ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ގޮތުން އަމަލުކުރަމުން އަންނަ އާރުޓީއައި ގާނޫނު އޮންނަ ގޮތުން، މައުލޫމާތު ހޯދުމުގެ ނަމުގައި އެ ގާނޫނު "އެބިއުސް"ކުރަމުންދާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާރުޓީއައި ގާނޫނުގައި ބަޔާންކުރާ މުއްދަތުތަކުގެ ތެރޭގައި ރައީސް އޮފީހުން މައުލޫމާތު ނުދޭ މައްސަލައިގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބަންޑާރަ ނައިބު އަހުމަދު އުޝާމް: އާރްޓީއައި ގާނޫނު އެބިއުސްކުރާ ކަމަށް ތުހުމަތުކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް
ބަންޑާރަނައިބު ވިދާޅުވީ، އާރުޓީއައި ގާނޫނަކީ ވަރަށް މުހިންމު މަގުސަދެއްގައި އެކުލަވާލާފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ބޭނުން "ހެޔޮ ގޮތުގައި" ކުރާ މީހުންނަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.
ނަމަވެސް، މިހާރަކަށް އައިސް އެ ގާނޫނުގެ ނާޖާއިޒު ބޭނުން ހިފާ މިންވަރު އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެ ގާނޫނަކީ ވަރަށް މުހިންމު މަގުސަދެއްގައި ހެދިފައި އޮތް ގާނޫނެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރަށް ފެނިގެން މިދަނީ މިހާރަކަށް އައިސް އަމުދުން، ގިނަ ފަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އާރުޓީއައި ގާނޫނު ވަރަށް ބޮޑަށް އެބިއުސްކުރާތަން،" އުޝާމް ވިދާޅުވިއެވެ.

ބަންޑާރަ ނައިބު އުޝާމާއި ރައީސް މުއިއްޒު: އޭޖީ ވިދާޅުވީ، އޭޖީގެ އައު ގާނޫނާއެކު، ނުފޫޒުން އެއްކިބާވުން އެތައް ގުނައެއް އިތުރު ވެއްޖެ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް
އުޝާމް އިތުރަށް ވިދާޅުވީ، އާރުޓީއައި ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާތީ، އެފަދަ ހުށަހެޅުންތަކަށް ޖަވާބު ދިނުމުގައި ސަރުކާރުގެ އިދާރާތަކުން ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހޭ ކަމަށެވެ. މިއީ އެ ގާނޫނު ބޭނުންކޮށްގެން ކުރާ ބައެއް ކަންތައްތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވިދާޅުވި ނަމަވެސް، އެކަމުގެ އިތުރު ތަފުސީލެއް ބަންޑާރަނައިބު ނުދެއްވައެވެ.
އޭނާ އެފަދައިން ވިދާޅުވިއިރު، އިދާރާތަކުން މައުލޫމާތު ނުދޭ މައްސަލަ ވަރަށް ބޮޑެވެ. ރައީސް އޮފީހުން ވެސް އާރްޓީއައިތަކަށް ޖަވާބު ނުދޭކަމުގެ ކަންބޮޑުވުން ވަރަށް ގިނައިން ފެންމަތިވެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރެއިން 487 ޝަކުވާއަކީ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާތަކެވެ.
މީގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދު ވަނީ ވެސް ރައީސް އޮފީހަށެވެ. ބައެއް މައްސަލަތަކުގައި އައިކޮމްއިން މައުލޫމާތު ދިނުމަށް އެންގުމުން ވެސް އެކަން ނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ.
މައުލޫމާތު ހޯދަން ހުށަހަޅާ ހުށަހެޅުންތަކުގެ ސަބަބުން ދަތިވާ ކަމަށް ބަންޑާރަނައިބު ވިދާޅުވިއިރު، މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ އާރުޓީއައި ގާނޫނުގެ ދަށުން މައުލޫމާތު ދިނުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ވަޒީރުން މި މޭރުމުން ވާހަކަ ދައްކަވަމުންދާއިރު، ގާނޫނުގައިވާ މައުލޫމާތު ސިއްރުކުރުމުގެ މާއްދާތަކުގެ ބޭނުން ހިފައިގެން ސަރުކާރުން މައުލޫމާތު ހިފަހައްޓާކަމުގެ ޝަކުވާ އާންމުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.
މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދޭއިރު، ދެވޭ މައުލޫމާތަކީ ފުރިހަމަ ނޫން ނުވަތަ ސައްހަ ނޫން މައުލޫމާތު ކަމަށް ބުނެ ވެސް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މައުލޫމާތު ހާމަކުރަން ހެދި މި ގާނޫނާ އެކު ވެސް މައުލޫމާތު ނުލިބޭކަމުގެ ޝަކުވާ ނޫސްވެރިން ވެސް ކުރެއެވެ. ޚާއްސަކޮށް، މި ސަރުކާރުގައި އާރްޓީއައިތަކަށް ޖަވާބު ނުދޭކަމުގެ މައްސަލަ ވަރަށް ބޮޑެވެ. އެފަދަ ބައެއް މައްސަލަތަކަށް ޖަވާބު ނުލިބިގެން ކޯޓަށް ވެސް ދާންޖެހެއެވެ.