ލީވާނާއި ޝަހުޒާން ކޯޓަށް ހާޒިރުކޮށް ބާއްވާ އަޑުއެހުންތައް ސިއްރުކޮށްފި

އަދަދުގެ ދެ ނޫސްވެރިން ކޯޓަށް ހާޒިރުކުރުން. ފޮޓޯ/ ޝަހްޒާން

އަދަދު ނޫހުގެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބާއްވާ އަޑުއެހުންތައް ވަނީ ސިއްރުކޮށްފައެވެ. މި ދެ ނޫސްވެރިން ކޯޓަށް ހާޒިރުކުރަނީ އެ ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. މި މައްސަލައިގައި އަދަދު ނޫހުގެ އިސްވެރިންގެ މައްޗަށް ދައުވާ އުފުލައި ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.

  • އަދަދު ނޫހުގެ ލީވާން އަދި ޝަހުޒާން ކްރިމިނަލް ކޯޓަށް ހާޒިރުކުރުން
  • ކޯޓު އަމުރާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރުން
  • ލީވާން ކޯޓަށް ހާޒިރުކުރީ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށްވުން
  • ޝަހުޒާން ހާޒިރުކުރީ ރައީސާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައި ކަމަށްވުން
  • ނޫހުގެ ސީއީއޯ ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައި ޕާސްޕޯޓު ހިފެހެއްޓުން

ގަޒުފުކުރިކަމުގެ ތުހުމަތުގައި 'އަދަދު' ނޫހުގެ އިސްވެރިންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްފިއެވެ.

މި މައްސަލާގައި މިއަދު ކޯޓަށް ހާޒިރުކޮށްފައިވަނީ އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާނެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދެއްވި ގޮތުގައި، މި ދެ ނޫސްވެރިން ހާޒިރުކުރާ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާންމުންނާއި މީޑިއާތަކަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ. މީގެ ތެރެއިން ލީވާން މިއަދު ހެނދުނު 11:00 ޖެހިއިރު ކޯޓަށް ހާޒިރުވެފައިވާއިރު، ޝަހުޒާން ހާޒިރުކުރުމަށް ތާވަލުކޮށްފައިވަނީ މިއަދު މެންދުރު ފަހު 1:00 އަށެވެ.

https://sun.mv/221851

މި މައްސަލައަކީ 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެން އުފެދިފައިވާ މައްސަލައެކެވެ.

އެ ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ވަނީ ވަކި ގޮތެއް ކަނޑައަޅަންދެން އެ ވީޑިއޯ ދައުރު ނުކުރުމަށާއި، އޭގައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރުކޮށްފައެވެ. އަދި، މިއީ ސިއްރުން ކުރިއަށްގެންދާ މައްސަލަތަކެއް ކަމުން، ޝަރީއަތާ ގުޅުންހުރި ލިޔުންތަކާއި ވާހަކަތައް ނުފެތުރުމަށް ވެސް އަމުރުގައިވެއެވެ.

https://sun.mv/221831

ނޫސްވެރިޔާ ލީވާން ކޯޓަށް ހާޒިރުކުރަނީ ކޯޓުން ނެރުނު އެ އަމުރާ ގުޅޭ ޚަބަރެއް ލިޔެގެން ކަމަށް ބުނެއެވެ. އަދި، ޝަހުޒާން ހާޒިރުކުރަނީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ.

މި މައްސަލައިގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ.

https://sun.mv/221869

މި މައްސަލައިގައި ތުހުމަތުގައި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަަހައްޓާފަައެވެ. ދެ މީހުންގެ މައްޗަށް އާދިއްތަ ދުވަހު އުފުލި ދައުވާގެ އިބުތިދާއީ އަޑުއެހުން މާދަމައަށް ވަނީ ތާވަލުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޑޮކިއުމަންޓްރީއާ ގުޅުވައިގެން މައްސަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާ ކަމެއް ކަމަށެވެ. އެހެންވެ، އެ ފަދަ ވާހަކައެއް ފަތުރާނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.

comment ކޮމެންޓް