މިއަދު އިންޑިއާއަށް 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިން: ރައީސް

އިންޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން ރައީސް މުއިއްޒު މަރުހަބާ ވިދާޅުވަނީ: މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވިގޮތުގައި، ކުރީގެ ސަރުކާރުން އިންޑިއާއިން ނަގައިފައިވާ 150 މިލިއަން ޑޮލަރުގެ ތެރެއިން މިއަދަށް މުއްދަތު ހަމަވާ 50 މިލިއަން ޑޮލަރު ވަނީ ދައްކައިފައެވެ. އަދި ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހެނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުގައެވެ. މީގެ އިތުރުން ފާއިތުވި ސާޅީހަކަށް ދުވަހުގެ ތެރޭގައި ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ވަނީ ދައްކައިފައެވެ. ދައުލަތުގެ ޚަރަދުތައް ބަލަހައްޓަމުން ދަރަނި ދައްކަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ޙަޤީޤަތާ ޚިލާފު ވާހަކަ ފަތުރާތީ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

  • އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކައިފިއެވެ.
  • މިއީ 2019 ވަނަ އަހަރު ކުރީގެ ސަރުކާރުން ނަގައިފައިވާ ދަރަންޏެކެވެ.
  • ފާއިތުވި 40 ދުވަހުގެ ތެރޭގައި 974 މިލިއަން ޑޮލަރުގެ ދަރަނި ވަނީ ދައްކައިފައެވެ.
  • ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހެނީ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ.

އިންޑިއާއަށް މިއަދަށް ދައްކަން މުއްދަތު ހަމަވާ 50 މިލިއަން ޑޮލަރުގެ ދަރަނި މިއަދު ދައްކައި ޚަލާސްކޮށްފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލު އެސްބީއައިއިން ނަގައިފައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެއީ 17 މާޗް 2019 ގައާއި، 26ޖޫން 2019 ގައާއި، 1 އޮކްޓޯބަރު 2019 އެވެ. އޭގެ ތެރެއިން އެއް ޓީބިލަށް ވީ ފައިސާ ޖަނަވަރީ 2024ގައި މި ސަރުކާރުން ދެއްކިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިއީ މިދިޔަ އެމްޑީޕީ ސަރުކާރުން ނަގައިފައިވާ މި 150 ޑޮލަރުގެ ދަރަނި އެ ސަރުކާރުގައި ކޮންމެ އަހަރަކު ވެސް ރޯލްއޯވާ ކުރަމުންދިޔައީ ކަމަށެވެ.

އޭގެ ތެރެއިން ނުދެއްކި އޮތް 100 މިލިއަން ޑޮލަރުގެ މިއަދު 50 މިލިއަން ޑޮލަރު ދެއްކީ ކަމަށާއި، ބާކީ 50 މިލިއަން ޑޮލަރު ދެން ދައްކަން ޖެހޭނީ މި އަހަރުގެ ސެޕްޓެމްބަރު 17ގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނި 150 މިލިއަންގެ ދަންތުރައިން ރައްޔިތުން ސަލާމަތްކޮށްދީފިން،" ރައީސް ވިދާޅުވިއެވެ.

https://sun.mv/191904

ރައީސް ވިދާޅުވީ މިއަދު ދެއްކި 50 މިލިއަން ޑޮލަރުގެ ދަރަންޏާއެކު މިދިޔަ ސާޅީހަކަށް ދުވަހުގެ ތެރޭ ޖުމްލަ 974 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދައްކައިފައިވާ ކަމަށެވެ.

އެއާއެކު ރައީސްވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވެސް ރައްދު ދެއްވައިފައެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް އަދި ރާއްޖެއާ ބެހޭ ގޮތުން ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކުރީގެ ވެރިން މަސައްކަތްކުރާތީ ހިތާމަކުރައްވާ ކަމަށެވެ. އަދި ހައިރާންވާ ކަމަކީ މާލީ ހާލަތާ ގުޅޭގޮތުން އޮޅުވައިލާއިރު، ދަރަނި ބުރަބޮޑުވީ ކުރީ ސަރުކާރާ ހެދި ނަމަވެސް މި ސަރުކާރުން ދަރަނިތައް ދައްކަމުންދާތީ ވެސް އެކަމާ ދެކޮޅަށް މަސައްކަތްކުރައްވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ ދަރަނިތައް ދައްކަމުން ދާނީ، މުވައްޒަފުންގެ މުސާރަތައް ދެމުން، އަސާސީ ކާބޯތަކެތި ހޯދަމުން، ތެލަށް ޚަރަދުކުރަމުން، ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދޭންޖެހޭ ފައިސާ ދެމުން ކަމަށެވެ.

comment ކޮމެންޓް