ޞާލިހުގެ ތާއީދާއެކު ފައިސަލް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް، ރަނިންމޭޓަކަށް އާޒިމް!

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް (ކ) އަދި މާލޭގެ މޭޔަރު އާޒިމް (ވ) -- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކަނޑައަޅާ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.

ފައިސަލް މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ރާއްޖެ ޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ނިންމައިގެން މި ހުރީ ﷲ އިރާދަކުރެއްވިއްޔާ 2028 ގައި މި އޮންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކުރިއަށް މި އޮތް ރިޔާސީ ޕްރައިމަރީގައި ބައިވެރިވެ، ވާދަކުރަން،" ފައިސަލް ވިދާޅުވިއެވެ.

އަދި އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ނެރުއްވަން ނިންމަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނަވަން ނިންމެވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރައީސް އަދި ނައިބު ރައީސަކީ ވެސް އެ ޕާޓީގެ ބޭފުޅުންނަށްވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރިގޮތުގައި އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ރައީސްއަކާއި އެމްޑީޕީގެ ނައިބު ރައީސަކު ހުރުމަކީ ވަރަށް މުހިންމު ކަމެއް. އެގޮތުން ވީޕީ ފައިސަލްގެ ދައުވަތު އަޅުގަނޑު ގަބޫލުކޮށް، ފައިސަލްގެ ނައިބު ރައީސްއެއްގެ ގޮތުގައި ކުރިއަށްދާން ތައްޔާރުވެގެން މި ހުރީ،" އާޒިމް ވިދާޅުވިއެވެ.

މި ނިންމެވުން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ އެއްބާރުލުމާއި މަޝްވަރާއާއެކު ކަމަށް ދެ ބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ. މިކަމާ ގުޅޭގޮތުން ފައިސަލް ވިދާޅުވީ ޕާޓީގެ ގިނަ ބޭފުޅުންނާއި އާންމު ރައްޔިތުންނާ މަޝްވަރާ ކުރެވުނު ކަމަށާއި، ހާއްސަކޮށް ރައީސް ޞާލިހުގެ ބޮޑު އެއްބާރުލުމެއް މިކަމުގައި ލިބިގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ޕްރައިމަރީން ނާކާމިޔާބުވީ ނަމަވެސް، ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅަކާއެކު، "އެ ބޭފުޅަކަށްވުރެ ބޮޑަށް އެމްޑީޕީއަށް ވެރިކަން ހޯދައިދޭން" އޭނާ މަސައްކަތްކުރައްވާނެ ކަމަށެވެ.

ފައިސަލް ނަސީމް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާއެކު، އެމަނިކުފާނު ވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ހަތަރުވަނަ ބޭފުޅާއަށެވެ. މީގެކުރިން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.

comment ކޮމެންޓް