ގޫގުލްއިން އުފައްދާފައިވާ އޭއައި ރިސާޗް އެސިސްޓެންޓް "ނޯޓްބުކްއެލްއެމް" އަށް، ލިޔުންތައް އެއް މިނެޓުގެ ކުރު ވީޑިއޯތަކަކަށް ބަދަލުކޮށްލެވޭ ފަދަ އާ ފީޗާއެއް ތައާރަފުކޮށްފިއެވެ.
"ޝޯޓް ވީޑިއޯ އޯވަވިއުސް"ގެ ނަން ދީފައިވާ މި ފީޗާގެ އެހީގައި، ޔޫޒަރުން އަޕްލޯޑްކުރާ ދިގު ލިޔުންތަކާއި ޕްރެޒެންޓޭޝަންތައް، ވާހަކަ ކިޔައިދޭ އަޑާއި އެނިމޭޝަން ހިމެނޭ ގޮތަށް ކުރު ވީޑިއޯ ސަމަރީއަކަށް ބަދަލުކޮށްލަދޭނެއެވެ.
މި އާ ފީޗާއަކީ ދިގު ވީޑިއޯތައް ބަލަން ވަގުތު ނެތް މީހުންނަށާއި، ނޯޓްސްތަކާއި ރިސާޗް މެޓީރިއަލްތައް އަވަހަށް ރިވައިޒްކޮށްލަން ބޭނުންވާ ޔޫޒަރުންނަށް ޚާއްޞަކޮށްގެން ނެރުނު ފީޗާއެކެވެ.
މިއީ މީގެ ކުރިން ނޯޓްބުކްއެލްއެމްއަށް ތައާރަފުކުރި "ސިނެމެޓިކް ވީޑިއޯ އޯވަވިއުސް" ފީޗާގެ މައްޗަށް ބިނާކޮށް، އެއަށްވުރެ ކުރުކޮށް މަޢުލޫމާތު ގެނެސްދޭ ބައެކެވެ.
މި ފީޗާ މެދުވެރިކޮށް އުފައްދާ ވީޑިއޯތައް ބިނާވަނީ މި އަހަރުގެ ކުރީކޮޅު ގޫގުލް އިން ތައާރަފުކުރި "ނެނޯ ބަނާނާ 2 ލައިޓް" މޮޑެލްގެ މައްޗަށެވެ. މި މޮޑެލްގެ އެހީގައި ވީޑިއޯގެ ކޮލިޓީ ދަށްނުވެ، 60 ސިކުންތުގެ ތެރޭގައި ލިޔުންތަކުގެ މައިގަނޑު ޚުލާޞާ ތައްޔާރުކޮށްދެއެވެ.
ޔޫޒަރުންނަށް މި ފީޗާ ބޭނުންކުރާއިރު ވީޑިއޯގެ ފޯމެޓް "ޝޯޓް"އަށް ބަދަލުކޮށްލުމަށްފަހު، ސަމަރީ ހަދަން ބޭނުންވާ ލިޔުންތައް ޚިޔާރުކުރެވޭނެއެވެ. އަދި ވީޑިއޯގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަން ބޭނުންވާ މައުޟޫޢެއް އަމިއްލައަށް ލިޔުމުގެ ފުރުޞަތު ނުވަތަ ސިސްޓަމުން ދައްކާ މައުޟޫޢުތަކުގެ ތެރެއިން ބައެއް ޚިޔާރުކުރުމުގެ އިޚްތިޔާރު ލިބިގެންދެއެވެ.
މި އާ ފީޗާ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އިނގިރޭސި ބަހުން ބޭނުންކުރާ، އުމުރުން 18 އަހަރުން މަތީގެ ޔޫޒަރުންނަށް ދޫކުރަން ކުރަން ފަށާނެއެވެ. އަދި އާންމު ޔޫޒަރުންގެ އިތުރުން ގޫގުލް ވޯކްސްޕޭސް ބޭނުންކުރާ ފަރާތްތަކަށް ވެސް ވެބް، އެންޑްރޮއިޑް އަދި އައިއޯއެސް އެޕްލިކޭޝަން މެދުވެރިކޮށް މި ޚިދުމަތް ލިބޭނެ ކަމަށް ގޫގުލް އިން ހާމަކޮށްފައިވެއެވެ.