ރިޔާސީ އިންތިޚާބުގެ ތެރޭގައާއި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ބައެއް ވަޢުދުފުޅުތަކަކީ އެ އިރެއްގައި އޮންނަ ޙާލަތާއި ވަގުތާ ގުޅިގެން ބަދަލު އަންނާނެ ކަންކަން ކަމަށާއި، މިހާރުވެސް ބައެއް ވަޢުދުތަކަށް ބަދަލު ގެންނަވާފައިވާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި 'ޕްރެސް ވިތް ސްޕޯކްސް' ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ތަރުޖަމާނު މުންދު ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކަކީ މިހާރު ވެސް އާންމުންނަށް ފެންނާނެހެން ޝާއިޢުކުރެވިފައިވާ ކަންކަމެވެ. ނަމަވެސް އެ ވަޢުދުތަކަކީ ސަރުކާރާ ހަވާލުވުމުގެ ކުރިން ވެވަޑައިގެންފައިވާ ކަންކަން ކަމަށްވުމާއެކު، އަމަލީ މައިދާނަށް ނުކުމެ ޙާލަތަށް ބަލައި ބައެއް ކަންކަން މުރާޖަޢާކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.
"ރިޔާސީ ވައުދުތައް ޕަބްލިޝްކޮށްފަވެސް އޮންނާނެ. ވަޢުދަކަށް މިވަނީ އަޅުގަނޑުމެން ސަރުކާރަށް އައިސްފައި، ސިޓްވޭޝަންއަށް ބަލާފައި.. އަނެއްކާ ބައެއް ވަޢުދުތައް ހުންނާނެ އަޅުގަނޑުމެން ރިވައިސްވެސް ކޮށްފައި ބޭސްޑް އޮން ސިޓްވޭޝަން." މުންދު ވިދާޅުވިއެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަކީ އިންތިޤާލީ މަރުހަލާގައި ރައީސް ހާމަކުރެއްވި އަމާޒެއް ކަމަށެވެ.
ނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޙާލަތަށް ބަލައި އެކަންކަން މިހާރު މުރާޖަޢާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރު ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުންގެ އަދަދު ތިން ބައިކުޅަ އެއްބައި މަދުކުރުމަށް އަންގަވާފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ (އާރުޓީއައި) ދަށުން ހުށަހަޅާ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސައްހަ ނިޔަތުގައި ހުށަހަޅާ ކަންކަމަށް ސަރުކާރުން ޖަވާބު ދޭނެ ކަމަށެވެ.
ނަމަވެސް، ބައެއް މައުލޫމާތުތަކަކީ ހާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ކަންކަމާއި، މާލީ އެއްބަސްވުންތަކުގެ ސިއްރު ހިފަހައްޓަންޖެހޭ މާއްދާތަކުގެ އިތުރުން ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަން ކަމަށްވާތީ، އެފަދަ މައުލޫމާތުތައް ގާނޫނީ ގޮތުންވެސް ދޫނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުންދު ވާހަކަ ނިންމަވާލައްވަމުން ތަކުރާރުކުރެއްވީ، ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު އިއްވެވި ރިޔާސީ ބަޔާންތަކުގައި ހިމެނޭ ވަޢުދުތަކަކީވެސް ޤައުމުގެ ޙާލަތު ހުރިގޮތުން ބަދަލު އަތުވެދާނެ ކަންކަން ކަމަށެވެ.