ފުލުހުންގެ ބެލުމުގައި ދަށުގައި ހުރި ސައިކަލެއްގެ އެއްވެސް މައުލޫމާތެއް ނޭނގިގެން، އެ ސައިކަލުގެ ވެރިމީހާ ހޯދަން ފުލުހުން މިއަދު އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި މިއީ މިދިޔަ އަހަރުގެ ޖުލައި 13 ގައި މާލޭގެ ކޯރުކެނޑިމަގާއި ބުރުޒުމަގު ގުޅުނު ކަންމަތިން ފުލުހުން ހުއްޓުވި ސައިކަލެކެވެ.
ފުލުހުން އެ ސައިކަލު ބެލުމުގެ ދަށަށް ގެނައީ އިންޖީނު ނަންބަރު ފެންނަން ނެތުމުންނެވެ. މި މައްސަލައާ ގުޅިގެން އިތުރަށް ބެލި ބެލުމުން، އެ ސައިކަލުގައި ބޭނުންކޮށްފައިވާ ރަޖިސްޓްރީ ނަންބަރަކީ ވެސް އެ އުޅަނދުގެ އަސްލު ނަންބަރު ނޫންކަން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ސައިކަލުގެ ޗެސިސް ނަންބަރު ޗެކްކުރިއިރު، އެ ނަންބަރަކީ ވެސް ރަޖިސްޓްރީކޮށްފައިވާ އެއްވެސް އުޅަނދެއްގެ ނަންބަރަކާ ދިމާވާ ނަންބަރެއް ނޫނެވެ. މިހާތަނަށް ކުރި މަސައްކަތުން މި ސައިކަލުގެ ވެރިފަރާތް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ، އެ ސައިކަލާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންސްގެ ނަންބަރު 9444880 އަށް ގުޅުއްވައި، އެ މައުލޫމާތެއް ހިއްސާކޮށްދެއްވަން ވަނީ އެދިފައެވެ.