ.

މިއަދު ޕީޖީން ވަނީ، އެ މައްސަލައިގައި ފުލުހުން ދައުވާކޮށްދިނުމަށް އެދި ފޮނުވި 11 މީހުންގެ ތެރެއިން 10 މީހުންނަށް ދައުވާކޮށްފައިވާ ކަމަށް ބުނެފައެވެ.

އެ 10 މީހުންނަކީ:

  1. ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދު
  2. މއ. އެވަގްލޯރީ، އަޙްމަދު ޢާރިފް
  3. ހ. ނިއުހެޕިނަސް، މުޢާޒު ޢަލީ
  4. ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލް
  5. ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމް
  6. ހ. ރުމޭނިޔާ، އަޙްމަދު ފިރުސާން
  7. ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙު
  8. ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދު
  9. ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން
  10. ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކުރަން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުމާއި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި ވައްކަންކުރުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

ޕީޖީ އޮފީހުން މިރޭ ބުނި ގޮތުގައި މި މައްސަލާގައި ތުހުމަތުކުރެވޭ ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގާރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައިވަނީ ފޮނުވާލާފައެވެ.

https://sun.mv/213511

މި މައްސަލާގައި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ މީހުން، މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އަދި މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި، ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި، ޙައްސާސްކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް