އަންނަ އަހަރުގެ ކުރީކޮޅު، ރޯދަމަހަށް ފަހު ލަސްތަކެއް ނުވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަކީ ބޭނުންތެރި ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އަންނަ މަހު އެމްޑީޕީގެ ކޮންގްރެސް ބާއްވާނެ ކަމަށެވެ. އަދި އޭގެ ފަހުން އަންނަ ރޯދަމަހުގެ ފަހު ޕްރައިމަރީ ބޭއްވުމަކީ ރަނގަޅު ގޮތެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދެން އެހެންނަމަވެސް މިކަންކަން ނިންމާނީ ޕާޓީގެ ގައުމީ މަޖިލީހުން. ރޯދަމަސް ފެށިގެން އެ އަޅުގަނޑަށް ހީވަނީ ފެބްރުއަރީ އިންނޭ. އެހެންވީމާ ފެބްރުއަރީއެއް ނިންމާފަ ލަސްތަކެއް ނުވެ އެކަމަށް އަޅުގަނޑު ހިތުން ބޭނުންތެރިކަމެއް އެއީ،" ނަޝީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދެމެދު އަދި ގިނަ ދުވަސްތަކެއް އޮތް ނަމަވެސް، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ގިނަ ބޭފުޅުންތަކެއް އަންނަނީ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.
މިގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެސް ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް ޕާޓީގެ އިސް ބޭފުޅުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ މަނިކުފާނު ގެންދަވަނީ މިކަމާ ގުޅޭގޮތުން ޕާޓީގެ އިސް ލީޑަރުންނާ މަޝްވަރާކުރައްވަމުންނެވެ.
މީގެ އިތުރުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ. ފައްޔާޒު މި އިންތިޚާބަށް ނުކުމެވަޑައިގަންނަވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފުރިހަމަ ތާއީދާއެކުގައެވެ.
ހަމައެއާއެކު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޝައުގުވެރިކަން ފާޅުކުރައްވައި، އެކަމަށްޓަކައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ހާމަކުރައްވާފައެވެ.
މީގެ އިތުރުން އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ގެންދަވަނީ އެކި ރަށްރަށަށް ވަޑައިގެން ޕްރައިމަރީއަށް ކެމްޕޭން ވެސް ކުރައްވަމުންނެވެ.