ވަޒީރުންގެ މަޖިލީހަށް އަލަށް އައްޔަންކުރެއްވި ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފްގެ ދާއިރާގައި އޭނާއަށްވުރެ ތައުލީމީ، އަދި ތަޖުރިބާ ހުރި ބޭފުޅަކު ނުހުންނާނެ ކަމަށް ވިދާޅުވެ، ޢަލީ ޝަރީފަށް ކުރިމަތިކުރި ފާޑުކިއުންތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްދުދެއްވައިފިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ތަޖުރިބާކާރެއް ކަމަށްވާ ޢަލީ ޝަރީފް ވަނީ މީގެ ކުރިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ޑިރެކްޓަރެއްގެ މަގާމު ފުރުއްވައި، މޫސުމީ ބަދަލުތަކާބެހޭ ޚާއްސަ އެންވޯއީގެ މަގާމު ވެސް ފުރުއްވައިފައެވެ.
ނަމަވެސް, އޭނާ މީގެ ކުރިން ހުތުރު ބަހުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓުތައް އާންމުވެ، ފާޑުކިއުން އަމާޒުވެފައިވެއެވެ.
އެހެންވެ، ޢަލީ ޝަރީފް ވަޒީރަކަށް އައްޔަންކުރީ ކޮން އުސޫލަކުންތޯއާއި، އައްޔަންކުރީ "ރައްޔިތުންގެ ވިންދާ އެއްގޮތަށް"ތޯ 'ސަން'އިން ސުވާލުކުރުމުން ރައީސް ވިދާޅުވީ، ޢަލީ ޝަރީފް އައްޔަންކުރި ދާއިރާގައި އޭނާއަށް ވުރެ ތައުލީމާއި ތަޖުރިބާ ހުރި އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ.
ޢަލީ ޝަރީފްގެ މަސައްކަތާއި ތައުލީމަށް ބަލާނަމަ، ހުރިހާ ފަރާތްތަކުން ވެސް އެކަމަށް އެއްބަސްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު: އެ މަނިކުފާނު ވިދާޅުވީ، އަލީ ޝަރީފަށްވުރެ ތައުލީމާއި ތަޖުރިބާހުރި ބޭފުޅަކު ނުހުންނާނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
"އެހެންވީމާ އަޅުގަނޑު ބެލީ ވަރަށް ޓެކްނިކަލް، ވަރަށް މޮޅު ބޭފުޅަކު އެ ދާއިރާއަށް (ތިމާވެށީގެ ދާއިރާއަށް) އައްޔަންކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، 2019 ވަނަ އަހަރު ކުރެއްވި ޕޯސްޓެއްގައި ޢަލީ ޝަރީފް ވަނީ ޖިސްމާނީގޮތުން ނުކުޅެދުންތެރިކަން ހުންނަ، ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާޢީލް (އިބްރާ)ގެ ހާލަތަށް ފުރައްސާރަކުރައްވައިފައެވެ.
"މީނާގެ ދެން ހުރި އަނގުނުތައް (ގުނަވަންތައް) ސަލާމަތުން الله ދެއްވީތީ މީނާ ޝުކުރުވެރިވާން އެބަ ޖެހޭ،" ދެހާސް ނަވާރަ ވަނަ އަހަރުގެ ޖަނަވަރީ މަހު ޢަލީ ޝަރީފް ކުރެއްވި ޕޯސްޓެއްގައިވެއެވެ.
އޭގެ އިތުރުން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފުރައްސާކޮށް ހަޖޫ ޖައްސަވާފައި ވެސް އޭނާ ޕޯސްޓުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އިދިކޮޅުގައި އޭރު އޮތް ޕީޕީއެމްގެ މެންބަރުން ވެސް ހިމެނެއެވެ.
ނަމަވެސް، އާންމުންގެ ފާޑުކިއުންތަކާ އެކު، ޢަލީ ޝަރީފް ވަނީ ޕޯސްޓުތައް ޑިލީޓްކުރައްވައިފައެވެ.
"ޙައްވާ"ގެ ނަމުގައި 'އެކްސް'ގައި ޕޯސްޓުކުރި މީހަކު ލިޔެފައިވާ ގޮތުގައި، ހިތުހުރި އެއްޗެހި ކިޔާފައި ދައުލަތުގެ މަގާމުތަކަށް އެއްވެސް މީހަކަށް އާދެވިގެން ނުވާނެއެވެ.
"މީހުންނަށް ފުރައްސާރަކުރުން، ނުކުޅެދޭ މީހުނަށް ޖޯކް ޖެހުން، މުސްލިމުންނާ ދިމާލަށް ލާދީނީ ގޮވުން، އަވައްޓެރިގައުމުތަކުގެ ވެރީންނަށް ހަޖޫޖެހުން! މިއީ ތިބޭފުޅާގެ ހޮބީތޯ؟" 'ވަތަން ރޯ އަޑު'ގެ ނަމުގައި ޢަލީ ޝަރީފް ޓެގްކޮށް މީހަކު ކުރި ޕޯސްޓެއްގައިވެއެވެ.
"އެކި ވަކި ފަރުދުންނަށް ބަދުބަސްތައް ރައްދުކޮށް، ނުނިޔަތް ފާޅުކޮށްފައިތިބޭ މީހުން ދައުލަތުގެ ބަސްކިޔާ، ގޮތްނިންމާ މަޤާމްތަކަށް އިސްވުމަކީ ދައުލަތުން ޢަދުލުވެރިކަން ދޫކޮށްލައިފިކަމުގެ ހެއްކެކެވެ،" ނުސީދާ ގޮތެއްގައި ޢަލީ ޝަރީފް އައްޔަންކުރި ކުރުމާ ގުޅޭގޮތުން އިބުރާ ކުރެއްވި ޕޯސްޓެއްގައިވެއެވެ.