ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފި

އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ: ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފި -- ސަން ފޮޓޯ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހުގެ ނޫސްވެރިން ވަނުން ވަނީ މަނާކޮށްފައެވެ. މި ފިޔަވަޅު އަޅާފައިވަނީ އެ ނޫހުގެ މީސްމީޑިއާގައި އާންމުކުރި ވީޑިއޯއަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެންނެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޯޓު އަމުރަކާ ޚިލާފަށް ސުވާލުކުރުމުގެ ސަބަބުން އެ ނޫހުގެ ނޫސްވެރިޔަކު ވަނީ ބައްދަލުވުމުން ނެރެފައެވެ. މި މައްސަލަތައް ނިމެންދެން އެ ނޫހަށް ރައީސް އޮފީހުގެ ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ހުއްދަ ނުދިނުމަށް ވަނީ ނިންމާފައެވެ.

  • ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫސް ވަނުން މަނާކުރުން
  • އެ ނޫހާ ދެކޮޅަށް ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުންދިއުން
  • ކޯޓު އަމުރާ ޚިލާފުވިކަމަށް ބުނެ ނޫސްވެރިޔަކު ބައްދަލުވުމުން ނެރުން
  • މައްސަލަތައް ނިމެންދެން ހުއްދަ ދޫނުކުރަން ނިންމުން

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް 'އަދަދު' ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފިއެވެ.

ރައީސް އޮފީހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަމުންދާކަމަށް އެ އޮފީހަށް މައުލޫމާތު ލިބިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަމައެއާއެކު މިއަދުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައާ ގުޅިގެން ކުރި އަމުރާ ޚިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަމަލުކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

https://sun.mv/221831

އެހެންކަމުން "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، އެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ހުއްދަ ދޫނުކުރުމަށް ނިންމައިފައިވާކަމަށް އެ އޮފީހުން ބުންޏެވެ.

އެފަދައިން ރައީސް އޮފީހުން އަންގާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޯޓު އަމުރަކާ ޚިލާފަށް ސުވާލުކުރި ކަމަށް ބުނެ އަދަދުގެ ނޫސްވެރިއަކު އެ ބައްދަލުވުމުން ނެރެފައި ވަނިކޮށެވެ.

comment ކޮމެންޓް