ހޯމްވޯކް ފުރިހަމަ ނުކުރާ ކަމަށް ބުނެ އިންޑިއާގައި، އަންހެން ޓީޗަރަކު، ހަ އަހަރުގެ ފިރިހެން ކުއްޖެއްގެ މޫނުމަތީގައި ޖެހިތަނާހެން އެ ކުއްޖާ ހޭނެތިގެން ވެއްޓި، މަރުވެއްޖެއެވެ.
ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ވައިޒެގް ސިޓީގެ ވަން-ޓައުން ޕޮލިސް ސްޓޭޝަންގެ އިމުގެ ތެރޭގައި ހިމެނޭ ޓައުން ކޮތަރޯޑް ސަރަހައްދުގައި ހުންނަ އަމިއްލަ ސްކޫލެއް ކަމަށްވާ "ލިޓްލް ގާޑަން ސްކޫލް" ގައި މިދިޔަ ބުރާސްފަތި ދުވަހެވެ. މަރުވި ކުއްޖާގެ ނަމަކީ ޕްރަނޭ ތޭޖްއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، ޓީޗަރު އެ ކުއްޖާއާ ދިމާލަށް އެއްޗެހި ކިޔައި، މޫނުމަތީގައި ޖަހާ މަންޒަރު ފެންނަ ކަމަށެވެ.
އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އެ ކުއްޖާ ޓީޗަރުގެ އުނގުމައްޗަށް އަރިއަޅައިލައި ވެއްޓޭ މަންޒަރު ވެސް ފެނެއެވެ.
އެ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުއްޖާ ވަގުތުން ވައިޒެގް ސިޓީގެ ކޭޖީ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ނިންމާފައެވެ.
ކުއްޖާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ކުއްޖާ ހޭނެތިގެން ވެއްޓުނީ ޓީޗަރުގެ އަނިޔާގެ ސަބަބުންނެވެ. މިކަމާ ގުޅިގެން ކުއްޖާގެ އާއިލާގެ މެންބަރުން ވަނީ ޓީޗަރަށާއި ސްކޫލްގެ މެނޭޖްމަންޓަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައި ކޭޖީ ހޮސްޕިޓަލް ސަރަހައްދުގައި އިހުތިޖާޖު ކޮށްފައެވެ.
ފުލުހުންނާއި ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުން ވަނީ އެ ސްކޫލަށާއި ހޮސްޕިޓަލަށް ޒިޔާރަތްކޮށް، ކުއްޖާ މަރުވާން މެދުވެރިވި ސަބަބުތައް ތަހުގީގު ކުރަން ފަށާފައެވެ. ނަމަވެސް، ކުއްޖާ މަރުވި ސީދާ ސަބަބު ކަށަވަރުވާނީ ޕޯސްޓްމޯޓަމް ރިޕޯޓް ލިބުމުން ކަމަށް ފުލުހުންނާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކުރެއެވެ.
މި ހާދިސާއާ ގުޅިގެން އެ ސްޓޭޓުގެ އެޗްއާރްޑީ މިނިސްޓަރު ނާރާ ލޯކޭޝް ވަނީ ފުން ހިތާމަ ފާޅުކުރައްވާފައެވެ. އަދި މި މައްސަލައިގައި ސްކޫލްގެ މެނޭޖްމަންޓާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އެ ނޫހުގައި ބަޔާންކޮށްފައިވެއެވެ.