ރާއްޖޭގެ ސިޔާސީ މައިދާނަކީ އަބަދު ވެސް "ހަނގުރާމަ"އެކެވެ. ޚާއްސަކޮށް ކުދިކުދި ކަންކަމާ މާ ބޮޑަށް "ރިއެކްޓް" ކުރައްވާ ވެރިން ތިއްބަވާ ހާލަތުގައި މި ހަނގުރާމަ އިތުރަށް ބޮޑުވެގެންދެއެވެ. ނަތީޖާއަކަށް ވަނީ މުޅި ގައުމު ހަލަބޮލިވުމާއި ތަރައްގީ މަޑު ޖެހުމެވެ. މި ގައުމުގެ އަގު ހުރި އެތައް ވަގުތެއް މިފަދަ ތާކުންތާކު ނުޖެހޭ ހަނގުރާމަތަކަށް ވަނީ ހޭދަކޮށްފައެވެ. އަދި, މިހާރު ވެސް ދަނީ ހޭދަކުރަމުންނެވެ.
ދުނިޔޭގެ ގައުމުތަކުން ކޮށްފައިވާ ތަޖުރިބާތަކުން މި ކުޑަ ގައުމު އިބުރަތް ހާސިލުކުރަން އެބަ ޖެހެއެވެ. އަބަދު ކަންތައްގަނޑެއްގައި އުޅުމަކީ މާ މޮޅު ކަމެއް ނޫނެވެ. ހަމަޖެހިލަން އެބަޖެހެއެވެ. އެ ކަމަށް މަގުފަހިކޮށްދޭ އެއް ވަސީލަތަކީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ލިޔެފައިވާ އަސްކަރީ ފޮތެއް ކަމަށްވާ "ދަ އާޓް އޮފް ވާ"އެވެ. މި ފޮތުގައި ބަޔާންކޮށްފައިވާ އުސޫލުތަކަކީ ހަމައެކަނި ހަނގުރާމައިގެ މައިދާނަށް ޚާއްސަ އުސޫލުތަކެއް ނޫނެވެ. އެއީ ގައުމެއް ހިންގުމާއި ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް ވެސް ބޭނުންކުރެވިދާނެ މުހިންމު ފިލާވަޅުތަކެކެވެ.
https://www.sun.mv/221323
"ދަ އާޓް އޮފް ވާ"އަކީ މީގެ 2500 އެއްހާ އަހަރު ކުރިން, ޗައިނާގެ އަސްކަރީ ސްޓްރެޓެޖިސްޓެއް ކަމަށްވާ ސުން ޓްޒޫ ލިޔުއްވާފައިވާ މަޝްހޫރު ފޮތެކެވެ. ތޭރަ ޗެޕްޓަރުގެ މައްޗަށް އެކުލެވިގެންވާ މި ފޮތަކީ ޗައިނާގެ "ވޯރިން ސްޓޭޓްސް" ނުވަތަ ހަނގުރާމަވެރި ދައުލަތްތަކުގެ ދުވަސްވަރު ލިޔެފައިވާ ފޮތެކެވެ. އެ ދުވަސްވަރަކީ ސަގާފީ ގޮތުން ކުރަމުން އައި ކުދި ހަނގުރާމަތައް ބަދަލުވެ، ބޮޑެތި ލަޝްކަރުތަކުން އެއްކޮށް ހަނގުރާމަކުރަން ފެށި ދުވަސްވަރެވެ. އެހެންކަމުން، ހަނގުރާމައިގެ މައިދާނުގައި އަމަލުކުރާނެ ގޮތުގެ ސްޓްރެޓެޖީތައް އެކުލަވާލުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވިއެވެ.
މިއަދުގެ ދުނިޔޭގައި މި ފޮތް ބޭނުންކުރަނީ ހަމައެކަނި އަސްކަރީ ކަންކަމުގައެއް ނޫނެވެ. ވިޔަފާރީގެ މައިދާނުގައާއި، ސިޔާސީ ލީޑާޝިޕްގައި އަދި ދައުލަތް ހިންގުމުގައި ވެސް މި ފޮތުގައިވާ އުސޫލުތައް ބޭނުންކުރެއެވެ. ސުން ޓްޒޫ ގަބޫލުކުރައްވާ ގޮތުގައި އެންމެ މޮޅު ކާމިޔާބީއަކީ ހަނގުރާމައަކާ ނުލައި ދުޝްމަނުން ބަލިކުރުމެވެ. މި ފަލްސަފާއަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ވެސް ވަރަށް މުހިންމު ފިލާވަޅުތަކެއް ލިބިދޭނެ ފަލްސަފާއެކެވެ.
ސުން ޓްޒޫގެ ފޮތުގައި އެންމެ ފުރަތަމަ ވެސް އަލިއަޅުވާލާފައިވަނީ "މޯރަލް ލޯ" ނުވަތަ އަހުލާގީ ގާނޫނުގެ މައްޗަށެވެ. އޭނާ މާނަކުރައްވާ ގޮތުގައި މިއީ ވެރިންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުމާއި އެއްބައިވަންތަކަމެވެ. ރައްޔިތުންނާއި ވެރިން އެއް މިސްރާބަކަށް ދަތުރުކުރާނަމަ، ކޮންމެ ފަދަ ނުރައްކާތެރި ހާލަތެއްގައި ވެސް ރައްޔިތުން ވެރިންނާ އެކު ސާބިތުވެ ތިބޭނެކަމަށް ސުން ޓްޒޫ ވިދާޅުވެފައިވެއެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމާއަތްތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ދައުލަތުގެ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެ ވަނީ 182 ގައުމުގެ ތެރެއިން 91 ވަނައަށް ވެއްޓިފައެވެ. މީގެ އިތުރުން، ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހާ މެދު އޮންނަ އިތުބާރު ކުޑަކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެހެންކަމުން، ސިޔާސީ ލީޑަރުން އެންމެ އިސްކަމެއް ދޭންވީ ރައްޔިތުންގެ އިތުބާރު ހޯދައި، ދެފުށް ފެންނަ ސިޔާސަތުތަކެއް ތަންފީޒުކުރުމަށެވެ. ގަދަބާރުން ހޯދާ ހަމަޖެހުމަށްވުރެ، އިތުބާރުގެ މައްޗަށް ބިނާކުރެވޭ ހަމަޖެހުން މާ ވަރުގަދަވާނެއެވެ.
ހަނގުރާމައަކާ ނުލައި ކާމިޔާބު ހޯދުމަކީ ސުން ޓްޒޫގެ އެންމެ މަޝްހޫރު އެއް އުސޫލެވެ. އޭނާ ވިދާޅުވެފައިވަނީ ދުޝްމަނުންގެ ލަޝްކަރާ ކުރިމަތިލުމުގެ ބަދަލުގައި، އެ މީހުންގެ ސްޓްރެޓެޖީއާއި ގުޅުންތަކަށް ހަމަލާ ދިނުމަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ގިނަ ފަހަރަށް ފެންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް ވަރަށް ހަރުކަށިކޮށް ރައްދުދީ، ޒާތީ ގޮތުން ދިމާކުރާ މަންޒަރެވެ. މިއަދު ވެސް މުޅިން މިފެންނަނީ އެ މަންޒަރެވެ. ޖަޒުބާތާއި ލިބިފައި އޮތް ބާރުގެ ބޭނުން ހިފަން އިސްކަން ދޭ މަންޒަރު އިއްޔެއާއި މިއަދު ވެސް ފެނުނެވެ. އެންމެ މޮޅު ސިޔާސީ ލީޑަރުންނަކީ އިދިކޮޅު ފަރާތްތަކާ ވެސް މަޝްވަރާކޮށްގެން، އެންމެންނަށް އެއްބަސްވެވޭ ސިޔާސަތުތަކެއް އެކުލަވާލާ ލީޑަރުންނެވެ. އޭރުން ސިޔާސީ ގޮތުން ކުރަންޖެހޭ "ހަނގުރާމަ"ތައް މަދުވެގެންދާނެއެވެ. އޭގެ ބަދަލުގައި ގޮތް ދޫނުކުރުމާއި ގަދަކަން ދައްކަން އުޅެގެން ގިނަ ފަހަރަށް ވާނީ ފަލީހަތެވެ.
ސުން ޓްޒޫގެ ފޮތުގައި ހަނގުރާމަކުރާ މައިދާން ނުވަތަ "ޓެރެއިން" ދެނެގަތުމުގެ މުހިންމުކަމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވެއެވެ. މިއަދުގެ ސިޔާސީ ވެށީގައިނަމަ، އެ މައިދާނަކީ ގައުމުގެ އިގުތިސާދީ އަދި އިޖުތިމާއީ ހާލަތެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އެކު، ދައުލަތުގެ ދަރަނި ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ޖުމުލަ ދަރަނި ވަނީ 130.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 އިންސައްތައެވެ. ވޯލްޑް ބޭންކުން އިންޒާރުދީފައިވާ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭ އާމްދަނީގެ 70 އިންސައްތަ ހޭދަކުރަންޖެހޭނީ ދަރަނި އަދާކުރުމަށެވެ. މިފަދަ ނާޒުކު އިގުތިސާދީ މައިދާނެއްގައި ސިޔާސީ ލީޑަރުން މަސައްކަތްކުރާއިރު، ކުރު މުއްދަތުގެ ސިޔާސީ މަންފާއަށްޓަކައި އިގުތިސާދު ގުރުބާންކޮށްގެން ނުވާނެއެވެ. ބޭރުގެ ލޯނުތަކާއި ދަރަނީގެ ބުރަދަން ދެނެގަނެ، ފިސްކަލް ޒިންމާދާރުކަން އިސްކުރުމަކީ ހަނގުރާމައިގެ މައިދާނުގައި ފަރުބަދަތަކާއި ކޯރުތައް ހުރި ގޮތް ދެނެގަތުން ފަދަ މުހިންމު ކަމެކެވެ.
https://www.sun.mv/221961
ދިގުލައިދާ ހަނގުރާމަތަކުން ދުރުހެލިވުމަށް "ދަ އާޓް އޮފް ވާ"ގައި ވަރަށް ހަރުކަށިކޮށް އިންޒާރުދީފައިވެއެވެ. ދިގު މުއްދަތަކަށް ކުރެވޭ ހަނގުރާމައެއްގެ ސަބަބުން އެއްވެސް ގައުމަކަށް މަންފާއެއް ކޮށްފައިނުވާ ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ ހަޒާނާ ހުސްވެ، ރައްޔިތުން މާޔޫސްވާކަމަށް ސުން ޓްޒޫ ފާހަގަކުރައްވައެވެ. ނަމަވެސް, ރާއްޖޭގައި ގިނައިން ފެންނަނީ އިދިކޮޅާއި ސަރުކާރާ ދެމެދު އަބަދުވެސް "ތަޅާ" މަންޒަރެވެ. އެއް ބަޔަކު އަނެއް ބަޔަކު ބަލިކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާތަނެވެ. މިގޮތަށް އަބަދު ސިޔާސީ "ހަނގުރާމަ"އެއްގެ ހާލަތުގައި ތިބުމުގެ ސަބަބުން، ދައުލަތް ހިންގުމަށާއި ތަރައްގީއަށް ހޭދަކުރަންޖެހޭ ވަގުތާއި ވަސީލަތްތައް އިސްރާފުވެގެންދެއެވެ. ސްޓްރެޓީޖިކް ލީޑަރުންނަށް ސިޔާސީ ކޯޅުންތައް ނިންމާލަންވީ ވަގުތު އެނގެންޖެހޭނެއެވެ. އަދި, އޭގެ ބަދަލުގައި ހަލުވިކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މައްޗަށް އަމާޒު ހިފަންޖެހޭނެއެވެ.
ސުން ޓްޒޫގެ އެންމެ ފަހު ފިލާވަޅަކީ ހާލަތާ ގުޅޭގޮތަށް ބަދަލުވުމުގެ މުހިންމުކަމެވެ. އޭނާ ވިދާޅުވާ ގޮތުގައި އަސްކަރީ އުކުޅުތައް ފެން ފަދައިން ވާންޖެހޭނެއެވެ. ފެން އޭގެ ބައްޓަން ބަދަލުކުރަނީ އެ ފެން ދަތުރުކުރާ ބިމެއްގެ ގޮތުންނެވެ. ހަމައެފަދައިން، ސިޔާސީ މައިދާނުގައި ވެސް ހަރުކަށިކަމަކީ ހަމަޖެހުމުގެ ދުޝްމަނެވެ. ޚާއްސަކޮށް ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއްގައި، އެކި ފަރާތްތަކާ އެކު ދޫދީގެން މަސައްކަތްކުރަން ދަސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ނަމަވެސް، ރާއްޖޭގައި ނިމިދިޔަ ވެރިކަންތަކާއި މިއަދުގެ ސަރުކާރަށް ބެލި ނަމަވެސް ފެންނަނީ އެ މަންޒަރެއް ނޫނެވެ. ކަންކަމާ މާ ބޮޑަށް ރިއެކްޓް ކުރައްވާ ތަނެވެ. އޭގެ ސަބަބުން ނިމިފައި ހުރި ކަންކަން އަލުން ފެށި މުޅި ސަރުކާރު ޕްރެޝަރަށް ދާން ޖެހެނީއެވެ. ނުލިބެން އޮތް އެތައް ގެއްލުމެއް ލިބެނީއެވެ. ބާރު އޮތަތީ ދޫ ނުދެއްވަން އުޅެގެން ޖެހެން ނުޖެހޭ އެތައް ލައްގަނޑެއް ޖެހެނީއެވެ. ދޫދިނުމަކީ ދެރަ ކަމެއް ކަމަށް ދެކެ, ގަދަކަން ދައްކަން އުޅެގެން ގޯހުގެ މައްޗަށް ގޯސް ހައްދަވަނީއެވެ. އެއީ އިއްޔެއާއި މިއަދުގެ ވެސް ހަގީގަތެވެ.
އިބުރަތް ހާސިލުކޮށްފިނަމަ މި ހުންނަނީ ލައްކަ ފިލާވަޅެވެ. އަބަދު ހަނގުރާމަ ކުރުމާއި ލިބިފައިވާ ބާރު ބޭނުން ކުރުމަކީ އެންމެ މޮޅު ގޮތް ނޫން ކަމެވެ. އޭގެ ބަދަލުގައި ހަމަޖެހިލައިގެން ހުރެ ކަންކަން ކުރަން ދަސްކުރަން ޖެހެއެވެ. ހަނގުރާމަ ނުކޮށް ވޭތޯ ބަލަން ޖެހެއެވެ. މޮޅުގޮތަކީ އެއީއެވެ. މި ފޮތުގައި މިވަނީ އިއްޔެއާއި މިއަދާއި އަދި މާދަމާ ވެސް މި ގައުމުގައި ވެރިކަން ކުރަން ތިއްބެވި ބޭފުޅުންނަށް ލައްކަ އިބުރަތެވެ.