މައްސަލަ ބޮޑުވެފައިވާ ނޭޕާލާއި އިންޑިއާއާ ދެމެދު އޮތް ބޯޑަރު ހުރަސްކޮށް އިންޑިއާގެ ދީނީ އަޅުކަމަށް އާންމުންނަށް ދަތުރުކުރޭވޭނެ ކަމަށް އެ ގައުމުން އިއުލާނުކުރުމުން ދެ ގައުމުގެ ދެމެދުގައި ޒަމާންތަކެއް ވަންދެން އޮތް އެ މައްސަލަ އަނެއްކާ ވެސް ހޫނުވެއްޖެއެވެ.
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ޚާރިޖީ ވުޒާރާއިން ވަނީ އާދީއްތަ ދުވަހު އިންޑިއާއާ ދެކޮޅަށް މުޒާހަރާކޮށް، ދީނީ އަޅުކަމަށް ދިއުމަށް އެ ސަރަހައްދު ބޭނުންކުރެވޭނެ ކަމަށް އިންޑިއާއިން ބުނުުމުން ފާޑުކިޔާފައެވެ.
އިންޑިއާގެ ހުޅަނގު ބޯޑަރު ގާއިމް ކުރުމަށް އިންޑިއާއާއި އިނގިރޭސި އިސްތިއުމާރީ ކަމާބެހޭ ފަރާތްތަކާ އެކު 1816 ވަނަ އަހަރު ސޮއިކުރި ސުގައުލީ މުއާހަދާގެ މައްޗަށް ބިނާކޮށް ނޭޕާލުން އަންނަނީ ޓިބެޓާއި އިންޑިއާ ގުޅޭ ހިސާބުގައި އޮންނަ ލިޕުލެކް ސަރައްހަދަށް ދައުވާކުރަމުންނެވެ.
ނޭޕާލްގެ ޚާރިޖީ ވުޒާރާއިން ފާހަކުރާ ގޮތުގައި ޗައިނާގެ ސަރަހައްދެއް ކަމަށްވާ ޓިބެޓްގައި އޮންނަ ލިޕްލެކް އަދި ކަލަޕާނީގެ ސަރަހައްދުތަކަކީ ނޭޕާލްގެ ބައެކެވެ. އަދި އެއީ ވަރަށް ސާފު އެނގޭ ކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެކަމާ ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ބުނީ 1954 ވަނަ އަހަރުން ފެށިގެން ޓިބެޓްގެ ކައިލާޝް ފަރުބަދައާއި މަނަސަރޯވާ ލޭކަށް ކައިލާޝް މަނަސަރޯވާ ދީނީ އަޅުކަމަށް ދިއުމަށް ހިންދޫންނާއި ބުޑިސްޓުންނާއި ޖައިނިސްޓުންނާއި ބޮން އަށް ތަބާވާ މީހުން ލިޕުލެކް ބޭނުން ކުރަމުން އަންނަ ކަމަށެވެ.
"މިއީ އާ ކަމެއް ނޫން. އިންޑިއާ އިން ތަކުރާރުކޮށް ބުނަމުން އައީ މިފަދަ ދައުވާތަކަކީ ޖަސްޓިފައިޑް ދައުވާތަކެއް ނޫން ކަމަށް. ތާރީހީ ހަގީގަތްތަކާއި ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ދައުވާތަކެއް ނޫން." އިންޑިއާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
މި މައްސަލަ އަލުން ހޫނުވީ ލިޕުލެކް މެދުވެރިކޮށް ދީނީ އަޅުކަމަށް ދަތުރުކުރެވޭނެ ކަމަށް ޗައިނާއިން އެއްބަސްވެފައިވާކަން އިންޑިއާއިން ބުރާސްފަތި ދުވަހު އިއުލާން ކުރުމުންނެވެ. އެކަން އޮތީ ކޯވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރު މެދުކަނޑާލާފައެވެ.
މި ޕްލޭންގެ ދަށުން އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަކަންދުން 500 ހިންދޫ މީހުން ޗައިނާ ހުރަސްކުރުމަށް ލިޕުލޭކަށް ދަތުރުކުރާނެއެވެ. އަނެއް ބަޔަކު ބޭނުންކުރާނީ އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ސިކިމްގެ ތެރެއިން ވަކި މަގެކެވެ.