އެތެރެއިން: ރިފޯމް އެޖެންޑާއެއްތަ ނޫނީ ޕާޓީ އަތުލުންތަ؟

ކުރީގެ ރައީސް ނަޝީދާއި ފައްޔާޒް: ދެ ބޭފުޅުން ގެންނެވީ ބަރުލަމާނީ ނޫން ބަރުލަމާނީ ސިފަތަކެއް --- ސަން ފޮޓޯ/ އަހުމަދު އިޔާދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ މިނިސްޓަރ ފައްޔާޒް އިސްމާއީލް ގުޅިވަޑައިގެން އެމްޑީޕީގެ ތެރޭގައި ގެންނަވަން އުޅުއްވާ ބަދަލުތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވަޑައިގަތުމަށާއި، ފައްޔާޒް ސަރުކާރުގެ އެންމެ އިސްވެރިޔާގެ މަޤާމަށް ގެނައުމަށް އިއުލާނުކުރެއްވުމަކީ ޕާޓީގެ ޤައުމީ މަޖިލީހުގެ މަޝްވަރާއަކާ ނުލައި ސީދާ މީޑިއާގައި ދެއްކެވި ވާހަކަތަކެކެވެ. މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ނަމުގައި ޕާޓީގެ ކޮންޓްރޯލް އަތުލުމަށް ކުރައްވާ މަސައްކަތެއްކަމަށް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.

  • ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންކަމަށް އަދި ފައްޔާޒް ވެރިކަމަށް ގެނައުމަށް އިއުލާނުކުރުން.
  • މި ހުށަހެޅުންތަކަކީ ޕާޓީގެ ޤައުމީ މަޖިލީހުގައި މަޝްވަރާކުރުމެއްނެތި މީޑިއާގައި އިއުލާނުކުރި ކަންތައްތަކެއްކަން.
  • ޑިމޮކްރެޓްސްގެ ނާކާމިޔާބީއަށްފަހު ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަތީ ސިޔާސީ ކުރިމަގެއް ހޯއްދެވުމަށްކަން.
  • މިއީ އިޞްލާޙީ އެޖެންޑާއަކަށްވުރެ ބޮޑަށް ޕާޓީގެ ކޮންޓްރޯލް އަތުލުމަށް ރާވާފައިވާ ރޭވުމެއްކަމަށް ބެލެވުން.

"ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން،"

މި ވާހަކަ ފައްޓަންޖެހޭނީ މި ހިސާބުންނެވެ. ނޫނިއްޔާ މުޅިން ފުރިހަމައެއް ނުވާނެއެވެ. މިހާރު އަލުން ނަގައިގެން މި ސަފުހާތައް ނިއުޅީމާ ބައެއް ބޭފުޅުން ކޯފާ ވެސް ވާނެއެވެ. އެކަމަކު، މި ވާހަކަ ނުދައްކާ މިހާރު މި ހިނގާ ކަންކަމުގެ ވާހަކަދެއްކުން ވާނީ އޮޅުވާލަމަކަށް ނޫން ހެއްޔެވެ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ހުންނެވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ފައިންޕުޅު ނަންގަވައިގެންނެވެ. އެ މަނިކުފާނުގެ ވިސްނުންފުޅުގައި މިހާރު ކުރަން ހުރި މަސައްކަތްތައް ކުރެއްވޭނެ އިތުރު ބޭފުޅެއް ނެތީމައެވެ.

"މި ބޮޑު ބަދަލު ގެނައުމަށްޓަކައި އަޅުގަނޑު ތާއީދުކުރަން ފައްޔާޒް އިސްމާއިލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް،" ނޫސްވެރިންގެ ކުރިމަތީގައި ނަޝީދު އާދިއްތަ ދުވަހު އިއުލާނުކުރެއްވިއެވެ.

"އަދި، އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތްކުރާނީ ފުރަތަމަ ކަމަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަކަށް އަޅުގަނޑުމެން ހޯދުން. އެހެންވީމާ އަޅުގަނޑު ގަސްތުކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،"

https://sun.mv/220838

އެއީ، ހިތާއި ހިތުގެ ލޯތްބެއްގައި މެހިފައި ތިއްބެވި އެ މަނިކުފާނުގެ އިޚުލާސްތެރި އެތައް ހާސް ސަޕޯޓަރުންނަށް އުންމީދީ ވާހަކައެކެވެ. ޗެއާޕާސަންކަމުގެ ތަޖުރިބާ ވެސް ހުންނެވި ބޭފުޅެކެވެ. ވެރިކަން ކުރައްވާފައި ހުންނެވި ލީޑަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވައިފިއެވެ. އިދިކޮޅުގައި ޕާޓީ އޮތްއިރު، ޖޯޝާއި ފޯރީގައި މުޅި ޕާޓީ އެކަތިކުރެއްވި 'އަންނި'އެވެ.

އެކަމަކު، މާޒީގެ އެ ސަފުހާތަކަަށް ފަހު ދެން އަންނަނީ ނަޝީދަށް މާ ކާމިޔާބު ސަފުހާތަކެއް ނޫނެވެ. މާ ވިސްނުންތެރި ފިޔަވަޅުތަކެއް އެޅުއްވުނު ދުވަސްތަކެއް ނޫނެވެ.

ހުށަހެޅުއްވީ ރިފޯމް އެޖެންޑާއެއްތަ؟

ބަރުލަމާނީގެ ނަމެއް ނެތެވެ. ތެދެކެވެ. އެކަމަކު، އެއީ ބަރުލަމާނީ ވެރިކަމުގެ ނިޒާމާ އެއް ގޮތް ނޫން ނިޒާމެކޭ ނުބުނެވޭނެއެވެ. ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވި ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ހުށަހެޅުއްވީ 'މަސްހުނި' ވެރިކަމުގެ ނިޒާމަކަށް ބަދަލުވާށެވެ. ގާނޫނުއަސާސީ އަލުން ލިޔަންޖެހޭހާ ގިނަ، ބޮޑެތި ބަދަލުތަކެކެވެ. އެއީ، މިހާރު މަޑުނުކޮށް ކޮންމެހެން ގެންނަން ޖެހިފައި އޮތް ބަދަލެއް ކަމަށް ވިދާޅުވިއެވެ.

ކުރީގެ ދެ ހަތުރުން މިއަދު އެއްބަސްވެވަޑައިގެން އެ ތިއްބެވީ ދެ ކަމަކަށެވެ. އެއް ކަމަކީ ފައްޔާޒަށް ސަރުކާރުގެ އެންމެ އިސް ވެރިޔާކަން ދެއްވުމެވެ. އަނެއް ކަމަކީ ނަޝީދަށް ދައުލަތުގެ އެންމެ އިސްވެރިޔާކަން ދެއްވުމެވެ. ރައީސުލްޖުމްހޫރިއްޔާއަކާއި ބޮޑުވަޒީރެކެވެ. އެ 'ޑީލު'ގެ ތެރެއިން ނަޝީދަށް ޕާޓީގެ ޗެއާޕާސަންކަން ލިބިވަޑައިގަންނަވާ ގޮތަށެވެ.

https://sun.mv/220834

ސުވާލަކީ މިއީ ހަގީގަތުގައި 'ބޮޑު ބަދަލެއް' ތޯއެވެ؟ ނޫނީ، މިއީ ނުނިޔަތެއްގައި ކުރައްވާ ސިޔާސީ ގޭމެއްތޯއެވެ؟

ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ގަބޫލުކުރައްވަނީ މިއީ ގާނޫނުއަސާސީ ހަތިޔާރަކަށް ހަދައިގެން ވެރިކަން ހޯއްދެވުމުގެ ނިޔަތުގައި ކުރައްވާ ހީލަތްތެރި މަސައްކަތެއް ގޮތުގައެވެ. އެ ވިސްނުމަށް ބުރަވެވޭނެ ބައިވަރު ސަބަބުތައް އެބަހުއްޓެވެ.

"މި ފެނިގެންދަނީ އަނެއްކާ ވެސް މިހާރުގެ ސަރުކާރުން ވެރިކަމުގެ ބާރުތަކާއި ދައުލަތުގެ މުއައްސަސާތައް ކޮންޓްރޯލްކޮށް ވެރިކަމުގައި ދެމިތިބުމަށް ޤާނޫނުއަސާސީ ހަތިޔާރަކަށް ހަދައިގެން ކުރަމުން އައި މަސައްކަތް، އިދިކޮޅަށް ނިސްބަތްވާ ފެކްޝަނަކުން އެހެން ސިފައެއްގައި ވެރިކަމަށް އައުމަށްޓަކައި ޙީލަތްތެރިކަމާ އެކު ފަށައިފައިވާ މަންޒަރު،" އަބްދުﷲ ދީދީ ލިޔުއްވާފައިވެއެވެ.

މިހާ ހިސާބުން ކުރަން ޖެހޭނެ އެންމެ ބޮޑު ސުވާލަކީ، މިވަރުގެ ބޮޑު ބަދަލެއް މި އިއުލާނުކުރެއްވީ އެމްޑީޕީގެ ތެރޭގައި އެ މަޝްވަރާ ކުރައްވާފައި ހެއްޔެވެ؟

https://sun.mv/220876

ނަޝީދާއި ފައްޔާޒުގެ އެއްވެސް ކޮންޓްރޯލެއް ނެތް ސަރުކާރަކަށް، ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ގާނޫނުއަސާސީ ބަދަލުކޮށް، މުޅި ވެރިކަމުގެ ނިޒާމު އެފުށް މިފުށަށް ޖަހަން ލަފާދެއްވާއިރު، އެ ފަދައިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަމަލު ނުކުރައްވާނެކަން ނަޝީދަށް ވުރެ ބޮޑަށް އެނގިވަޑައިގަންނަވާނެ ދެވަނަ ބޭފުޅަކު ނުހުންނާނެއެވެ.

"އެންމެ ފުރަތަމަ މަސައްކަތަކަށް ވާންޖެހޭނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މި ކަމާ ގުޅޭ ގޮތުން މަޝްވަރާކުރުން. އަދި، އެ ގައުމީ މަޖިލީހުގެ ބަލައިގަތުން ލިބުން،" ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު އެއްބަސްވެލެއްވިއެވެ.

އެކަމަކު، ކަން ކުރެއްވި ދިމާ އިދިކޮޅަށެވެ.

ފުރަތަމަ އެ ވާހަކަ އިއުލާނުކުރެއްވީ ނޫސްވެރިންނަށެވެ. އެ ބަދަލުތަކުގެ ވާހަކަ ފެއްޓެވީ މީޑިއާއިންނެވެ. ޕާޓީގެ ގައުމީ މަޖިލީހުގައެއް ނޫނެވެ. އެ ވެސް، ފައްޔާޒް ވެރިކަމަށް ވަޑައިގަންނަވަން ތާއީދުކުރައްވާ ކަމަށާއި ތިމަން މަނިކުފާނު ޗެއާޕާސަން ކަމަށް ކުރިމަތިލައްވާނެކަމާއި ބޮޑުވަޒީރުކަމުގެ ހުވަފެންފުޅު އަދިވެސް ދޫކޮށް ނުލައްވާކަން އިއުލާނުކުރައްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެވެ.

"ފެނުނީ ރިޔާސީ މެނިފެސްޓޯއެއް. ދެވަނަ ކަމަކަށް ނަޝީދު ޗެއާޕާސަންއަކަށް ވުމާއި މި ބަދަލާ އޮތީ ކޮން ގުޅުމެއް؟ ފައްޔާޒް އަމިއްލަފުޅަށް އިސްތިއުފާދެއްވީ ދެން ކީއްވެ؟" ސިޔާސީ ދާއިރާގެ ތަޖުރިބާކާރަކު އެއްސެވީ މި ދެ ސުވާލެވެ.

https://www.sun.mv/214308

ނޮވެންބަރު 23 ގައި ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވީ އަމިއްލަފުޅަށެވެ. އޭގެ ކުރިން އޮތީ ޕާޓީގައި ރައީސެއްގެ އިތުރުން، ޗެއާޕާސަނެއް ހުންނެވުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވެފައެވެ. އިސްތިއުފާދެއްވަމުން ވިދާޅުވީ، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ޕާޓީ ހިންގަވާއިރު ހުރަހަކަށް ވާން ނޭދޭ ކަމަށެވެ.

ވަކިވެވަޑައިގަންނަވަމުން ވެސް ފައްޔާޒް އެދިވަޑައިގަތެވެ.

"އެއް އުރައެއްގައި ތިން ކަނޑިއަކަށް ނޯވެވޭނެއެވެ،"

އެހެންވީމާ މިހާރު މި ހިނގާ ކަންކަމަކީ ސިޔާސީ ނިފާގުކަމޭ ނުބުނެވޭނެ ހެއްޔެވެ؟ މިއީ ރިފޯމް އެޖެންޑާއެކޭ ބުނެވޭނެ ހަމަ އެއް ގޮތެއް ވެސް ނުވިސްނެއެވެ. އޭގެ ބަދަލުގައި އެ މެނިފެސްޓޯގެ ފަހަތުން ފެންނަނީ، ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވި ފަދައިން ވެރިކަން ހޯއްދެވުމުގެ ހީލަތްތެރި ރޭވުމެކެވެ.

ނަޝީދަށް ޕާޓީ ހޯދުމުގެ ރޭވުމެއް؟

ނިކަން ވިސްނާލަ ބަލާށެވެ. ފައްޔާޒް އިސްތިއުފާދެއްވީ ޗެއާޕާސަނަކު ހުންނެވީމާ އެއް އުރައެއްގައި ތިން ކަނޑި އޮންނަން ޖެހޭތީއެވެ. މިހާރު އޭނާ އެ ހުންނެވީ ހަމަ އެ މަގާމަށް އެއަށް ވުރެ ބޮޑު ކަނޑިއެއް ވަޑައިގަންނަވަން އެއްބަސްވެލައްވައިގެންނެވެ. 'ސެންސް މޭކެއް' ނުކުރެއެއްނޫން ހެއްޔެވެ؟

މިއީ ފައްޓަމުން ދެއްކި ވާހަކައެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ޓިކެޓަށް ނަޝީދު ވާދަކުރެއްވިއެވެ. ޖަނަވަރީ 2023 ގައި އޮތް އެ ޕްރައިމަރީގައި ނަޝީދަށް 15،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އެކަމަކު، ދެން ވާދަކުރެއްވި ކުރީގެ ރައީސް ޞާލިޙް 25،000 އެއްހާ ވޯޓު ހޯއްދެވިއެވެ. ބޮޑު، މާސިންގާ ބައްޔެކެވެ.

https://www.sun.mv/207684

ދެން ކަން ކުރެއްވީ ކިހިނެއް ހެއްޔެވެ؟

ޑިމޮކްރަސީގެ 'ޗެމްޕިއަން'ކަމަށް ވަކާލާތުކުރެއްވި ނަޝީދުގެ ފަރާތްޕުޅުން ދެން ފެނުނީ ވަރަށް ޑިމޮކްރަސީއާ ބީރައްޓެހި ލަދުހުތުރު ކަންކަމެވެ. ނަތީޖާ ގަބޫލުފުޅު ނުކުރައްވާ 'ބޮޑާ ހޭކީ'އެވެ. އެ ވަގުތު، ޖެހޭނީ ގޮތް ދޫކުރައްވާށޭ، ނަޝީދާ ނުލާ ވިޔަސް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނަމޭ ވިދާޅުވީ ފައްޔާޒެވެ.

އެ ވަރުން ދުލެއް ނުދެއްވައެވެ. ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. ކުޑަކުޑަ އެ ޕާޓީން ރިޔާސީ ކެންޑިޑޭޓެއް ވެސް ނެރުއްވިއެވެ. ސެޕްޓެންބަރު 2023 ގައި އޮތް ރިޔާސީ އިންތިޚާބުގައި ނަޝީދުގެ އެ ޕާޓީއަށް ލިބިވަޑައިގަތީ އެންމެ ހަތް އިންސައްތައެވެ. އެއީ، 15،839 ވޯޓެވެ. ޕާޓީގައި ކިިރިޔާ 3،000 އެއްހާ މެންބަރުން ހަމަވަނީއެވެ.

ދެން އޮތް މަޖިލީސް އިންތިޚާބުގައި ވީ ކިހިނެއް ހެއްޔެވެ؟

މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، ކުރީގެ މެންބަރުން ކަމަށްވާ އިމްތިޔާޒް ފަހުމީ، ހަސަން ލަތީފް، އިބްރާހިމް ރަޝީދު (ބޮންޑޭ) ފަދަ ބޭބޭފުޅުންނަށް ނާކާމިޔާބުވީއެވެ. ސިޔާސީ ގޮތުން ވަރުގަދަ ކެންޑިޑޭޓުންތަކެއް ނެރުއްވައިގެން ވެސް މަޖިލީހުގެ އެންމެ ގޮނޑިއެއް ހޯއްދަވަން ވެސް ނަޝީދު ނުކުޅެދުނީ ނޫން ހެއްޔެވެ؟ މިއީ ތިމަން މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ސަރުކާރެކޭ ނަޝީދަށް ވިދާޅު ނުވެވޭ ހެއްޔެވެ؟

https://www.sun.mv/173431

ޖޫން 17، 2025 ގައި އެނބުރި އެމްޑީޕީއަށް ވަޑައިގަންނަވަން ނިންމެވީ، ސިޔާސީ ގޮތުން އެކަނި ކުރިއަށް ނުދެވޭނެކަން ސާފުވެވަޑައިގަތުމުންނެވެ.

ސިޔާސީ ކެރިއަރުގައި އެއްވެސް ކުރިމަގެއް ލިބިވަޑައިގެންނެވިޔަސް ލިބިވަޑައިގަންނަވާނީ އެނބުރި އެމްޑީޕީއަށް ވަޑައިގަންނަވައިގެންކަން ސާފުވެވަޑައިގަތުމުންނެވެ. އެ މަނިކުފާނު ހީފުޅުކުރެއްވި ނަމަވެސް އެމްޑީޕީގެ ފޫވައް އެއީ ނަޝީދު ނޫންކަން ވިސްނިވަޑައިގަތުމުންނެވެ.

"ނަޝީދުގެ މާޒީއަށް ބެއްލެވީމާ ފައްޔާޒާ އެކު ހައްދަވައިގެން އެ އުޅުއްވާ ކޯލިޝަން ވެސް ނިމޭނެ ގޮތް އެނގޭނެ،" ސިޔާސީ ދާއިރާގައި 25 އަހަރެއްހާ ދުވަސްވެފައި ހުންނެވި ސީނިއާ ބޭފުޅަކު ވަރަށް ކުރުކޮށް ޖަވާބުދެއްވިއެވެ.

"އޮޕޮޒިޝަން އެންމެ އެއްބައިވަންތަ ވާންވީ ވަގުތު އަނެއްކާ ވެސް އެ އުޅުއްވަނީ އަމިއްލަ އެދުމެއްގައި ނޫންތަ؟ ޕާޓީގެ ގައުމީ މަޖިލީހުންނާއި، ހިންގާ ކޮމިޓީން ގޮނޑިއެއް ދިނީ ޕާޓީގެ މަސްލަހަތަށްޓަކައެއް ނޫންތަ؟ އެ ހުރިހާ ކަމެއް ދޫކުރައްވާފައި، ގޮނޑި ލިބުމާ އެކު، އެ ފެއްޓެވީ ރިޔާސީ ކެމްޕޭން،"

https://www.sun.mv/204711

އެކަން ހިނގި ގޮތް ހަނދާން ނެތޭހާ ދުވަސް ވެއްޖެ ހެއްޔެވެ؟

ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބެކެވެ. ފަސް ސިޓީގެ ފުރިހަމަ ކޮންޓްރޯލް ނެގިއެވެ. ގިނަ ކައުންސިލްތައް ވެސް ހޯދިއެވެ. އެކަމަކު، އެ ކާމިޔާބު ފާހަގަކުރަންވާއިރަށް މައްސަލަ ޖެހި، ބޮޑު ހައިޖާންގަނޑަކަށް ބަދަލުވެއްޖެއެވެ.

ވީގޮތް:

  • ކާމިޔާބު ފާހަގަކުރަން ބޭއްވި ޖަލްސާ ނަޝީދާއި ފައްޔާޒް ބޮއިކޮޓްކުރެއްވި
  • ވާހަކަފުޅުދައްކަވަން ފުރުސަތު ނުދެއްވި ކަމަށް ވިދާޅުވެ، ހިތްދަތިވެވަޑައިގެން ކަމަށް ނަޝީދު ވިދާޅުވި
  • ކުއްލި ގޮތަކަށް ލީގަލް ޑިރެކްޓަރާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވަކިކުރި. އެއީ، ނަޝީދު ފެކްޝަންގެ ދެ ބޭފުޅުން
  • ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދި
  • އެކުގައި ކުރިއަށް ދާނެ ގޮތެއް ހޯދިއްޖެ ކަމަށް ޞާލިޙް އިއުލާނުކުރެއްވި
  • ނަޝީދަށް ގައުމީ މަޖިލީހުން ގޮނޑިއެއް ދެއްވައި، ޕާޓީ ހިންގަން ނަޝީދާއި ފައްޔާޒް ހިމަނުއްވައިގެން ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލި

https://www.sun.mv/220465

ފަހުން ގަފޫރު ވިދާޅުވި ގޮތުގައި ވާހަކަދައްކަން ފުރުސަތު ނުދެއްވާން ނިންމެވުމުން ޖަލްސާ ބޮއިކޮޓު ކުރިކަން ނަޝީދު އިއުލާނުކުރެއްވީ، އެ ފުރުސަތަށް އެދުމުން މަޝްވަރާ ކޮށްލާނެ ވަގުތު ވެސް ނުދީއެވެ. ރޭވުމެއްގެ ގޮތުގައި ދޭހަވާ މޭރުމަކުން ގަފޫރު އެ ވާހަކަ ފަހުން ހިއްސާކުރެއްވިއެވެ.

ސިޔާސީ ބޭފުޅެއް ނަމަ، ނަޝީދުގެ ވާހަކަފުޅަށްވުރެ ގަފޫރުގެ މި ވާހަކަ ގަބޫލުކުރަން ފަސޭހަވާނެއެވެ.

އެ ހައިޖާންގަނޑަށް ފަހު، ދެން މި ފެނުނީ ކޮން ކަމެއް ހެއްޔެވެ؟ ދާއިމީ ޗެއާޕާސަންކަމަށް ނަޝީދު ފައި ނެންގެވުމެވެ. ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރެއްވުމެވެ. މެނިފެސްޓޯއެއް ލޯންޗުކުރެއްވުމެވެ. މި ހިނގި ކަންކަން ނިއުޅަމުން ނިއުޅަމުން ގޮސް، މުޅި މަންޒަރު ދުރުން ބަލާލީމާ ފެންނާނީ އެންމެ މަންޒަރެކެވެ. ހަގީގީ މަންޒަރެވެ.

ވައްތަރީ ރިފޯމް އެޖެންޑާއަކަށްވުރެ ބޮޑަށް ޕާޓީ އަތުލުމުގެ އެޖެންޑާއަކާއެވެ.

comment ކޮމެންޓް