ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ގެނައުމަށްޓަކައި، ކ. ތިލަފުށީގައި ގާއިމުކުރާ "މޮޕާސައިކަލް ޕެޓް ފްލޭކިން އެންޑް ވޮޝިން ލައިން ފެސިލިޓީ" ގެ ބިންގާ އިއްޔެ އަޅައިފިއެވެ.
މިއީ ބޭނުންކޮށްފައި އުކާލާ ޕެޓް ޕްލާސްޓިކް ނުވަތަ ފެންފުޅި ފަދަ ތަކެތި ރީސައިކަލްކޮށް، އަލުން ބޭނުންކުރެވޭނެ އަގުހުރި ރޯމެޓީރިއަލްއަކަށް ބަދަލުކުރުމަށް ރާއްޖޭގައި ގާއިމުކުރާ މިފަދަ ފުރަތަމަ ފެސިލިޓީއެވެ.
މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޮޕާ) އިން އިސްނަގައިގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢަކީ ރާއްޖޭގެ ރީސައިކްލިން އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، ޕްލާސްޓިކް ކުނި މެނޭޖުކުރުމުގައި ސާކިއުލާ އިކޮނޮމީ ނުވަތަ ދެމެހެއްޓެނިވި އިޤުތިސާދީ ނިޒާމެއް ގާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ފެސިލިޓީގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފާއި ކުރީގެ ވަޒީރު ތޯރިގު އިބްރާހިމެވެ.
ތިލަފުށީގައި ގާއިމުކުރާ 5،000 އަކަފޫޓުގެ މި ޒަމާނީ ފެސިލިޓީގައި ޕެޓް ޕްލާސްޓިކް ޕްރޮސެސްކުރާނެ ފުރިހަމަ ލައިނެއް ހުންނާނެއެވެ. މީގެ ތެރޭގައި އެކި ރަށްރަށުން ގެންނަ ކުނި އެއްކުރުމާއި، ފުޅީގައި ހުންނަ ލޭބަލް އަދި މަތި ނައްޓާލުމާއި، ޕްލާސްޓިކް ކުދިކޮށް ކޮށާލުމުގެ އިތުރުން ހޫނު އަދި ފިނި ފެނުން ދޮވުމާއި ހިއްކުމުގެ މަރުހަލާތައް ހިމެނެއެވެ.

މީގެ އިތުރުން، މި މަރުހަލާތަކުގައި ބޭނުންކުރާ ފެނުގައި ހުންނަ މައިކްރޯޕްލާސްޓިކް ނައްތާލުމަށްޓަކައި ޚާއްޞަ އެފްލުއެންޓް ޓްރީޓްމަންޓް ޕްލާންޓެއް (އީޓީޕީ) ވެސް މި ފެސިލިޓީގައި ގާއިމުކުރާނެއެވެ. މިއީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް ފެން ސާފުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ތަން އޮޕަރޭޝަނަށް ގެނައުމުން، ރާއްޖޭގައި އުފެދޭ ޕްލާސްޓިކް ކުނީގެ އަގު އުފުލި، އެއީ ފޮތި ވިޔުމަށާއި ރީސައިކަލްކޮށްގެން އުފައްދާ އެހެނިހެން ތަކެތި އުފެއްދުމަށް ބޭނުންކުރެވޭނެ މަތީ ފެންވަރުގެ ވަސީލަތަކަށް ބަދަލުވެގެންދާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. މިއީ ރާއްޖެއިން ބޭރަށް ކުނި އެކްސްޕޯޓުކުރުމުގެ ބަދަލުގައި، ރާއްޖޭގައި ތިބެގެން ކުނިން ނަފާ ހޯދުމަށް ހުޅުވިގެންދާ އައު ދޮރެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޮޕާގެ ރައީސް އަޙްމަދު މައުމޫން ވިދާޅުވީ، އެ ޖަމިއްޔާ އުފެދުނީއްސުރެ މަސައްކަތްކުރަމުން އަންނަނީ ޕްލާސްޓިކް ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި އަދި ޢަމަލީ ހައްލެއް ހޯދުމަށް ކަމަށެވެ. އަދި މި ފެސިލިޓީގެ ސަބަބުން އެއްކުރެވޭ ޕެޓް ޕްލާސްޓިކްގެ ބޭނުންތެރިކަން އިތުރުވެ، ރާއްޖޭގެ ރީސައިކްލިން މަރުހަލާ އައު ހަރުފަތަކަށް ގެންދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޕެޓް ޕްލާސްޓިކަކީ ދެން ހަމައެކަނި ކުންޏެއްގެ ގޮތުގައި ދެކިގެން ނުވާނެ. ރަނގަޅު ނިޒާމުތަކާއި، ގުޅުންތަކާއި، އުމްރާނީ ވަސީލަތްތަކުގެ ތެރެއިން އެއީ ސާކިއުލާ އިކޮނޮމީއަކަށާއި ސާފުތާހިރު ރާއްޖެއަކަށް މަގުފަހިކޮށްދޭނެ އަގުހުރި ވަސީލަތަކަށް ހެދިދާނެ. މި މަޝްރޫޢުގެ ސަބަބުން މިހާރު ޕެޓް އެއްކުރާ އަދި ރީސައިކަލްކުރަން އެކްސްޕޯޓުކުރާ މިންވަރު ތިންގުނަ އިތުރުކުރެވޭނެ،" މައުމޫން ވިދާޅުވިއެވެ.
މިނިސްޓާ ޢަލީ ޝަރީފް ވަނީ ރާއްޖޭގައި ކުނި މެނޭޖުކުރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ގިނަ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މޮޕާސައިކަލް ފެސިލިޓީއަކީ ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ނިޒާމަށް އިތުރުވި ވަރަށް މުހިންމު ބޮޅެކެވެ. އަދި ކުރިމަގުގައި ރީސައިކަލްކުރި ރޮދި ފަދަ ތަކެތި އުފެއްދުމުގެ ސިނާޢަތަށް މި މަސައްކަތް ފުޅާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް މިފަދަ މަޝްރޫޢުތައް ހިންގުމަކީ ބޭނުންތެރި ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ސަރުކާރުގެ އިދާރާތަކުންނާއި، ވެމްކޯ އަދި އެޗްޑީސީ ފަދަ ކުންފުނިތަކުން ދެއްވާ އެއްބާރުލުން މޮޕާއިން ވަނީ ފާހަގަކޮށްފައެވެ. ޚާއްޞަކޮށް ދަ ކޮކާ-ކޯލާ ފައުންޑޭޝަނުން މޮޕާ އުފެދުނީއްސުރެ ދެމުންގެންދާ މެދުނުކެނޑޭ އެހީތެރިކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.
ކޮކާ-ކޯލާ އިންޑިއާ އެންޑް ސައުތުވެސްޓް އޭޝިއާގެ ސީނިއާ ޑިރެކްޓާ އޮފް ސަސްޓެއިނަބިލިޓީ އެންޑް ވެލިއު ކްރިއޭޝަން ވިދާޅުވި ގޮތުގައި، އެ ކުންފުނިން ރާއްޖޭގައި މައިގަނޑު ތިން ދާއިރާއަކަށް އިސްކަންދެއެވެ. އެއީ ޕެކޭޖިން ކުނި މެނޭޖުކުރުމުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމާއި، ކުނި އެއްކޮށް އެއީ ބޭނުންތެރި ވަސީލަތަކަށް ބަދަލުކުރުމަށް ޕާޓްނާޝިޕްތައް ހެދުމާއި، ކަމާބެހޭ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.
އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް ނުވަ މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވެއެވެ.
މޮޕާސައިކަލް މަޝްރޫޢަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ރީސައިކްލިން އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް މޮޕާއިން ގެންގުޅޭ ދުރުރާސްތާގެ ތަޞައްވުރު ހާސިލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ފެސިލިޓީ ނިމި އޮޕަރޭޝަނަށް އައުމާއެކު، ރާއްޖޭގެ ކުނި މެނޭޖުކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް އައިސް، ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.