ތިން ރައީސުން އުފެއްދެވި ކޮމިޓީއަށް މެންބަރުން އައްޔަންކުރައްވައިފި

ކުރީގެ ތިން ރައީސުން އުފެއްދެވި ކޮމިޓީއަށް އައްޔަންކުރެއްވި މެންބަރުން: އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ އޮންނާނެ --

މިހާރުގެ ސަރުކާރުން ނޫސްވެރިކަމަށް އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް، ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހީމް މުހައްމަދު ސާލިހުގެ އިތުރުން އަބްދުﷲ ޔާމީން އިސްނަންގަވައިގެން އެކުލަވާލެއްވި ކޮމިޓީއަށް ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ދެ މެންބަރުން ވަނީ އައްޔަންކުރައްވާފައެވެ. ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްކިބާކުރައްވައި، ގައުމީ މުހިންމު މައްސަލަތަކުގައި މަޝްވަރާކުރެއްވުމަށް އުފެއްދެވި މި ކޮމިޓީގެ ފުރަތަމަ ރަސްމީ ބައްދަލުވުން މާދަމާ ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

  • ކޮމިޓީ އުފެއްދެވީ ދެ ނޫސްވެރިއަކު ޖަލަށްލުމާ ގުޅިގެން، ނޫސްވެރިކަމުގެ ދިފާއުގައި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރުމަށެވެ.
  • ރައީސް ނަޝީދުގެ ފަރާތްޕުޅުން ކޮމިޓީގައި ތަމްސީލުކުރައްވަނީ އީވާ އަބްދުﷲ އަދި ފައްޔާޒް އިސްމާއީލެވެ.
  • ރައީސް ސާލިހުގެ ފަރާތްޕުޅުން ކޮމިޓީގައި ތަމްސީލުކުރައްވަނީ އަހުމަދު ސަލީމް އަދި މުހައްމަދު ރަޝީދު ހުސައިންނެވެ.
  • ރައީސް ޔާމީންގެ ފަރާތްޕުޅުން ކޮމިޓީގައި ތަމްސީލުކުރައްވަނީ މުހައްމަދު މަލީހް ޖަމާލް އަދި އިސްމާއީލް ޒަރިޔަންދެވެ.
  • ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާނީ ސީދާ ތިން ރައީސުންގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ.

ސަރުކާރުން މިނިވަން ނޫސްވެރިކަމަށް އަޅާ ހުރަސްތަކާ ދެކޮޅަށް, ސިޔާސީ ހިޔާލު ތަފާތުވުންތައް ދޫކޮށް, އެކުގައި މަސައްކަތް ކުރައްވަން ނިންމެވި ކުރީގެ ތިން ރައީސުންގެ މަސައްކަތަށް އުފެއްދެވި ކޮމެޓީއަށް މިއަދު މެންބަރުން އައްޔަންކުރައްވައިފިއެވެ.

މި ކޮމިޓީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން، ގައުމީ މުހިންމު މައްސަލަތަކެއްގައި މަޝްވަރާކުރެއްވުމަށް އެކުލަވާލައްވާ ކޮމިޓީއެކެވެ.

މިއީ ފަހުގެ ތާރީޚެއްގައި މި ތިން ލީޑަރުން އެއް މޭޒެއްގެ ދޮށަށް ވަޑައިގެން، ގުޅިގެން ސިޔާސީ މަސައްކަތްތަކެއް ފެއްޓެވި ފުރަތަމަ ފަހަރެވެ.

https://www.sun.mv/222054

މި ކޮމިޓީއަށް ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ވެސް ވަނީ ދެ މަންދޫބުން އައްޔަންކުރައްވާފައެވެ. އެގޮތުން، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޮމިޓީއަށް އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ފަރާތްޕުޅުން މި ކޮމިޓީގައި ތަމްސީލުކުރައްވާނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ސަލީމް (ސައްލެ) އާއި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މިހާރު އެ ޕާޓީގެ ގައުމީ މަޖިލީސް މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.

މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މި ކޮމިޓީއަށް އައްޔަންކުރައްވާފައިވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި މިދިޔަ އިންތިޚާބުގައި ޔާމީންގެ ތާއީދާ އެކު މާލޭގެ މޭޔަރު ކަމަށް ވާދަ ކުރެއްވި އިސްމާއީލް ޒަރިޔަންދެވެ.

ތިން ރައީސުންގެ ފަރާތްޕުޅުން ކޮމިޓީއަށް އައްޔަންކުރެއްވި ހަ ބޭފުޅުންނަކީ ވެސް ސިޔާސީ މައިދާނުގައި ތަޖުރިބާކާރު، އަދި އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ޕާޓީތަކާއި ފެކްޝަންތަކުގެ އެތެރޭގެ ކަންކަން ވަރަށް ގާތުން ދެނެވަޑައިގަންނަވާ ބޭފުޅުންނެވެ. އެހެންކަމުން، މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާނީ ސީދާ ތިން ރައީސުންގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށް ބެލެވެއެވެ.

މި ކޮމިޓީ އެކުލަވާލުމަށް ފަހު، ކޮމިޓީގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން އޮންނާނީ މާދަމައެވެ. އެޖެންޑާ އަދި ހާމައެއް ނުކުރެއެވެ.

https://sun.mv/222039

ކުރިން އެކުގައި ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް ނުބެލެވުނު ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ, މި ސަރުކާރުގެ އަމަލުތައް މާ ގޯހުން ގޯހަށް ދާތީ ކަމަށް ތިން ރައީސުން ވެސް ވިދާޅުވިއެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން ރައީސުން އެކުގައި ބައްދަލު ކުރައްވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ އަމަލުތައް ގޯސް ކަމަށާއި އެކުގައި މަސައްކަތް ކުރައްވަން ނިންމެވީ ނޫސްވެރިކަމުގެ ދިފާއުގައި ކަމަށެވެ.

ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އަމާޒުވި މައްސަލައަކާ ގުޅިގެން މިހާރު ވެސް ދެ ނޫސްވެރިއަކު ޖަލަށްލާފައި ވަނިކޮށެވެ.

comment ކޮމެންޓް