ފިޔާޒާއި ހަސަންގެ ޝަރީއަތް ފަށައިފި

ނޫސްވެރިޔާ ފިޔާޒާއި ހަސަން: ދެ މީހުންގެ ޝަރީއަތް ވަނީ މިއަދު ފަށާފައި -- ފޮޓޯ/ އެމްޖޭއޭ

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ އިބުތިދާއީ އަޑުއެހުން ކްރިމިނަލް ކޯޓުގައި ވަނީ ފަށާފައެވެ. މި ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވާއިރު، މި ދެ ނޫސްވެރިންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން، ކޯޓުގެ އަމުރާ ޚިލާފުވި ކަމަށް ބުނެ އަދަދު ނޫހުގެ އިތުރު ދެ ނޫސްވެރިއަކު ޖަލަށްލާފައިވާއިރު، ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ވަދެ ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައެވެ. މަސްދަރު ހިމާޔަތްކުރުމަށްޓަކައި ނޫހުން ވަނީ އެ ތަކެތީގެ ޕާސްވޯޑް ދިނުމަށް އިންކާރުކޮށްފައެވެ.

  • އަދަދު ނޫހުގެ ސީއީއޯއާއި އެޑިޓަރުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ އުފުލައި ޝަރީއަތް ފެށުން
  • މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެން
  • ކޯޓުގެ އަމުރާ ޚިލާފުވި ކަމަށް ބުނެ އިތުރު ދެ ނޫސްވެރިއަކު ޖަލަށްލުން
  • ފުލުހުން ނޫހުގެ އޮފީހަށް ވަދެ ތަކެތި ގެންދިއުމާއި، މަސްދަރު ހިމާޔަތްކުރުމަށް ޕާސްވޯޑް ނުދިނުން

އަދަދު ނޫހުގެ ދެ ނޫސްވެރިންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ގަޒުފުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

އެ މައްސަަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ އާދިއްތަ ދުވަހެވެ. ދެ ނޫސްވެރިންގެ ޕާސްޕޯޓު ވެސް ވަނީ އަންނަ ޖުލައި 26ގެ ނިޔަލަށް ހިފަހައްޓާފައެވެ.

އެ މައްސަލައިގައި ދެ ނޫސްވެރިންގެ ޝަރީއަތް މިއަދު 1:00 ގައި ވަނީ ފަށާފައެވެ. މިއަދު އޮތީ އިބުތިދާއީ އަޑުއެހުމެވެ. މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނެ އިއްޔެ އެ ކޯޓުން ވަނީ އަދަދު ނޫހުގެ އިތުރު ދެ ނޫސްވެރިއަކު ޖަލަށްލާން ހުކުމްކޮށްފައެވެ. އެއީ، ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް އަދި، މުހައްމަދު ޝަހްޒާން 15 ދުވަހަށެވެ. ދެ ނޫސްވެރިން ވެސް މިހާރު ތިބީ ޖަލުގައެވެ.

https://sun.mv/221928

ކްރިމިނަލް ކޯޓުގެ އަމުރުގައި ވަނީ މައްސަލައާ ގުޅޭ ލިޔުންތަކާއި ޝަރީއަތާ ގުޅޭ މައުލޫމާތުތަކުގެ އިތުރުން މައްސަލައިގެ ހަސްމުންނާ ގުޅޭ ވާހަކައެއް ދެއްކުން ވެސް މަނާކޮށްފައެވެ.

އެހެންވެ، އެފަދަ ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަދަދު ނޫޙަށް ވަދެފައެވެ. އެ ނޫހުން ގިނަ އަދަދެއްގެ ލެޕްޓޮޕާއި ހާޑް ޑްރައިވް ގެންދިޔައެވެ. އެ ތަކެތީގެ ޕާސްވޯޑް ދޭން ވެސް ކޯޓުން މީގެ ކުރިން އަމުރުކޮށްފައިވެއެވެ. އެކަމަކު، މަސްދަރު ހިމާޔަތްކުރުމުގެ ގޮތުން އަދަދު ނޫހުން ނިންމީ އެ ތަކެތީގެ ޕާސްވޯޑު ނުދޭށެވެ.

ނޫސްވެރިން ޖަލަށްލީ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް