ސައުދީ އަރަބިއްޔާގެ ތެޔޮ ފެސިލިޓީތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކުގެ ރައްދުގައި، އެމެރިކާއާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގުގައި ހަރަކާތްތެރިވާ އީރާނުގެ ތާއީދު އޮންނަ ޖަމާއަތްތަކަށް މިއަދު ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ ތިން ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ. މި ހަމަލާތައް ދީފައިވަނީ، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރުމުޒް ކަނޑުއޮޅީގެ މައްސަލަ ހައްލުކުރުމަށް އޮމާނުން އާ ސަރަހައްދީ އެއްބަސްވުމެއް ހުށަހަޅާފައި ވަނިކޮށެވެ.
ސައުދީގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ތުރުކީ އަލް މާލިކީ ވިދާޅުވި ގޮތުގައި، އެ ގައުމުގެ އިރުމަތީގައި ހުންނަ ތެޔޮ ފެސިލިޓީތަކަށް އަމާޒުކޮށް އިރާގުގެ ސަރަހައްދުން ފޮނުވާލި ގިނަ ޑްރޯންތަކެއް ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ. އިރާގުގެ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސް (ޕީއެމްއެފް) އިން ބުނީ، އެމެރިކާއާއި ސައުދީން ދިން ހަމަލާތަކުގައި އެ ޖަމާއަތުގެ މައި މަރުކަޒުތަކަށް ގެއްލުންވެ، އެތައް ބަޔަކު މަރުވެ އަދި ޒަހަމްވެފައިވާ ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އިރާގަށް ހަމަލާ ދީފައިވަނީ އުރުދުންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލިތާ ގަޑިއެއްހާއިރު ފަހުންނެވެ. މީގެ އިތުރުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޒާރުތަކަށް ބޯނުލަނބައި ގަވާއިދާ ހިލާފަށް ދަތުރުކުރި ތިން ތެޔޮ ޓޭންކަރަކަށް ހަމަލާދީ ހުއްޓުވާފައިވާ ކަމަށެވެ. އަދި ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަތުގައި ކަމަށާއި، “ގަވާއިދާ ހިލާފަށް އެމެރިކާގެ އަސްކަރިއްޔާއިން އެކަމަށް ތަދައްޚުލުވުމަކީ އެކަމަށް ރައްދު ލިބޭނެ ކަމެއް” ކަމަށްވެސް އެ ބަޔާނުގައި އިންޒާރުދީފައިވެއެވެ.