ގޫގުލް ޖެމިނައި އެޕްގެ އައިއޯއެސް ވާޝަނަށް އާ ފަރުމާއެއް

މިބަދަލާއެކު އެޕްގެ ލޭއައުޓް ކުރިއަށްވުރެ ސާފުކޮށް، ބަލައިލަން ރީތިވާނެ ----

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް އެޕް "ޖެމިނައި" ގެ ޔޫޒާ އިންޓަފޭސްއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

މި ބަދަލުތަކާއެކު އެޕްގެ ފަރުމާ އިތުރަށް ފުރިހަމަވެ، ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

އަލަށް ގެންނަ ފަރުމާގައި އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ އެޕްގެ ބެކްގްރައުންޑަށް ގެނެސްފައިވާ ދިރުންހުރި "އެނިމޭޓެޑް" ބަދަލުތަކެވެ.

ރެޑިޓްގައި އާންމުވެފައިވާ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި، ލިޔުންތައް ލިޔާ ސަރަހައްދުގެ ފަހަތުން ފެންނަ ކުލަތައް ހަރަކާތްތެރިވަމުންދާނީ ބޭނުންކުރާ މީހާއަށް އާ އިހުސާސެއް ކުރެވޭ ފަދަ ގޮތަކަށެވެ.

https://sun.mv/220362

މީގެ އިތުރުން އެޕްގެ ލޭއައުޓް ކުރިއަށްވުރެ ސާފުކޮށް، ބަލައިލަން ރީތިވާނެހެން ވަނީ ބަދަލުކޮށްފައެވެ.

މި އާ ބަދަލާއެކު ޖެމިނައިގެ އެކި ވަސީލަތްތައް ބޭނުންކުރުމަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން އެޕްގެ ތިރީގައިވާ "ޕްލަސް" ބަޓަނަށް ފިތާލުމުން ފެންނަ މެނޫއިން ފޮޓޯ، ކެމެރާ، މިއުޒިކް، އަދި ފައިލް އަޕްލޯޑް ކުރުން ފަދަ ހުރިހާ ޚިދުމަތްތަކެއް އެއްތަނަކުން ފަސޭހަކަމާއެކު ލިބެން ހުންނާނެއެވެ. މިއީ އެކި ސެކްޝަންތަކަށް ވަކިވަކިން ދިއުމުގެ ބަދަލުގައި އެއް މެނޫއަކުން ހުރިހާ ކަމެއް ނިންމާލުމަށް މަގުފަހިކޮށްދޭ ބަދަލެކެވެ.

ވިޝުއަލް ގޮތުން ބަލާއިރު، އައިއޯއެސް ޑިވައިސްތަކުގައި މި އެޕް ފެންނާނީ "ގްލާސް-ލައިކް" ނުވަތަ ބިއްލޫރި ފަދަ އޮމާން ފަރުމާއަކަށެވެ. އެޕްގެ އެކި ބައިތަކުގެ ދެމެދުގައިވާ ހުސްޖާގަތައް ރަނގަޅަށް ތަރުތީބުކޮށްފައިވުމުން، ލިޔުންތައް ކިޔުމަށާއި އެޕް ބޭނުންކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ނަމަވެސް، މި އާ ފަރުމާ މިހާތަނަށް ފެނިފައިވަނީ ހަމައެކަނި އައިފޯން ބޭނުންކުރާ މަދު ބަޔަކަށެވެ.

ގޫގުލްއިން މި ބަދަލުތައް އަދި ރަސްމީކޮށް ހުރިހާ ފަރާތްތަކަށް ދޫކޮށްލާފައެއް ނުވެއެވެ. އެހެންކަމުން، އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް މި އާ އިންޓަފޭސް ލިބުމަށް އަދި ދުވަސްކޮޅެއް ނަގާފާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް