ރައްޔިތުންގެ މަޖިލީހުގައި ތިބީ، ޒަމްޒަމް ފެނުން ފެންވަރައިގެން އައިސް ތިބި، ސާފު ބައެއްގެ ގޮތުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު މިއަދު ސިފަކުރައްވައިފިއެވެ.
ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަށް ބަހުސްކުރައްވަމުން އަބްދުއްލަތީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ކުރަނީ ކޮން ކަމެއްހޭ ސުވާލުކޮށް، ގިނަ ފަހަރަށް ރައްޔިތުން ސުވާލު އުފައްދާ ކަމަށެވެ.
މިގޮތުން، ކޯޓުތަކުން ހުކުމްތައްކޮށް، އަދަބުތައް ކަނޑައަޅަނީ މަޖިލީހުން ހެދި ގާނޫނުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުން ހިމެނޭހެން އެތަނުގެ މެންބަރުންނަކީ ޚިޔާނާތްތެރިވާނެ ބައެއް ނޫން ކަމަށް އަބްދުއްލަތީފު ވިދާޅުވިއެވެ.
"އެހެންވީމަ ރައްޔިތުންގެ މަޖިލީހަކީ ސާފު ޒަމްޒަމް ވަޅު ފެނުން ފެންވަރައިގެން އައިސް ތިބި ބައެއް މި ތަނުގައި މި ތިބީ. އެހާވެސް ސާފު ބައެއް މި ތިބީ،" ލަތީފު ވިދާޅުވިއެވެ.
ކުށްކޮށްގެން ހޯދާ މުދަލާ ގުޅޭ ބިލަށް ތާއިދުކުރައްވަމުން މެންބަރު ވިދާޅުވީ، ދައުލަތުގެ އެންމެ ފައިސާ ފޮއްޗަކަށް ޚިޔާނާތްތެރިވިޔަސް މި ސަރުކާރުން އެ މީހަކަށް އަދަބުދޭނެ ކަމަށާއި އެ މަގާމެއްގައި އެ މީހަކަށް ދެމިނުހުރެވޭނެ ކަމަށެވެ.
އެންމެން އަތުކުރި އޮޅާލައިގެން އެ ތިބީ، އަދަބު ދޭން ތައްޔާރަށް ކަމަށާއި ގައުމު ކުރިއަރައިގެން ދާނީ ޚިޔާނާތާއި މަކާރާއި ހީލަތް ނެތިގެންކަން މެންބަރުން ފާހަގަކުރެއްވިއެވެ.
އެ ފިޔަވަޅުތައް އަޅާއިރު، ކަނދުރާއަކަށް މޫނަކަށް ބެލުމެއް ނޯންނާނެ ކަމަށާއި ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރި ނުވެވޭނެ ކަމަށް އަބްދުއްލަތީފު ވިދާޅުވިއެވެ. އަދި، މިހާރު މި ގައުުގައި ހުރި ނުރަނގަޅު ހުރިހާ ކަމެއް މި ސަރުކާރުން ނައްތާލާނެ ކަމަށާއި މި ބިލުގެ ސަބަބުން ތަރައްގީއަށް ކުރިއެރުންތައް އަންނާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އަބްދުއްލަތީފު މަޖިލީހުގެ މެންބަރުންގެ ދިފާއުގައި އެ ފަދައިން ވާހަކަދެއްކެވިއިރު، މަޖިލީހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަަމަށް ބުނެ އަބަދުވެސް ފާޑުކިޔައެވެ. އަދި ކޮންމެ ދައުރެއްގައި ވެސް މަޖިލީހުގެ ގިނަ މެންބަރުންތަކަކަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވެއެވެ.