މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް އެތައް މުވައްޒަފުންނެއް ނަގައި، ގޭގައި ބައިތިއްބައިގެން މުސާރަ ދޭކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު "ފިނި" ޖަވާބެއް ދެއްވައިފިއެވެ.
އެމްއޭސީއެލްއަށް ވަޒީފާއަށް ނެގުމަށް ފަހު، އެއްވެސް މަސައްކަތެއް ހަވާލު ނުކޮށް އެތައް މުވައްޒަފުންނަކަށް މުސާރަ ދޭކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ. އެ ފަދަ 85 މުވައްޒަފެއްގެ ނަން ހިމެނޭ ލިސްޓެއް ވެސް މި ފަހުން ސޯޝަލް މީޑިއާގައި ވަނީ ލީކްކޮށްލާފައެވެ. އެ ލިސްޓާ އެކު އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް މުއިއްޒު ސީދާ ޖަވާބެއް ނުދެއްވައެވެ. އެ މަނިކުފާނު ވިދާޅުވީ، ކުންފުނިތައް އިސްލާހުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"އެމްއޭސީއެލް އެކަންޏެއް ނޫން، ޖުމުލަކޮށް ހުރިހާ އެސްއޯއީތަކުގައި ވެސް މުވައްޒަފުންގެ އަދަދު މަދުކުރަން މިހާރު އެ އޮތީ ފިނޭންސް މިނިސްޓަރު ޕީސީބީއަށް އަންގާފައި،" އެ މަނިކުފާނު ފުރަތަމަ ދެއްވި ޖަވާބަކީ އެއީއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ޕާފޯމަންސްއާއި މަސައްކަތުގެ ފަރުވާތެރިކަމާއި، ވަޒީފާއަށް ގަޑިއަށް ނުކުތުމާއި ހާޒިރީއާއި އެ ނޫން ވެސް ކަންކަމަށް ބަލާފައި ހުރިހާ ކުންފުންޏަކަށް ވެސް އިސްލާހީ ބަދަލު ގެންނަން މިހާރު ސަރުކާރުން އަންގާފައިވާނެ ކަމަށެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ ސަރުކާރުގެ ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރަން ފިނޭންސް މިނިސްޓްރީން ޕީސީބީއަށް އެންގި އެންގުމަށެވެ.
"އޭގެ ތެރެއިން އަޅުގަނޑު ގަބޫލުކުރަނީ ވަރަށް ގިނަ އިސްލާހީ ބަދަލުތަކެއް، ހެޔޮ ބަދަލުތަކެއް އަންނާނޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު، ސީދާ އެ ތުހުމަތަކީ ތެދެއް ނުވަތަ ދޮގެއްކަން އެ މަނިކުފާނު ސާފުކޮށް ނުދެއްވައެވެ.
"ނޫން، އަޅުގަނޑާ ހަމައަކަށް ތި ކަހަލަ ލިސްޓެއް ނާދޭ،" މަސައްކަތެއް ހަވާލުނުކޮށް، މުސާރަ ދޭ މުވައްޒަފުން ތިބިތޯ ނުވަތަ ނޫންތޯ ދެވަނަ ފަހަރަށް ނޫސްވެރިޔާ ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ޖުމުލަކޮށް ހުރިހާ ކުންފުނިތަކަށް ވެސް އިސްލާހީ ފިޔަވަޅު އަޅައި، މުވައްޒަފުންގެ އަދަދު މަދުކުރަން އަންގާފައިވާނެ ކަމަށެވެ.

ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: އެ މަނިކުފާނު ވިދާޅުވީ، ކުންފުނިތައް އިސްލާހުކުރަން އަންގަވާފައިވާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
އެއްވެސް މަސައްކަތެއް ނުކޮށް އަދި އެއްވެސް ވަރަކަށް އޮފީހަށް ދާން ވެސް ނުޖެހޭ މުވައްޒަފުންތަކަކަށް ބޮޑެތި އަދަދުތަކުން މުސާރަ ދެމުންދާ ކަމަށް ބުނެ، އެ ފަދަ 85 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި ލީކްކޮށްލީ 'ހަސަން ކުރުސީ'ގެ ނަމުގައި ކާކުކަން ނޭނގޭހެން ހިންގާ އެކްސް އެކައުންޓުންނެވެ. އެ ލިސްޓުގައި ނުފޫޒު ގަދަ ބައެއް ބޭފުޅުންނާއި ކުރީގެ ބައެއް މަޖިލީސް މެންބަރުން ވެސް ހިމެނެއެވެ.
އެ ތުހުމަތާ ގުޅިގެން އެމްއޭސީއެލްއިން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެއެވެ.
އެކަމަކު، އެ ކުންފުނީގައި މަސައްކަތްކުރާ ބައެއް ސީނިއާ މުވައްޒަފުން ވަނީ އެ ފަދަ ތުހުމަތުތަކެއް އަމާޒުވާކަން ކަށަވަރުކޮށްދީފައެވެ. އަދި، ސޯޝަލް މީޑިއާގައި އާންމުވި ލިސްޓުގައި ހިމެނޭ ބައެއް މުވައްޒަފުންނަށް މުސާރަ ދޭކަން ކަށަވަރުކޮށްދީފައެވެ.