ކުރީގެ ދަރަނިތައް އަދާކުރުމަށްޓަކައި އަލުން ދަރަނި ނެގުމަކީ އިގުތިސާދީ ގޮތުން ރާއްޖެއަށް އޮތް ހައްލެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ މާލީ ކަންކަން ހެޔޮ ގޮތުގައި ހިންގުން ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ރޭ ބޭއްވި އެމަނިކުފާންގެ ކެމްޕެއިން ޖަލްސާގައި, ނަޝީދު މިހެން ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ހަމަޖައްސަމުންދާ ގޮތާއި ދަރަނީގެ މިންވަރު އިންތިހާއަށް ބޮޑުވަމުންދާ ކަމަށް ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރުން ދާދި ފަހުން ބައެއް ދަރަނިތައް ދައްކާފައިވާ ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް، އެ ފައިސާ ހޯދި ގޮތާއި ދަރަނި އަދާކުރި ގޮތުގެ ފުރިހަމަ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން މިއަދު އެންމެ ގިނަ ފައިސާ ހަރަދުކުރަން ޖެހިފައިވަނީ ދަރަނި އަދާކުރުމަށެވެ. އަލުން ދަރަނި ނަގައިގެން ކުރީގެ ދަރަނި ދެއްކުމުން، މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ކަމެއް ނޫންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އަންދާޒާތަކަށް ބަލާއިރު، މި އަހަރު ނިމޭއިރު ރާއްޖޭގެ ޖުމްލަ ދަރަނި 123 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް ދަރަނި މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުރި މިންވަރު 125 އިންސައްތައާއި 133 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާއިރު، މި އަހަރުގެ ތެރޭގައި އެކަނިވެސް 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހޭކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މިފަދަ ބޮޑެތި އަދަދުތަކުން ދަރަނި ދައްކަން ޖެހިފައިވާއިރު، ސަރުކާރުގެ މާލީ މުއާމަލާތްތަކުގައި ފުރިހަމަ ދެފުށްފެންނަ ގޮތެއް ނެތުމަކީ އިގުތިސާދީ މާހިރުންނާއި އާންމު ރައްޔިތުންވެސް ނުހަނު ކަންބޮޑުވާ ކަމެކެވެ. ދަރަނި ދެއްކުމަށް ބޭނުންކުރީ ދައުލަތުގެ ރިޒާވްގައި ހުރި ފައިސާތޯ ނުވަތަ އިތުރު ލޯނެއް ނަގައިގެންތޯ ސާފުކޮށްދީފައި ނުވުމަކީ، މާލީ ހާމަކަން ކުޑަވުން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.
އަވައްޓެރި ސްރީލަންކާގެ އިގުތިސާދު ބަނގުރޫޓުވެ، ދަރަނި ނުދެއްކޭ ހާލަތަށް ދިޔަ ވަގުތު އެ ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މުޝީރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ތަޖުރިބާ ހިއްސާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެފަދަ ހާލަތެއްގައި ގައުމަކަށް ކުރިމަތިވާނެ ގޮންޖެހުންތައް ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށެވެ. ސްރީލަންކާއަށް ދިމާވި ފަދަ ހިތްދަތި ހާލަތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި، އެފަދަ ހާލަތަކަށް ނުގޮސް ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތައް އެ މަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ވޯލްޑް ބޭންކުން އެކުލަވާލާފައިވާ "ޑެޓް ސަސްޓެއިނަބިލިޓީ އެނަލިސިސް" ނުވަތަ ދަރަނި އަދާކުރެވޭނެ ގޮތުގެ ދިރާސާއާ ހަވާލާދެއްވައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަށް މިވަގުތު ދަރަނި އަދާކުރެވެން އޮތީ ވަރަށް ހަނި ގޮތަކަށް ކަމަށެވެ. ދިވެހިރާއްޖެއަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމެއްގެ ގޮތުގައި ގިންތިކުރެވި، ބޮލަކަށް ޖެހޭ އާމްދަނީ 13،000 އެމެރިކާ ޑޮލަރަށް އަރާފައިވީ ނަމަވެސް، ދަރަނީގެ ސަބަބުން އަނެއްކާވެސް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށް އެ މަނިކުފާނު އިންޒާރުދެއްވިއެވެ.
ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް އިތުރު ތަނަވަސްކަން ހޯދުމުގެ ފުރުސަތު އޮތް ނަމަވެސް، އެކަން ކުރެވެން އޮތީ ދަރަނީގެ ދަންތުރައިން ސަލާމަތްވެގެން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ގައުމުގެ އިގުތިސާދީ މިސްރާބު ބަދަލުކޮށް، ހަރުދަނާ މާލީ ސިޔާސަތުތަކެއް ތަންފީޒުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.