އެމްއޭސީއެލްއިން މަސައްކަތް ނުކުރުވާ މުސާރަ ދޭ ކަމަށް ބުނާ މައްސަލަ މަޖިލީހަށް

ވެލާނާ އެއާޕޯޓުގެ މަލަމަތި: އެމްއޭސީއެލުން މަސައްކަތް ނުކުރުވާ މުސާރަ ދޭ މައްސަލައެއް ވަނީ ފެންމަތިވެފައި --- ފޮޓޯ/ އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މަސައްކަތަށް ނުނުކުންނަ ސިޔާސީ މުވައްޒަފުންނަށާއި ބައެއް މީޑިއާތަކަށް ފައިސާ ދެމުންދާ ކަމަށް ބުނާ މައްސަލައެއް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ މަސައްކަތް ނުކުރާ ސިޔާސީ މުވައްޒަފުންނަށް މަހަކު 2.4 މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށާއި، މިއީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެހެނިހެން ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށެވެ. ކުންފުނީގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް ހަގީގަތް ހޯދުމަށް ވަނީ އެދިވަޑައިގެންފައެވެ.

  • އެމްއޭސީއެލްއިން މަސައްކަތް ނުކުރާ ސިޔާސީ މުވައްޒަފުންނަށް މުސާރަދޭ މައްސަލަ މަޖިލީހަށް ހުށަހެޅުން
  • މަހެއްގެ މައްޗަށް 2.4 މިލިއަން ރުފިޔާ މިކަމަށް ޚަރަދުކުރާކަމަށް ތުހުމަތުކުރުން
  • އިޝްތިހާރުކުރުމުގެ ނަމުގައި މަގުބޫލުނޫން މީޑިއާތަކަށް ފައިސާދޭކަމުގެ ތުހުމަތު
  • އެމްއޭސީއެލްގެ އިސްވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމަށް އެދުން

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވަޒީފާއަށް ނުނުކުންނަ ސިޔާސީ މުވައްޒަފުންނަށާއި ބައެއް މީޑިއާތަކަށް ފައިސާ ދެމުންދާ ކަމަށް ބުނާ މައްސަލައެއްގެ ހަގީގަތް ހޯދަން، އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން މިއަދު އެދިއްޖެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލެވެ.

މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީއަށް ހުށަހެޅި މި މައްސަލާގައި ބުނެފައިވަނީ، އެމްއޭސީއެލްއިން މަސައްކަތަށް ނުނުކުންނަ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހަކު 2.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. މި ކަމާ ގުޅޭ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މިއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.

އަމީން ފައިސަލް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، މިއީ ހަމައެކަނި ސިޔާސީ ކަމެއް ނޫން ކަމަށާއި މިއީ ދައުލަތުގެ ފައިސާއަށް ނަހަމަ ގޮތުގައި އަރައިގަތުމުގެ އަމަލެއް ކަމަށެވެ. އަދި، މި ކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުލްއުގޫބާތު، އޭސީސީގެ ގާނޫނު، މާލިއްޔަތު ގާނޫނު އަދި ވަޒީފާއާ ބެހޭ ގާނޫނާ ވެސް ހިލާފު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/220858

މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އޮންނަ ޑިމާންޑާ އެއްގޮތަށް ފްލައިޓުތައް އޮޕަރޭޓު ކުރުމަށް ޖާގަ ނުދެވޭއިރު، ކުންފުނި އިތުރަށް އިޝްތިހާރު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، އިޝްތިހާރުކުރުމުގެ ނަމުގައި ބައެއް މީޑިއާތަކަށް، އޭގެ ތެރޭގައި މަގުބޫލު ނޫން މީޑިއާތައް ހިމެނޭހެން، ބޮޑެތި އަދަދުތަކުން ފައިސާ ދޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ މަސައްކަތް ނުކުރާ މުވައްޒަފުންތަކަކަށް އެމްއޭސީއެލްއިން މުސާރަދޭ ކަމުގެ ތުހުމަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކޮށްފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެމްއޭސީއެލްއަށް ބޮޑު މުސާރައިގައި ސިޔާސީ މުވައްޒަފުން ނަގާފައިވާ ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

https://sun.mv/220483

މަސައްކަތް ނުކުރާ ބަޔަކަށް ކުންފުނީގެ ފައިސާ ހަރަދުކުރުމަކީ އޮޕަރޭޝަނަލް ހަރަދު ބޮޑުވެ، ސަރުކާރަށް ލިބޭ ޑިވިޑެންޑު ކުޑަވާނެ ކަމެއްކަން މެންބަރު އަމީންގެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުލަތުގެ މާލިއްޔާއަށް ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކޮށް، އެމްއޭސީއެލްގެ އިސްވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް، މިކަމުގެ ހަގީގަތް ސާފުކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް