ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ ސްކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމު ފުރުއްވަން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު، އެ މަގާމުގެ ދައުރު ނިމުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެއަށް ވަޑައިގެންފިއެވެ.
އެ މަނިކުފާނު ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެންކަން އިއުލާނުކުރެއްވީ އެ މަގާމަށް ވަޑައިގަންނަވަން ޑިސެންބަރު 2023 ގައެވެ.
އޭގެ ފަހުން ވެސް ބައެއް ކެމްޕޭންތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ މަނިކުފާނު ރާއްޖެ ވަޑައިގެންނެވިއެވެ. އަދި، މި ފަހުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު، އެ މަނިކުފާނު އަންނަނީ ވަރަށް ބޮޑަށް އަނެއްކާ ވެސް ސިޔާސި ކަންކަމުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ސީވީއެފްގެ ރަސްމީ ވެބްސައިޓުގައި ވާގޮތުން ނަޝީދުގެ އެސްޖީކަމުގެ ދައުރު މިހާރު ވަނީ ހަމަވެފައެވެ. 'ސަން'އަށް އެނގިފައިވާ ގޮތުގައި އެ މަނިކުފާނު ވަނީ މިއަދުގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގެންފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެ މަނިކުފާނު އެނބުރި ވަޑައިގެންނެވިއިރު، އެމްޑީޕީން ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ވެސް އެ މަނިކުފާނަށް ގޮނޑިއެއް ދޭން ނިންމާފައެވެ. އެފަދައިން ނިންމީ އެ ޕާޓީގެ އެތެރޭގައި މި ފަހުން އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.
ނަޝީދު އިއްޔެ ވަނީ އެ މަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ނުސީދާ ގޮތެއްގައި އެފަދަ ޕޯސްޓެއް ވެސް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވިދާޅުވީ، "ހުރިހާ އެންމެން ވެސް އެނބުރި ހާއްޔަށް އަންނަން ތައްޔާރުވެލައްވާ"އެވެ. އެކަމަކު، އެއީ ކޮން މާނައެއްގައި ކުރެއްވި ޕޯސްޓެއް ކަމެއް މުޅިއަކުން ސާފެއް ނޫނެވެ.
ރާއްޖެއަކީ ސީވީއެފްގެ މެންބަރު ގައުމެކެވެ. ސީވީއެފްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009ވަނަ އަހަރުގެ ރާއްޖޭގައެވެ.
އެ ފޯރަމްގެ މައިގަނޑު މަޤްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކުރުވުމެވެ. އަދި ތިމާވެއްޓާ ރަހްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް، މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ.