ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަމަލުފުޅުތަކުން އުފެދެނީ އިންގިލާބެއް ކަމަށާއި އެމްޑީޕީން ތިބޭނީ ރައްޔިތުންނާ އެކީގައި ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރު ކުންފުނިތަކުގައި ތިބި އެމްޑީޕީއަށް ތާއިދުކުރާ މުވައްޒަފުންނަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ބުނެ، ވަޒީފާ ބުރާސްފަތީގެ ނަމުގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ކުރުކޮށް ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީގެން ކަމަށެވެ.
މިގޮތުން، އެ ޕާޓީގެ މަގުސަދަކީ ރައްޔިތުން ތަނަވަސްކޮށްދިނުން ކަމަށާއި އެ ކަން ބިނާވެފައި އޮންނަނީ ރައްޔިތުންގެ ހައްގުތައް ބިނާކުރުމުގެ މައްޗަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ވަޒީފާ އަދާކުރާ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އަސާސީ ކަންކަން ގާނޫނުއަސާސީން ލިބިފައިދީފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް އެ ހައްގުތައް ހޯދައިދިނީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުން ކަމަށެވެ.

އެމްޑީޕީން މިރޭ ބޭއްވި މުޒާހަރާގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
އެ މަނިކުފާނު ވަނީ، މި ސަރުކާރު ބަދަލު ކުރާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.
މީގެއިތުރުން، އެ ޕާޓީއަށް ތާއިދުކުރާ މެންބަރުން ވަޒީފާތަކުން ވަކިކުރަމުން ދަނީ އިންސާފެއް ނެތި ކަމަށާއި އެ މީހުންނާއެކު އަޑުއުފުލުމުގައި ޕާޓީން ދެމިއޮންނާނެކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި، ވަޒީފާއިން ވަކި ކުރާ މީހުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންގިލާބެއްގެ މަސައްކަތް. ރާއްޖޭގެ ރައްޔިތުން އިންގިލާބަށް ނިކުންނާނެ. އެ ރައްޔިތުން، އެ މީހުންގެ ހައްގުގައި އަދާކުރަން ޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންދާނެއެމްޑީޕީގެ ޗެއާޕާސަން، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ރަސްފަންނުން ފަށައިގެން އާޓިފިޝަލް ބީޗާ ހަމައަށް ކުރިއަށް ގެންދިޔަ މި މުޒާހަރާގައި އެމްޑީޕީގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.
އެ މުޒާހަރާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ވަޒީފާ އަދާކުރުމުގެ ހައްގަށް މި ސަރުކާރުން އަރައިގަންނައިރު އެމްޑީޕީން މަޑަކުން ނޯންނާނެ ކަމަށެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރެއިން: މި މުޒާހަރާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
އެ ޕާޓީގެ މެންބަރުންނަކީ، ސަރުކާރުން ދައްކާ ބިރަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށާއި އެމްޑީޕީން ތިބީ ސަރުކާރަށް ގޮންޖަހާފައި ބަލިކޮށްލުމަށް ނިކުމެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިގޮތުން، ވަޒީފާއިން ވަކިކޮށް، ރައްޔިތުން ބިކަކުރުމުން ސަރުކާރަށް ލޯތްބެއް ނުލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"މަންޒަރު ފެންނަމުން ދަނީ، މި ސަރުކާރު ބޮޑުތަނުން ބޮނދު ބުޑަށް ސައި ވަމުންދާތަން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މަސައްކަތް ކުރިއަށްގެންދާނަން" ޝާހިދު ވިދާޅުވިއެވެ.
އޭގެއިތުރަށް، މި ސަރުކާރުގައި ވަޒީފާއިން ވަކިކުރި އެންމެންގެ ވަޒީފާ އެމްޑީޕީ ސަރުކާރެއްގައި އަލުން އިއާދަކޮށްދޭނެކަމުގެ ޔަގީންކަން ޝާހިދު ދެއްވިއެވެ.