އިންޑިއާގެ މަލްޓި ބިލިއަނަރު މުކޭޝް އަމްބާނީގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ވިޔަފާރި، ޖިއޯ ޕްލެޓްފޯމްސްގެ އިނިޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އަށް 77 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދަކަށް ބިޑު ލިބި، އެ ކުންފުނީގެ ހިއްސާ ވިއްކުން އިންޑިއާގެ ތާރީޚުގައި ވެސް އެންމެ ގިނައިން ސަބްސްކްރައިބް ކުރެވުނު އައިޕީއޯ އަށް ވެއްޖެއެވެ.
ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އަމްބާނީގެ ފުރަތަމަ އައިޕީއޯ ކަމަށްވާ މި އޮފަރިންއިން ވަނީ 2008 ވަނަ އަހަރު އޭނާގެ ބޭބެ އަނިލް އަމްބާނީގެ ރިލަޔަންސް ޕަވަރުން ގާއިމުކުރި ރެކޯޑު ފަހަތަށް ޖައްސާލާފައެވެ. މި އައިޕީއޯ ވެގެން ގޮސްފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅުންހުރި ހިއްސާ ތަކަށް ބޮޑު ސަމާލުކަމެއް ލިބެމުންދާ ދަނޑިވަޅެއްގައި، ބޮޑެތި ލިސްޓިންގްތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރި މިންވަރު ވަޒަންކޮށްލުމަށް ލިބުނު މުހިންމު އިމްތިހާނަކަށެވެ.
އިންޑިއާގައި 500 މިލިއަނަށް ވުރެ ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާ ޖިއޯ ޕްލެޓްފޯމްސްގެ އައިޕީއޯ ކުރިއަށް ގެންގޮސްފައިވަނީ ހިންދޫންގެ އުފާވެރި މުނާސަބަތުތަކާ ދިމާކޮށް، އެއީ ނަސީބުވެރި ދުވަސްވަރެއްގެ ގޮތުގައި ބަލައިގެންނެވެ. މި އައިޕީއޯއާއެކު ޖިއޯ ޕްލެޓްފޯމްސްގެ ކުންފުނީގެ އަގު 108.3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭއިރު، އަންނަ ބުދަ ދުވަހު ހިއްސާގެ ވިޔަފާރި ކުރަން ފަށާއިރު މިއީ އިންޑިއާގެ މާކެޓް ކެޕިޓަލައިޒޭޝަން އެންމެ ބޮޑު އެއް ކުންފުންޏަށް ވެގެންދާނެއެވެ.
ޖިއޯ ޕްލެޓްފޯމްސްގެ އެންމެ ދުވަސްވީ އިންވެސްޓަރުންގެ ތެރޭގައި މެޓާ ޕްލެޓްފޯމްސް އާއި އަލްފަބެޓްގެ ގޫގުލް ހިމެނޭ ----ވިއްކަން ހުށަހެޅި ހިއްސާގެ އަދަދަށް ވުރެ 22 ގުނަ އިތުރަށް ސަބްސްކްރައިބް ކޮށްފައިވާ އިރު، މިއީ އިންސްޓިޓިއުޝަނަލް އަދި ރީޓެއިލް އިންވެސްޓަރުންނާއި، މުވައްޒަފުންނާއި، ހިއްސާދާރުންގެ ބޮޑު ތަރުހީބަކާ އެކުގައެވެ. ހިއްސާގެ ކަނޑައެޅި އެންމެ މަތީ އަގު ކަމަށްވާ 1,119 ރުޕީސް (11.79 ޑޮލަރު) ގެ ރޭޓުން ބިޑުތައް ހުށަހެޅިނަމަ، ޑިމާންޑް 51.5 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ދާނެއެވެ.
މީގެ އިތުރުން، އަބޫދާބީ އިންވެސްޓްމަންޓް އޮތޯރިޓީ، ބްލެކްރޮކް އަދި ފިޑެލިޓީ ފަދަ އެންކާ އިންވެސްޓަރުން ވަނީ އެފަރާތްތަކަށް ޚާއްޞަކުރެވުނު 854 މިލިއަން ޑޮލަރުގެ ހިއްސާއަށް ޖުމްލަ 25.6 ބިލިއަން ޑޮލަރުގެ ބިޑު ހުށަހަޅާފައެވެ.
ޖިއޯ ޕްލެޓްފޯމްސްގެ މި އައިޕީއޯއަށް 13.8 މިލިއަނަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް ރިލަޔަންސްގެ މަސްއޫލުވެރިއަކު މައުލޫމާތު ދީފައިވާއިރު، މިއީ އިންޑިއާގެ ތާރީޚުގައި ވެސް އެންމެ ގިނަ އެޕްލިކޭޝަން ލިބުނު ފަހަރެވެ. އަދި މިއީ މުޅި އޭޝިއާގައި ވެސް މި އަހަރު ކުރިއަށްދިޔަ އެންމެ ބޮޑު އައިޕީއޯ ކަމަށްވާ ޗައިނާގެ މެމޮރީ ޗިޕް ކުންފުނި ސީއެކްސްއެމްޓީގެ 8.6 ބިލިއަން ޑޮލަރުގެ އައިޕީއޯއަށް ލިބުނު 9.4 މިލިއަން އެކައުންޓަށް ވުރެ އިތުރު އަދަދެކެވެ.
ވެލްތު މިލްސް ސެކިއުރިޓީޒްގެ އީކުއިޓީ ސްޓްރެޓެޖިސްޓް ކްރާންތީ ބާތިނީ ވިދާޅުވީ، މިއީ ވަރަށް ދިގު މުއްދަތަކަށްފަހު ފެނިގެންދިޔަ ރިލަޔަންސްގެ އައިޕީއޯއެއް ކަމަށާއި، މީގެ ސަބަބުން މި ހިއްސާއަށް އޮތް ތަރުހީބާއި ފޯރި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
މުކޭޝް އަމްބާނީގެ ދޮށީ ފިރިހެން ދަރިފުޅު އާކާޝް އަމްބާނީ އިސްކޮށް ހުންނަވާ ޖިއޯ ޕްލެޓްފޯމްސްގެ އެންމެ ދުވަސްވީ އިންވެސްޓަރުންގެ ތެރޭގައި މެޓާ ޕްލެޓްފޯމްސް އާއި އަލްފަބެޓްގެ ގޫގުލް ހިމެނެއެވެ. މި އައިޕީއޯ ހުޅުވާލި ޕެތްވޭސްގެ ދެ ގަޑިއިރުގެ ތެރޭގައި މުޅިން ސަބްސްކްރައިބްވެ ނިމިފައިވެއެވެ. މިއީ އާންމުކޮށް އިންޑިއާގެ އައިޕީއޯތަކުގައި އިންސްޓިޓިއުޝަނަލް އިންވެސްޓަރުން ފަހު ވަގުތާ ޖެހެންދެން މަޑުކުރާ އުސޫލާ ޚިލާފަށް ވަރަށް އަވަހަށް ފުރިގެންދިޔަ އޮފަރިންއެކެވެ.
ޖިއޯ ޕްލެޓްފޯމްސް ހިމެނޭ ރިލަޔަންސް އިންޑަސްޓްރީޒްއަކީ ދިގު މުއްދަތަކުން ބޮޑު މަންފާއެއް ހޯދައިދޭ ކުންފުންޏެއްގެ ގޮތުގައި އިންޑިއާގެ އިންވެސްޓަރުން ދެކޭ ކުންފުންޏެކެވެ. އެލްއެސްއީޖީގެ މައުލޫމާތުތައް ދައްކާގޮތުން 2006 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ ހިއްސާގެ ފައިދާ 900 އިންސައްތައަށް ވުރެ މައްޗަށް ގޮސް، ބެންޗްމާކް ނިފްޓީ އިންޑެކްސްގެ 685 އިންސައްތައިގެ ކުރިއެރުމަށް ވުރެ ކުރިހޯދާފައިވެއެވެ.
އިންޑިއާގެ ޓެލެކޮމް މާކެޓަށް 2016 ވަނަ އަހަރު ޖިއޯއިން ވަދެ، ހިލޭ އަޑުގެ އަދި ޑޭޓާ ހިދުމަތްތައް ދޭން ފެށުމުން ވާދަވެރި ބާރަތީ އެއާޓެލް އާއި ވޮޑަފޯން އައިޑިއާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. އެއް ގައުމަކުން އެންމެ ގިނަ ކަސްޓަމަރުން ތިބި ކުންފުނިތަކުގެ ތެރެއިން ޖިއޯއަށް ވުރެ ކުރީގައި މިހާރު އޮތީ ޗައިނާ މޮބައިލް އެކަންޏެވެ.
މި އައިޕީއޯ ނިންމާލިއިރު އިންސްޓިޓިއުޝަނަލް ބައި ވަނީ 70.55 ގުނަ އިތުރަށް ސަބްސްކްރައިބް ވެފައެވެ. އަދި ރީޓެއިލް ބައި 2.7 ގުނަ ފުރިފައިވާއިރު، މުވައްޒަފުންނާއި ރިލަޔަންސްގެ މިހާރުގެ ހިއްސާދާރުންނަށް ޚާއްޞަކުރެވުނު ބައި ވަނީ އުންމީދުކުރެވުނު މިންވަރަށް ވުރެ އަނެއްކާވެސް 2.93 އަދި 7.6 ގުނަ އިތުރަށް ސަބްސްކްރައިބް ވެފައެވެ.
ރިލަޔަންސް ކުންފުންޏަކީ އާކާޝް އަމްބާނީގެ ކާފަ ދީރޫބާއީ އަމްބާނީ އުފެއްދެވި ކުންފުންޏެކެވެ. އޭނާ ވަނީ 1980 ގެ އަހަރުތަކުގައި މުމްބާއީގައި ބޭއްވި ބޮޑެތި އާންމު އެއްވުންތަކުގެ ޒަރީއާއިން އާންމު އިންވެސްޓަރުންގެ ބޮޑު އާބާދީއެއް އުފައްދަވާފައެވެ. އެ ކުންފުނީގެ ވެބްސައިޓުގައިވާ ގޮތުން 1977 ވަނަ އަހަރު އެ ކުންފުނި ލިސްޓުކުރުމަކީ އިންޑިއާގައި ހިއްސާގެ ވިޔަފާރީގެ ސަގާފަތް އާންމުވެގެންދިޔަ މުހިންމު ސަބަބެކެވެ.