އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އެމެރިކާއިން ބުނި ގޮތުގައި މިއީ މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދޭން އުޅުނު ކުއްލި ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނީ، މި ހަމަލާތަކަކީ އަންގާރަ ދުވަހު އުރުދުންގައި ހުންނަ އެމެރިކާގެ މަރުކަޒުތަކަށާއި ހޮރުމުޒް ކަނޑުއޮޅީގައި އޮތް ބޯޓުތަކަށް އީރާނުން ބަޑިޖަހާފައިވާތީ ދިން ވަރުގަދަ ރައްދެއް ކަމަށެވެ.
މި ހަމަލާތައް ދިނުމުގެ ގަޑިއެއްހާއިރު ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ އެއް ދުވަސް ކުރިން އެމެރިކާ ސިފައިންނަށް އީރާނުން ހަމަލާދޭން އުޅުނު މައްސަލައިގެ ބަދަލު ހިފާނެ ކަމަށް ވިދާޅުވެފައެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، “އަހަރެމެން އެމީހުންނަށް ވަރަށް ވަރުގަދަޔަށް ހަމަލާ ދޭން މި އުޅެނީ މީ އަހަރުމެންގެ ފަހަރުވީމަ.” ކަމަށެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނި ގޮތުގައި، އުރުދުންގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒަކާއި ކޮމާންޑް ސެންޓަރަކަށް އެ ޖަމާއަތުން ހަމަލާ އަމާޒުކޮށްފައިވެއެވެ. އައިއާރުޖީސީން ބުނީ އެ ހަމަލާތަކަކީ އެމެރިކާގެ ކުޑަކުދިން މަރާ ސިފައިންގެ އަނިޔާވެރި އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ. މީގެ އިތުރުން، ކަނޑުގެ ސިފައިންގެ އިންޒާރުތަކަށް އަޅާނުލައި، ރައްކާތެރި ނޫން އަދި ގަވާއިދާ ހިލާފު މަގެއް ހިޔާރުކުރި ކަމަށް ބުނެ، ގަލްފްގެ މުހިންމު ހޮރުމުޒް ކަނޑުއޮޅިން ތިން ތެޔޮ ޓޭންކަރަކަށް ވެސް ހަމަލާދީފައިވާ ކަމަށް އައިއާރުޖީސީން ބުނެފައިވެއެވެ.
މި ފަހުގެ ހަމަލާތައް ފެށުމުގެ ކުރިން، މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ވަނީ ވިދިވިދިގެން 13 ރެއަށް ދެމިގެންދިޔަ ވަރުގަދަ ހަމަލާތަކެއް މެދުކަނޑާލައްވާފައެވެ. ނަމަވެސް ހަމަލާތައް ހުއްޓާލި ފަހުން، 72 ގަޑިއިރުގެ ތެރޭގައި އައިއާރްޖީސީން 30 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައިވާ ކަމަށް ސެންޓްކޮމްއިން އަންގާރަ ދުވަހު ބުނެފައިވެއެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން ވަނީ އިރުމަތީ އިރާގުގައި ހުންނަ ޓެރަރިސްޓް ލޮޖިސްޓިކްސް އަދި ހަތިޔާރު ރައްކާކުރާ އެތައް މަރުކަޒަކަށް ހަމަލާދީފައެވެ. އެމެރިކާއިން އީރާނަށް ހަމަލާދީފައިވާއިރު، އެމެރިކާއާއި ސައުދީ ގުޅިގެން އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ ޖަމާއަތްތަކަށް ވެސް ވަނީ ހަމަލާދީފައެވެ.
އެމެރިކާއާއި ސައުދީން އިރާގުގައި ދިން ހަމަލާތަކާ ގުޅިގެން، އީރާނުގެ ތާއީދު އޮންނަ ޝީއީ ޖަމާއަތްތަކުގެ ބާރުގަދަ އިރާގުގެ ޕެރަމިލިޓަރީ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް) އިން ބުނީ އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 20 މެމްބަރުން މަރުވެފައިވާ ކަމަށެވެ. މިކަމާ ގުޅިގެން އިރާގުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނީ، ޕީއެމްއެފްގެ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ގަބޫލު ނުކުރެވޭ ހަމަލާއެއް ކަމަށެވެ. އަދި އެއީ އިރާގުގެ އިސްތިގުލާލާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު ކަމެއް ކަމަށް ބުނެ، އިރާގުގެ ރިޔާސަތުން ވަނީ އެ ހަމަލާތައް ކުށްވެރިކޮށްފައެވެ.