އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލްތަކަކާއި ޑްރޯންތަކެއް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވައިގެ ދިފާޢީ ނިޒާމުން މިއަދު ހުއްޓުވައި، އެ ގައުމަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާތަކެއް ނާކާމިޔާބުކޮށްލައިފިއެވެ.
ޔޫއޭއީގެ މިނިސްޓްރީ އޮފް ޑިފެންސުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހަވީރުގެ ވަގުތެއްގައި އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތަކަކާއި ކްރޫޒް މިސައިލްތަކެއްގެ އިތުރުން ގިނަ އަދަދެއްގެ ޑްރޯންތައް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައެވެ.
އެއީ ފަހުގެ ތާރީޚެއްގައި އީރާނުން ޔޫއޭއީއަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.
މި ހަމަލާތަކާ ގުޅިގެން ޔޫއޭއީގެ އެކި ސަރަޙައްދުތަކުގައި ވަނީ އިންޒާރުގެ ރަނގަބީލު އަޅާފައެވެ. އަދި އާންމު ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ. ޔޫއޭއީގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ގައުމުގެ ވައިގެ ސަރަޙައްދު ހިމާޔަތްކުރުމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށާއި، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.
މި ހަމަލާތަކުގެ ތެރެއިން އީރާނުގެ ޑްރޯނެއް ވަނީ ޔޫއޭއީގެ އިރުމަތީގައި އޮންނަ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އަމާޒުވެފައެވެ. ފުޖައިރާގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑްރޯން ހަމަލާގެ ސަބަބުން އެ މަރުކަޒުގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި މި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ސިވިލް ޑިފެންސްގެ ޓީމުތަކުން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެ އޮފީހުން މަޢުލޫމާތުދެއެވެ.
އެ ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓުކޮށްފައިނުވެއެވެ. ނަމަވެސް ތެޔޮ ރައްކާކުރާ ބައެއް ތާނގީތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތެޔޮ ބަރުކުރުމުގެ ބައެއް މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫއޭއީގެ ދިފާޢީ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަހަކަށް އައިސް އީރާނުން ފޮނުވާލި 537 ބެލިސްޓިކް މިސައިލާއި، 26 ކްރޫޒް މިސައިލް އަދި 2،256 ޑްރޯން ވަނީ ޔޫއޭއީގެ ދިފާޢީ ނިޒާމުން ހުއްޓުވާފައެވެ. މީގެ ތެރޭގައި އެމެރިކާއިން ހޯދާފައިވާ ޕެޓްރިއަޓް އަދި ތާޑް މިސައިލް ދިފާޢީ ނިޒާމުތައް ބޭނުންކޮށްގެން ގިނަ ހަމަލާތަކެއް ވަނީ ނާކާމިޔާބުކޮށްލާފައެވެ. ފުޖައިރާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ސަލާމަތީ މަސްރަޙު ވަނީ އިތުރަށް ގޯސްވެފައެވެ. ޚާއްޞަކޮށް، ފުޖައިރާއަކީ ހުރްމޫޒް ކަނޑުއޮޅި ބޭނުންނުކޮށް ޔޫއޭއީގެ ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ މުހިންމު ލައިނެއްގެ ނިމޭ ހިސާބު ކަމަށްވުމުން، މި ހަމަލާގެ ސަބަބުން ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މިއީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ތެރެއިން، އީރާނުން ރައްދު ދިނުމުގެ ގޮތުން ދެމުންގެންދާ ހަމަލާތަކެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މީގެ ކުރިން ދީފައިވާ މިފަދަ ހަމަލާތަކުގައި ޔޫއޭއީގައި މަސައްކަތްކުރާ އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނު ފަދަ ގައުމުތަކުގެ ރައްޔިތުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ޔޫއޭއީން ވަނީ އެ ގައުމުގެ ރައްޔިތުންނާއި ބިދޭސީ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގެ ޔަގީންކަން ދީފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް ދިފާޢީ ނިޒާމުތައް ފުރިހަމައަށް ތައްޔާރީ ހާލަތުގައި ބަހައްޓައިފައިވާކަން އެ ގައުމުން ވަނީ ހާމަކޮށްފައެވެ.
އެ ހާދިސާއާ ގުޅިގެން ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ދަނީ ފުޖައިރާގެ ތެޔޮ މަރުކަޒަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.