އަތުގެ ހަރަކާތް ބޭނުންކޮށްގެން ވެރިފިކޭޝަން ހަދާ ގޫގުލްގެ އައު ކެޕްޗާ ސިސްޓަމް، ފޮޓޯއެއް ބޭނުންކޮށްގެން ފޫއަޅުވާލައިފިއެވެ.
ވެބްސައިޓްތަކަށް ވަންނަނީ އަސްލު އިންސާނުންތޯ ނުވަތަ އޮޓޮމޭޓެޑް ބޮޓްތަކެއްތޯ ކަށަވަރުކުރުމަށްޓަކައި ގޫގުލް އިން ޓެސްޓްކުރަމުންދާ އައު "ހޭންޑް ޖެސްޗާ ވެރިފިކޭޝަން" (އެޗް.ޖީ.ވީ) ރީކެޕްޗާ ސިސްޓަމް، އާދައިގެ ފޮޓޯއެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބައިޕާސްކޮށް (ފޫއަޅުވާލައި) ސަލާމަތްވެވޭކަން ހާމަކޮށްފައިވާއިރު، ޓެކްނޮލޮޖީގެ މާހިރުން ފާހަގަކުރާ ގޮތުގައި މިއީ ބޮޓްތަކުން ސްޕޭމް ފެތުރުން ހުއްޓުވުމަށް ގޫގުލް އިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
މި އައު ސިސްޓަމް މަސައްކަތްކުރަނީ ޔޫޒަރުގެ ވެބްކެމް ނުވަތަ ކެމެރާ މެދުވެރިކޮށް އަތުގެ ހަރަކާތްތަކެއް ރެކޯޑްކޮށްގެންނެވެ. ވެބްސައިޓަށް ވަނުމަށްޓަކައި ކެމެރާ ކުރިމަތީގައި އަތް ހޫރާލަން ނުވަތަ ވަކި ހަރަކާތްތަކެއް ކުރަން މި ސިސްޓަމްގެ ސަބަބުން މަޖުބޫރުވެއެވެ. ނަމަވެސް، މި ފީޗާ ޓެސްޓްކުރި ބައެއް ފަރާތްތަކުން ވަނީ އިންޓަނެޓުން ލިބޭ އާދައިގެ ސްޓޮކް ފޮޓޯއަކާއި "އޯ.ބީ.އެސް ސްޓޫޑިއޯ" ފަދަ ވާޗުއަލް ކެމެރާ ސޮފްޓްވެއާއެއް ބޭނުންކޮށްގެން މި ސިސްޓަމް ވަރަށް ފަސޭހައިން ފޫއަޅުވާލެވޭކަން ދައްކާލާފައެވެ.
މިކަމުގެ ސަބަބުން ސައިބާ ސެކިއުރިޓީގެ އިތުރުން ޔޫޒަރުންގެ ޕްރައިވެސީއާ މެދު ވެސް ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އާދައިގެ ވެބްސައިޓަކަށް ވަނުމަށްޓަކައި ވެސް ކެމެރާ އެކްސެސް ދޭންޖެހުމަކީ ބޮޑު ކުންފުނިތަކުން މީހުންގެ މައްޗަށް ބާއްވާ ފާރަވެރިކަން އިތުރުވެގެންދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.
ގޫގުލް އިން ބުނާ ގޮތުގައި މިގޮތަށް ރެކޯޑްކުރާ ވީޑިއޯތައް ވެރިފިކޭޝަން ނިމުމާއެކު ވަގުތުން ފޮހެލެވޭނެއެވެ. ނަމަވެސް، މާހިރުން ގަބޫލުކުރާ ގޮތުގައި މިއީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) މޮޑެލްތައް ތަމްރީނުކުރުމަށް ޔޫޒަރުންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކުރުމަށް ހިންގާ ނުރައްކާތެރި މަސައްކަތަކަށް ވެދާނެއެވެ.
ވެބްސައިޓްތަކަށް ވަންނަނީ އަސްލު އިންސާނުންތޯ ކަށަވަރުކުރުމަށްޓަކައި ބޭނުންކުރާ "ކެޕްޗާ" ސިސްޓަމަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އިންޓަނެޓްގައި ބޭނުންކުރަމުން އަންނަ ސެކިއުރިޓީ ފީޗާއެކެވެ. ފުރަތަމަ ކޮޅު މި ސިސްޓަމްތަކުގައި ބޭނުންކުރީ ގުދުތަކާއި ރާޅުތައް ހުންނަ އަކުރުތަކާއި ނަންބަރުތައް ކިޔައިގެން ޓައިޕްކުރުމެވެ. އޭގެ ފަހުން، މަގުމަތީގެ ބޮކިތަކާއި ކަނޑާލާފައި ހުންނަ ރޮނގުތައް ފަދަ ތަސްވީރުތައް (އިމޭޖްސް) ސެލެކްޓްކުރާ ގޮތަށް ގޫގުލްގެ "ރީކެޕްޗާ" ބަދަލުކުރިއެވެ. ނަމަވެސް، ފަހަކަށް އައިސް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އޮޓޮމޭޓެޑް ބޮޓްތައް ވަރުގަދަވެ، އިންސާނުންނަށްވުރެ މާ އަވަހަށް މިފަދަ އިމޭޖްތައް ދެނެގަނެ، ކެޕްޗާ ސިސްޓަމްތައް ފޫއަޅުވާލަން ފެށުމުން، ގޫގުލް އަށް ވަނީ ބޮޓްތަކަށް އަތުނުލެވޭނެ ފަދަ އައު ބަޔޯމެޓްރިކް އުކުޅުތަކަށް ދާން މަޖުބޫރުވެފައެވެ.