އައްޑޫގައި އިންޑިއާ ކޮންސުލޭޓެއް ގާއިމުކުރާ ވާހަކަ މިނިސްޓްރީން ދޮގުކޮށްފި

އައްޑޫގައި އިންޑިއާ ކޮންސުލޭޓެއް ގާއިމުކުރާ ވާހަކަ މިނިސްޓްރީން ވަނީ ދޮގުކޮށްފަ.... ފޮޓޯ/ ފޮރިން މިނިސްޓްރީ

އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ ސައްހަނޫން ޚަބަރުތަކެއް ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މާލެ ސިޓީ ފިޔަވައި އެހެން ރަށެއްގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމުކުރުމާމެދު ދިވެހި ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އަދި މިފަދަ ކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން، ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ނޫނީ ނިންމޭނެ ކަމެއް ނޫން ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ނޫސްތަކުގައާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މަޢުލޫމާތު ޝާއިޢުކުރުމަކީ މުޖުތަމަޢުގެ ހަމަޖެހުމަށާއި، ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްކަން މިނިސްޓްރީގެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.

https://www.sun.mv/197619

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށުނީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައެވެ. އެގޮތުން 2021 ވަނަ އަހަރުގެ މޭ މަހުގެ 24 ވަނަ ދުވަހު ބޮޑުވަޒީރު ނަރެންދްރަ މޯދީ ޗެއާ ކުރެއްވި އިންޑިއާގެ ޔޫނިއަން ކެބިނެޓުން ވެސް ވަނީ އެކަން ފާސްކޮށްފައެވެ.

ނަމަވެސް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފައިވެއެވެ.

https://www.sun.mv/197619

ފަހުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި، ދެ ގައުމުގައި ކޮންސިއުލޭޓް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

comment ކޮމެންޓް