ޕްރައިމަރީގައި ފައްޔާޒު ބަލިވެއްޖެނަމަ، ހުންނާނީ ޕާޓީގެ ކެންޑިޑޭޓާއެކު: ނަޝީދު

ނަޝީދާއި ފައްޔާޒު: ނަޝީދު ވިދާޅުވީ، ފައްޔާޒު ބަލިވެއްޖެނަމަ، ހުންނަވާނީ ޕާޓީގެ ކެންޑިޑޭޓާއެކު ކަމަށް -- ފޮޓޯ/ ލޫކަސް ޖަލީލް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ބަލިވެއްޖަނަމަ، އެ މަނިކުފާނު ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވާ ކެންޑިޑޭޓަކާއެކު ހުންނަވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ، އެމްޑީޕީގެ ކެންޑިޑޭޓަކާއެކު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ.

މިގޮތުން، އެ މަނިކުފާނު މިހާރު ތާއިދުކުރައްވާފައިވާ ފައްޔާޒު ޕްރައިމަރީގައި ބަލިވެއްޖެނަމަ، ހުންނަވާނީ އެ ޕާޓީގެ ކެންޑިޑޭޓަކާއެކު ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެ ޕްރައިމަރީ ކާމިޔާބު ކުރާނީ، ފައްޔާޒު ކަމަށް ނަޝީދު ދެކެވަޑައިގަންނަވައެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ނަޝީދު: ވިދާޅުވީ، ފައްޔާޒު ބަލިވެއްޖެނަމަ، ހުންނަވާނީ ޕާޓީގެ ކެންޑިޑޭޓާއެކު ކަމަށް --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ
ހަމަ ކޮންމެ ގޮތެއް ވިޔަސް ވެސް، އަޅުގަނޑު އެ ކެންޑިޑޭޓަކާ އެކީ ގޮސް، އެމްޑީޕީއަށް ސަރުކާރު ހޯދައި ދެވެންދެން އަޅުގަނޑު މި މަސައްކަތް ކުރާނަންއެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު

މީގެއިތުރުން، އެމްޑީޕީއަކީ ބަލި ޕާޓީއެއް ކަމަށް ގަބޫލުކޮށްގެން މަސައްކަތެއް ނުކުރެވޭނެ ކަމަށާއި އެމްޑީޕީއަށް އެކަނި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަން ގަބޫލުކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އުޅެފިނަމަ، އެމްޑީޕީއަށް އަންނާނީ ބޮޑު ލޮޅުމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އެ ފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ތެރޭގައި ވަނީ ވާދަވެެރިކަން ބޮޑުވެފައެވެ. މިގޮތުން، ޕާޓީގެ ޓިކެޓަށް މިހާރު ކެމްޕޭން ކުރައްވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހިމެނޭއިރު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ޓިކެޓަށް ވާދަކުރައްވާނެ ކަމަށް އަޑު ފެތުރިފައިވެއެވެ.

comment ކޮމެންޓް