ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށް، ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމު ފެށުމަށް ފުލުހުންނާއި ހެލްތު މިނިސްޓްރީން މިއަދު މަޝްވަރާކޮށްފިއެވެ.
ފުލުހުން ބުނީ، ރާއްޖޭގައި ނަފުސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، އެ ދާއިރާއިން ކުރާ މަސައްކަތްތައް ހަރުދަނާކުރުމާ ގުޅޭ ގޮތުން، ފުލުހުންގެ ކޮމިޝަނަރު އަޙްމަދު މުޙައްމަދާއި ހެލްތު މިނިސްޓަރު ގީލާ ޢަލީ މަޝްވަރާކުރައްވައިފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި، ނަފުސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންނާއި، އެ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ނަފުސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ވެސް ކޮމިޝަނަރު, ވަޒީރާ ހިއްސާކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި ބައްދަލުވުމުގައި ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށް ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފެށުމާއި، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް، ނަފުސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލަސްނުވެ އެންމެ ފުރިހަމަ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި ކަމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނަފުސާނީ އެކި ބަލިތަކަށް ދޭ ފަރުވާ މި އަހަރުން ފެށިގެން އާސަންދައިން ކަވަރުކުރަން ފެށި ފަހުން މި މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް 10،954 މީހަކު ފަރުވާ ހޯދާފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މާލޭން އެކަނި ވެސް 8،125 މީހުން މި އަހަރު ތެރޭ ނަފުސާނީ ބައްޔަށް އާސަންދައިން ފަރުވާ ހޯދައިފައިވެއެވެ.
ނަފުސާނީ ގޮތުން ދަތި އުނދަގޫ ހާލަތްތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ގައުމީ ހެލްޕްލައިންގެ ނަންބަރު 1677 މެދުވެރިކޮށް 24 ގަޑިއިރު އެހީތެރިކަން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ލަސްނުކޮށް އެ ޚިދުމަތުގެ ބޭނުން ހިފުމަށް ހެލްތު މިނިސްޓްރީން ބާރު އަޅައެވެ.