މިނިސްޓަރުކަމަށް އައްޔަންކުރުމާއެކު، މީގެ ކުރިން ހުތުރު ބަހުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓުތައް އާންމުވުމާ ގުޅިގެން އެ ކަމާ ގުޅޭގޮތުން ސުވާލުކުރުމުން މިއަދުގެ މައުޟޫއާ ގުޅުމެއްނެތް ކަމަށް ވިދާޅުވެ، އެއްޗެއް ވިދާޅުވާން އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް މިއަދު ދެކޮޅުހައްދަވައިފިއެވެ.
ވަޒީރުންގެ މަޖިލީހަށް ބަދަލު ގެނެސް، އެންވަޔަރަމަންޓް މިނިސްޓަރު ކަމަށް މޫސުމީ ބަދަލުތަކާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޢަލީ ޝަރީފް އައްޔަންކުރީ މި މަހުގެ 14ވަނަ ދުވަހެވެ. ވަޒީރު ކަމަށް ޝަރީފް ޢައްޔަންކުރިތާ މާ ގިނައިރުތަކެއްނުވެ، މީސްމީޑިއާގައި މީގެކުރިން ހުތުރު ބަހުން ކުރެއްވި ޕޯސްޓުތަކެއް ވަނީ އާންމުވެފައެވެ. އެއާއެކު، އާންމުންގެ ފާޑުކިއުން އޭނާއަށް އަމާޒުވިއެވެ.

ރައީސް ވަޒީރުކަމުގެ ފަތްކޮޅު ޢަލީ ޝަރީފަށް އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ، މިކަމާ ގުޅޭ ގޮތުން ޢަލީ ޝަރީފާ ސުވާލުކޮށްފައެވެ. ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ޢަލީ ޝަރީފް ވިދާޅުވީ، އެއީ މިއަދުގެ "ތީމެޓިކް އޭރިއާ"އިން ބޭރު ސުވާލެއް ކަމަށެވެ.
"މި ދެންނެވިހެން އަޅުގަނޑު ހަމަ މި ޑިސިޕްލިން ހިފަހައްޓަން ބޭނުން މީތީގައި, ތީމެޓިކް އޭރިއާއިން ތި ބޭފުޅުން މި ވަގުތުގެ ބޭނުން ހިއްޕެވުމަށް،" އޭނާ ވިދާޅުވިއެވެ.
ވަޒީރުގެ އެ ޖަވާބާ ގުޅިގެން، ނޫސްވެރިޔާ ވަނީ، ރައްޔިތުންގެ މެދުގައި މިކަމުގައި ކަންބޮޑުވުން ހުރުމާއެކު، ވަޒީރު ކުރެއްވި ޓްވީޓްތަކަށް މައާފަށް އެދޭނެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ކުރިން ދެއްވި ޖަވާބު ތަކުރާރުކުރެއްވުމަށްފަހު، ޢަލީ ޝަރީފް ވަނީ، 2020ވަނަ އަހަރުގެ ސެޕްޓެންބަރު މަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަކީ "ޖައްބާރެއް" ކަމާއި، ހިންދޫ ދީން ނައްތައިލަން ޖެހޭ ކަމާއި އެ މީހުންނަށް އެހެން މީހުންނާ ގުޅިގެން ނޫޅެވޭނެ ކަމަށް ލިޔުއްވި ޓްވީޓާ ގުޅޭ ގޮތުން ޖަވާބު ދެއްވައިފައެވެ.
"ނޯ. އައި ޑޯންޓް ބިލީވް މޯދީ އިޒް އަ މޮންސްޓާ [މޯދީއަކީ ޖައްބާރެއް ކަމަށް އަޅުގަނޑު ގަބޫލެއްނުކުރަން]،" ކުރުކޮށް އިނގިރޭސިން ދެއްވި ޖަވާބުގައި އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، 2019 ވަނަ އަހަރު ކުރެއްވި ޕޯސްޓެއްގައި ޢަލީ ޝަރީފް ވަނީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ، ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާޢީލް (އިބްރާ)ގެ ހާލަތަށް ފުރައްސާރަކުރައްވައިފައެވެ.
"މީނާގެ ދެން ހުރި އަނގުނުތައް (ގުނަވަންތައް) ސަލާމަތުން ﷲ ދެއްވީތީ މީނާ ޝުކުރުވެރިވާން އެބަ ޖެހޭ،" ދެހާސް ނަވާރަ ވަނަ އަހަރުގެ ޖަނަވަރީ މަހު ޢަލީ ޝަރީފް ކުރެއްވި ޕޯސްޓެއްގައިވެއެވެ.
އޭގެ އިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފުރައްސާކޮށް ހަޖޫ ޖައްސަވާފައި ވެސް އޭނާ ޕޯސްޓުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އިދިކޮޅުގައި އޭރު އޮތް ޕީޕީއެމްގެ މެންބަރުން ވެސް ހިމެނެއެވެ.
ނަމަވެސް، އާންމުންގެ ފާޑުކިއުންތަކާ އެކު، ޢަލީ ޝަރީފް ވަނީ ޕޯސްޓުތައް ޑިލީޓްކުރައްވައިފައެވެ.
އެހެންވެ، ޢަލީ ޝަރީފް ވަޒީރަކަށް އައްޔަންކުރީ ކޮން އުސޫލަކުންތޯއާއި، އައްޔަންކުރީ "ރައްޔިތުންގެ ވިންދާ އެއްގޮތަށް"ތޯ 'ސަން'އިން ސުވާލުކުރުމުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވިދާޅުވީ، ޢަލީ ޝަރީފް އައްޔަންކުރި ދާއިރާގައި އޭނާއަށް ވުރެ ތައުލީމާއި ތަޖުރިބާ ހުރި އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ.
ޢަލީ ޝަރީފްގެ މަސައްކަތާއި ތައުލީމަށް ބަލާނަމަ، ހުރިހާ ފަރާތްތަކުން ވެސް އެކަމަށް އެއްބަސްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.